ސަލާމްގޮވުމަށް އޮތް އެންގެވުން ދޫކޮށް ނުލަމާ ހިނގާށެވެ!

ކިޔުމަށް ހޭދަވާނީ 5މ 26ސ
ސަލާމްގޮވުމަށް އޮތް އެންގެވުން ދޫކޮށް ނުލަމާ ހިނގާށެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ސަލާމް ގޮވުމަށް ޤުރްއާނާއި ޙަދީޘްފުޅުތަކުގައި އަންގަވާފައި އޮތްނަމަވެސް ސަލާމް ގޮވުމަކީ ބީރައްޓެހި ކަމަކަށް ގިނަ ބައަކު ހަދައިފިއެވެ. އެއީ މާދުރުމީހުން ކުރާ ކަމެއް ކަމަށް ޤަބޫލުކުރެވެން ފަށައިފިއެވެ. މިއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެކެވެ.

-عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ قَالَ : قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ : (( يُسَلِّمُ الصَّغِيْرُ عَلَى الكَبِيْرِ، وَالمَارُّ عَلَى القَاعِدِ، وَالقَلِيْلُ عَلى الكَثِيْرِ)) 

ރުއްސުންލެއްވި އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. . "ކުޑަކުދިން ބޮޑެތިމީހުނަށް ސަލާމްގޮވާށެވެ. އަދި [ތަނެއްގައި] އިށީންދެއިން މީހަކަށް ހިނގާފައިދާމީހާ ސަލާމްގޮވާށެވެ. އަދި މަދުމީސްކޮޅު ގިނަމީހުންނަށް ސަލާމް ގޮވާށެވެ." 

ﷲ ތަޢާލާ ނޫރު ސޫރަތުގެ 61 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

((فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَ‌كَةً طَيِّبَةً))

މާނައީ: "ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި ހެޔޮ سلام އަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން سلام ގޮވާށެވެ" 

ސަލާމް ގޮވުމަކީ ވަރަށް މާތް އަޅުކަމެކެވެ. ގެއަށް ވަނުމުގެ ކުރީން ސަލާމް ގޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެއީ މީހުންގެ މެދުގައި އެކުވެރިކަމާއި އޯގާތެރިކަން އާލާވެގެން ދާނެ ކަމެކެވެ.  

އިސްލާމްދީނުގައި ސަލާމްގޮވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އިންސާނާއަށް އެއްމެ ސީދާވެގެންވާ މަގަށް މަގުދައްކާ ދީނަކީ އިސްލާމްދީނެވެ.  

ގޭގެއަށް ވަންނައިރު ސަލާމްގޮވުމަށް އަންގަވާފައިވެއެވެ. އަދި ސަލާމްގޮވުމަށްފަހު ސަލާމްގެ ޖަވާބު ނުލިބިއްޖެނަމަ އަނބުރާ އައުމަށް އަންގަވާފައިވެއެވެ.  

ﷲ ތަޢާލާ ނޫރް ސޫރަތުގެ 27 އަދި 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٢٧﴾‏فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ هُوَ أَزْكَىٰ لَكُمْ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴿٢٨﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. (27) ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް إذن ދެވިއްޖައުމަށްދާނދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (28)"

 

މިއަދު އޮންލައިން