ފާފަކުރުމާއި ދުރުހެލިވެ ހެޔޮ ޢަމަލުކުރުން ގިނަކުރާވަރަކަށް އެދެވެނީ ސުވަރުގެއާއި ކައިރިވެވެމުންނެވެ. އިން ޝާ ﷲ. ހަމަ އެއާއިއެކު ފާފަކުރުން ގިނަކޮށް އަޅުަކްނކުރުން މަދުކުރާ ވަރަކަށް އެދެވެނީ ސުވަރުގެއާއި ދުރަށްޖެހެވި ނަރަކައާއި ކައިރިވެވެމުންނެވެ.
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ރަމަޟާން މަހު ގިނަ ބައަކު ތިބެނީ ފާފަތަކާއި ދުރުހެލިވެގެންނެވެ. ގިނަބައަކު އަޅުކަންކުރުން ގިނަކުރެއެވެ. އެދަނީ ސުވަރުގެއާއި ކައިރިވެވެމުންނެވެ. ސުވާލަކީ އަހަރު ދެބައިވިއިރު ރަމަޟާންމަހު ޢަމަލުކުރި ގޮތަށް ޢަމަލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ރަމަޟާންމަހު ކުރިމަސައްކަތުން ސުވަރުގެއާއި ކައިރިވެވުނު ވަރުގެ އެތައް ގުނައަކަށް މިހާރު ދުރަށް ޖެހެވިފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ ވީމާ އޮތީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޙާލާއިމެދު ވިސްނައިލުމެވެ.
ތިރީގައިވާ ދަރުސް ވިދާޅުވެލައްވާށެވެ! ފައިދާކުރާނެއެވެ! އިން ޝާ ﷲ
"އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: ޢަހްދު ތަކުގެ ބާރު ލިބިގަތުމަށްފަހު، އެ ޢަހްދުތައް އުވައިލާ ބައަކު ކަމުގައި ތިއަބައިމީހުން ނުވާށެވެ!) ތިއަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިއަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބައަކު، އަނެއްބައަކަށްވުރެ ގިނަބައަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިއަބައިމީހުން އެކަމުން އިމްތިޙާން ކުރައްވަތެވެ. އަދި ތިއަބައިމީހުން، ޚިލާފްވެ އުޅުނުކަންތައް، ޤިޔާމަތް ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ." (ނަޙްލް ސޫރަތުގެ 92)
މިއީ މައްކާގައި އުޅުނު މޮޔަ އަންހެނެއްގެ ވާހަކައެވެ. އޭނާ ކުރާ ކަމަކީ އޭނާ ގެންގުޅޭހައި ތަކެތި ރޮދިފަށަކުން ބަންނަނީއެވެ. ބަނުމަށްފަހު މޮހެލައި އަލުން އަތުރައި ތަރުތީބުކުރުމަށްފަހު އަނެއްކާވެސް ބޮނޑިކޮށްލުމަށްފަހު ރޮދިފަށުން ބަންނަނީއެވެ.
މިއާޔަތުގެ ތަފްސީރު ހާމަކުރައްވަމުން ޢިލްމްވެރިން ބަޔާން ކުރައްވަވަނީ އަޅުކަމުގައި ދެމިތިބުމަށް ﷲ ތައާލާ އަށް ޢަހްދުވުމަށްފަހު ޢަހްދު އުވާލައި ފަހަތަށް ދިއުން ކަމަށެވެ. ﷲ ތައާލާ އަންގަވާފައި އެވަނީ އެގޮތަށް އެކަން ނުކުރުމަށް ކަމަށެވެ.
ނަމާދުގައި ކިޔާ ދުޢާއުލްއިފްތިތާޙްގައި އަޅުގަނޑުމެން އެތައް ވައުދުތަކެއް ވަމުއެވެ. ނަމަވެސް އަމަލުތަކުން އެކަމެއް ނުދެއްކެއެވެ. ރަމަޟާން މަހު ވީ ވަޢްދުތައް ކޮބައިހެއްޔެވެ؟ އެ ވަޢްދުތަކަށް އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟ ވީއިރު މިއާޔަތަށް އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟
ﷲ ތައާލާއަށް އަޅުކަންކުރަން އިއްޔެ ހުރި ރޫޙް މިއަދު ނެތްކަމަށް ބުނެވިދާނެއެވެ. އެހެނީ ރަމަޟާން މަހު މިސްކިތްތައް ފުރި ބާރުވެގެންދިއައެވެ. އަދި މިއުޅެނީ ޝައްވާލް މަސް ނުނިމިގެންނެވެ. މިއަދު މިފެންނަނީ ރަމަމާން މަހު ފެނުނު މަންޒަރެއް ނޫނެވެ. ރަމަޟާން މަހު ހުރި ރޫޙާއި ގާތަކަށްވެސް އަޅުކަން ކުރެވެމުންދާތަނެއް ނުފެއެވެ.
މިހައި އަވަހަށް މިފަދަ ބޮޑު ބަދަލެއް އައިސްފައި މިވަނީ އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ޢިލްމުވެރިން ނަޞޭޙަތް ދެއްވަމުން ދެންދަވަނިކޮށް އިލްތިމާސްކުރައްވަމުން ގެނަދަވަނިކޮށެވެ. އެހެންކަމުން މިހައި އަވަހަށް މިހައި ބޮޑު ބަދަލެއް އައުމުން އުފެދޭ ސުވާލަކީ ރަމަޟާންމަހު ކުރި އަޅުކަމުން ލިބުނު އެއްވެސް މިންވަރެއް ޢާޚިރަތަށް ގެންދަން ލިބޭނެ ހެއްޔެވެ؟ ނޫނީ ދާނީ ހަމަ ބާކީވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! އަޅުގަނޑުމެންނަކީ ރޯދަމަހުގެ ކަލާނގެއަކަށް ނުވަތަ ހުކުރު ދުވަހުގެ ކަލާނގެއަކަށް އަޅުކަންކުރާ ބައަކަށް ވެގެންނުވާނެއެވެ. އަޅުގަނޑުމެން ވާންޖެހޭނީ ހުރިހާ ދުވަސްތަކެއްގައި، ހުރިހާ ޒަމާނެއްގައި އަހަރެމެންގެ ހުރިހާ އަމަލުތަކަށް ބައްލަވައިވޮޑިގެންވާ ކަލާނގެއަށް އަޅުކަންކުރާ ބައަކަށެވެ. އެހެންކަމުން އަޅުކަން ކުރަން ޖެހޭނީ ވަކި މަހެއްގައި، ވަކި ދުވަހެއްގައެއް ނޫނެވެ. ހުރިހާ ދުވަހަކުއެވެ.
މިފަދަ ވާހަކަތައް އަބަދުވެސް ދެއްކެއެވެ. ހުރިހާ ޢިލްމުވެރިންވެސް ދައްކަވައެވެ. އެއީ މީސްތަކުންނަށް ހަނދުމަކޮށްދީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަން ކުރުންމަތީގައި ދެމިތިބުމަށް މީސްތަކުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ހަނދާންކޮށްދިނުމަކީ އަބަދުވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ.
- ޝައިޚް ޢަލީ ރިޟާގެ ދަރުސަކުން