ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އޭނާގެ ޢުމުރުން މިތަސް އަހަރުވެއްޖެނަމަ ނުވަތަ ތަނަވަސްކަން ހުރިނަމަ އެހުރީ ކައިވެނިކުރަން ޝަރުޠު ހަމަވެފައި ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ނުބައި ވިސްނުމެކެވެ.
ކައިވެނިކުރަން އެންމެ މުހިންމު ޝަރުޠަކީ ތިމާގެ ކިބައިގައި ހުންނަ އުނިސިފަތައް އިޞްލާޙްކުރުމެވެ. ރުޅިގަދަވުން، ނުބައިބަސްތައް ބުނެވުން، އެހެން މީހުންނަށް އަޅައިނުލެވުންފަދަ ނުބައި ސިފަތައް ކޮންމެހެން އިޞްލާޙްކުރަންޖެހޭނެއެވެ.
ފިރިމީހާކަމަށްވާނަމަ އަނބިމީހާއަށް ޚަރަދުކުރުމުގެ ޤާބިލުކަން މުހިންމުވާފަދައިން އަނބިމީހާއަށް ހެޔޮކޮށްހިތައި އަޅާލައި އެހީތެރިވެދީގެން ގެންގުޅެވޭނެ މީހަކަށްވާންޖެހޭނެއެވެ. އަނބިމީހާކަމަށްވާނަމަ ފިރިމީހާއަށް ކިޔަމަންތެރިވެ ބަސްޤަބޫލުކުރާ އަންހެނަކަށްވާންޖެހޭނެއެވެ.
މިހެންކިޔަންވެއްޖެނަމަ މިރޭ އިރުއެރިޔަސް ނުނިމޭ ވަރަށް ސިފަތަކުގެ ވާހަކަ ދެއްކިދާނެއެވެ. އެެހންވެ ކުރުކޮށްލާފައި ބުނަމެވެ. ކައިވެނިކުރަން ބޭނުންވާނަމަ ދެމީހުންނަށްވެސް އޮތް އެންމެ މުހިންމު ކަމަކީ ރިވެތި އަޚްލާޤެއް ލިބިގަނެ ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅެން އެނގުމެވެ.
ކުރެވޭ ގިނަ ކައިވެނިތައް އެހާފަސޭހައިން ރޫޅިގެންދާ ސަބަބަކީ ހަމަ އަޚްލާޤްގެ މައްސަލަތަކެވެ. ރިވެތި އަޚްލާޤުގެ މަތީގައި ދިރިއުޅެން ދެމީހުންވެސް މަސައްކަތްކުރާނަމަ ޙައްލުނުކުރެވިގެން ވަރިއާއި ހަމައަށްދާންޖެހޭނެ ވަރުގެ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން