ކުރާ ނަމާދު ނަމާދަކަށްވާނީ ޚުޝޫޢަތްތެރި ވެވުނު ވަރަކުންކަން އެންމެންނަށްވެސް އެނގޭނެއެވެ. ސުވާލަކަށްވަނީ ޚުޝޫޢަތްތެރިވާން މަސައްކަތްކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟ ކޮންމެ ގޮތަކަށްވެސް ޖަވާބު ދެވިދާނެއެވެ. ޔަޤީންކުރަންވީ ކުރި ނަމާދަށް މާކްސް ދެއްވަވާނެ ފަރާތް، ﷲ ތަޢާލާ ހުރިހާ ކަންކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.
ވީމާ އެކަން މިނެކިރަން އުޅުމުގެ ބަދަލުގައި ފުރަތަމަވެސް މިބަޔާންކުރަނީ ނަމާދުގައި ޚުޝޫޢަތްތެރިވާން ބޭނުން މީހުންނަށް ޢިބްރަތަކަށްވާނެ މިޘާލެކެވެ.
ނަމާދުކުރަން ފެށިއިރު ކުރިމަތީގައި މޭޒެއް ހުއްޓެވެ. އެމޭޒުމަތީގައި ފައިސާތަކެއް ބެހެއްޓިފައިވެއެވެ. އެއީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުން ލިބޭނެ އުޖޫރައެވެ.
ތިބާ ނަމާދަށް ފެށީއެވެ. ޚުޝޫޢަތްތެރި ނުވެވެން ފެށީއެވެ. ބޭކާރު ޚިޔާލުތައް އަންނަނީއެވެ. ނިދިވެސް ޖެހެނީއެވެ. ނަމާދުން ބޭރު ކަންކަމަށް ވިސްނެނީއެވެ.
މިފަދަ ކޮންމެ ކަމެއް ކުރުމުން އެ ފައިސާތަކުން މީހަކު ވައްކަން ކުރެއެވެ. އެހެންވެ އެއްބައި މީހުން ނަމާދުކޮށް ނިމޭއިރު އެއިން ބޮޑު ބައެއް ވަނީ ވަގަށް ނަގައިފައެވެ. ގެންދަން ލިބެނީ ވަރަށް މަދު ފައިސާކޮޅެކެވެ. ބައެއް މީހުންނަށް އެނބުރި ދާންޖެހެނީ ހުސްއަތާއެވެ. ގެންދާނެ އެއްވެސް ފައިސާއެއް ނެތީއެވެ.
ދެން ވިސްނާށެވެ! ތިބާގެ ހިތަށް ވަސްވާސްދިނީވެސް، ނަމާދުން ބޭރުކަންކަން ހިތަށް ވެއްދުވީވެސް ޝައިޠޯނާއެވެ. އެކަންކަން ކޮށްފައި ފައިސާއިން ވައްކަންކުރީވެސް ޝައިޠޯނާއެވެ.
އިތުރަށް ވިސްނާށެވެ! ނަމާދުކުރުމުން ﷲ ތަޢާލާ ދެއްވަވާ ޘަވާބުން އުނިވަނީވެސް އަދި އެއްވެސް ޘަވާބެއް ނުލިބި ހުސްއަތާ ނުކުމެގެންދާންޖެހެނީވެސް ހަމަ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ. އެސަބަބުތަކުން ސަލާމަތްވެ ހުރެ ނަމާދުކޮށްގެން ނޫނީ ޚުޝޫޢަތްތެރިކަމާއެކު ނަމާދެއް ނުކުރެވޭނެއެވެ. ޚުޝޫޢަތްތެރި ވެވުނު މިންވަރަކުން މެނުވީ ޘަވާބެއް ނުލިބޭނެއެވެ. ރައްކައުތެރިވާން މަސައްކަތްކުރާށެވެ. ކުރި ނަމާދުގެ ފުރިހަމަ ޘަވާބު ލިބިގަންނަން މަސައްކަތްކުރާށެވެ!
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން