ދާދިފަހުން ހިނގި ކަމެކެވެ. އަނބިމީހާ ފިރިމީހާގެ ކިބައިން އެދުނީ އެންމެ ކަމެއް އިޞްލާޙްކޮށްލައި ދިނުމަށެވެ. އެއީ ރޭގަނޑު އެކުވެރިންނާއިއެކު ބޭރުގައި އުޅޭ ވަޤުތު މަދުކޮށްލައި ތަންކޮޅެއް އަވަހަށް ގެއަށް އައިސް ދިނުމަށެވެ. އެކަންވީ ފިރިމީހާގެ މިންވަންކަމާއި ބެހުން ކަމަށެވެ. އަދަބެއްގެ ގޮތުން ވަރިކޮށްލީއެވެ.
އެވަރިޢާއިބެހޭ ގޮތުން ގޮތް ނިންމާނީ ޤާޟީއެވެ. ހަމަޤައިމުވެސް އޭނާ އަނބިމީހާ ވަރިއެކުރީ ވަރިކޮށްގެންވާނެ ސަބަބަކާއިހުރެއެއް ނޫނެވެ. އެކަމުގެ ޖަޒާ އޭނާ ދެކޭނެތެވެ.
އަހުރެމެންނަކީ މުސްލިމުންނެވެ. މިތިބީ އިސްލާމް ދީނުގައެވެ. ދީނަކީ ނަޞީޙަތެވެ. އެކަމަކު ނަބީޙަތް ދިނީމާ އަންނަނީ ރުޅީއެވެ. އެހެންކަމަށްވާނަމަ އެމީހަކަށް އެހުރެވެނީ އަހުރެމެން ޤަބޫލުކޮށްގެން މިތިބަ ދީނުގައި ހެއްޔެވެ؟ އަހުރެން ޖަވާބު ދިނުމަށްވުރެ ފައިދާކުރާނީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ޖަވާބުދިނިއްޔާއެވެ.
ބައެއް މީހުންނަކީ އެމީހުން ދިރިއުޅެމުން އަންނަ ގޮތް ބަދަލުކޮށް އިޞްލާޙްވާން ބޭނުންވާ ބައެއް ނޫނެވެ. ވީމާ އެމީހުންގެ ބައިވެރިޔާ، އޭނާގެ ކަންކަން އިޞްލާޙްކުރަން ބުނާނަމަ އަންނާނީ ރުޅިއެވެ. އަދި ދެމަފިރިން ވަކިވާންވެސް ނިންމައެވެ.
މިފަދަ ފިރިހެނުންގެ ގާތުގައި އިޞްލާޙްވާން ބުނާ އަނބިމީހާ ވަރިކޮށްފައި ކައިވެނިކުރާނީ އޭނާ އުޅޭ ގޮތަށް ރުހޭ އަންހެނަކާއިއެވެ. އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ލިބޭ ގެއްލުމާއިމެދު ވިސްނައިލެވޭނީ ސަލާމަތް ނުވެވޭ ހިސާބަށް ކަންކަން ދިއުމުންނެވެ.
އެޙާލަތަށް ދިއުމުން ކުރީ އަނބިމީހާ ދިން ނަޞޭޙަތްތަކާއިމެދު ވިސްނި އޭނާއަށް ތަޢްރީފްކުރާނެއެވެ. އެއަނބިމީހާ އަނބުރައި ހޯދަންވެސް ބޭނުންވާނެއެވެ. ނަމަވެސް ގިނަ ފަހަރު އޮންނާނީ އެފުރުޞަތު ގެއްލިފައެވެ.
އަނބިންނަށް ބުނެލަން ބޭނުންވަނީ ފިރިންގެ ކިބައިގައި އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުރުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ. އެކަންކަން ވިސްނައިދީ އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. އެކަމުގައި ކާމިޔާބު ނުވާނަމަ އޮތީ ވަޤުތު ފާއިތުނުކޮށް ދެމީހުން ވަކިވުމެވެ.
މިމައްސަލަ އަނބިންގެ ކިބައިންވެސް ކުރިމަތިވެއެވެ. އަނބިމީހާގެ ކިބައިގައި ހުންނަ އިޞްލާޙްކުރަންޖެހޭ ކަންކަމުގެ ވާހަކަ ބުނާނަމަ ވަރިވެ އޭނާ އާއި އެއް މިޒާޖުގެ ފިރިއަކު ހޯދައެވެ. މިކުރެވުނީ ގޯސްކަމެއްކަން އެނގެނީ ދަރިންތަކެއް ދީފައި ފިލީމައެވެ. ނުވަތަ އަނިޔާ ލިބެން ފެށުމުންނެވެ. ޙާލުގައި ޖެހި ނިކަމެތިވުމުންނެވެ.
އެހިސާބުން ކުރީގެ ފިރިމީހާއަކީ ރަނގަޅު މީހެއްކަން ޤަބޫލުކުރެވެއެވެ. އަލުން އޭނާއާއި ގުޅެންވެސް ބޭނުންވެއެވެ. ނަމަވެސް ވަރަށް މަދުން ނޫނީ އެފުރުޞަތެއް ނުލިބެއެވެ.
ޚުލާޞާއެއްގެ ގޮތުން ބުނެލަން ބޭނުންވަނީ ބައިވެރިޔާގެ ކިބައިގައި ހުންނަ އިޞްލާޙްކުރަންޖެހޭ ސިފަތަކުގެ ވާހަކަ ދައްކާނަމަ އޮތީ ބައިވެރިޔާ ދޫކޮށްލުމެއް ނޫނެވެ. ދެމީހުން ވަކިވުމެއް ނޫނެވެ. އެދައްކާ ވާހަކަތައް އަޑުއަހައި އިޞްލާޙްވުމެވެ. ނޫންނަމަ އެކަމުގެ ހިތާމަ ފަހުން ކުރަންޖެހޭނެއެވެ. މުޅި ޢުމުރަށްވެސް ކުރަންޖެހިދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން