ދިރިއުޅުމުގެ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާނަމަ އެކަމަށް ހުރަސްތައް ފުރަތަމަވެސް ކުރިމަތިވާން ފަށާނީ އަމިއްލަ ޢާއިލާ އާއި އެކުވެރިންގެ ތެރެއިންނެވެ. އެއީ ކީއްވެގެންކަން ކުރު ގޮތަކަށް ބުނެލާނަމެވެ.
މިޘާލަކަށް ތިބާއަކީ އިމެއްނެތި ޚަރަދުކުރާ މީހަކަށްވެދާނެއެވެ. މީހުން ބުނާހައި ކަމެއް ކޮށްދޭ މީހަކަށްވެދާނެއެވެ. ކޮންމެވެސް ދުވަހަކުން ތިބާއަށް އެކަން ވިސްނެނީއެވެ. ކައިވެންޏަށް، ފްލެޓެއް ގަންނަން ނުވަތަ މިނޫންވެސް ކަމަކު ފައިސާކޮޅެއް އެއްކުރުމުގެ ބޭނުން ވިސްނެނީއެވެ.
އެހިސާބުން ތިބާ ބޭނުންވާނީ ޚަރަދުކުޑަކުރާށެވެ. ކޮންމެ މަހަކުވެސް ވީހާ ގިނައިން އެކައުންޓަށް ފައިސާ ޖަމާކުރާށެވެ! އެކަންކުރެވޭނީ މީހުންނަށް ކޮންމެހެން ކޮށްދޭން ނުޖެހޭ ކަންކަން ކޮށްދިނުން މަދުކުރެވިގެންނެވެ. އެހެންވެ އެކަންކުރަން ފަށާއިރަށް ނުރުހޭ ބައަކު ގޭގައިވެސް އުޅޭނެއެވެ. އެކުވެރިންގެ ތެރޭގައިވެސް ތިބޭނެއެވެ. އެމީހުންގެ ރުޅި އާއި ނަފްރަތު އަމާޒުކުރަން ފަށާނެއެވެ.
އެކަންކަމަށް ނުވިސްނާށެވެ! އެހެން މީހުންނަށް އެހީތެރިވުމަށް ވަކިން ބަޖެޓެއް ކަނޑައަޅާށެވެ. އިމެއް ނެތި ޚަރަދުކުރަންޖެހޭނީ ހަމައެކަނި އަނބިދަރިންނާއި މައިންބަފައިން ފަދަ ތިމާ ބެލެހެއްޓުން ވާޖިބުވާ މީހުންނަށެވެ. ވާޖިބުވާ ކަމަކަށް ޚަރަދުކޮށްގެން ދެރަގޮތެއް މެދުވެރިއެއް ނުވާނެއެވެ. އެމީހަކަށް މާގިނައިން ދެއްވަވާނެތެވެ. އިން ޝާ ﷲ
އަދި ބުނަން ހެއްޔެވެ؟ މިއީ މީސްމީހުން ތިބާ ދެކެ ލޯބިވާ މިންވަރު ވަޒަންކޮށްލަންވެސް ލިބޭ ފުރުޞަތެކެވެ. އެމީހުންނަކީ ތިބާދެކެ ލޯބިވާ، ހެޔޮއެދޭ ބައަކު ނަމަ މިބަޔާންކުރި ފަދަ ކަންކަމާއި ގުޅިގެން ތިބާއަށް ނަފްރަތެއް ނުކުރާނެއެވެ. ދޭނީ ހިތްވަރެވެ. ފޯރުކޮށްދޭނީ އެހީތެރިކަމެވެ. އެހެން ނޫންނަމަ އެއީ އެއްވެސް މިންވަރަކަށް ތިބާގެ ޙަޔާތަށް ރަނގަޅު ގޮތެއް ވުމަށް އެދޭ ބައަކަކަށް ނުވާނެއެވެ.
- އަލަފް / މިއަދުނޫހަށް