ތަނަވަސްކަން ދެއްވެވީމާ ހަމައެކަނި ޒަކާތް ދެއްކުމުން ފުދުނީކަމަށް ޤަބޫލުކުރާ މީހުންނަށް އެކުރެވެނީ ކުށެކެވެ. ޒަކާތް ދެއްކީމާ އެއަދާކުރެވެނީ ފަރުޟެވެ. ތިމާ ﷲ ތަޢާލާއަށް ލޯބިން އަދާކުރަންޖެހޭ ބައި އޮތީއެވެ.
ﷲ ތަޢާލާގެ މަގުގައި އެންމެ ދީލަތިކަންބޮޑު މީހުންނަކީ އެމީހުންގެ މައްޗަށް ފަރުޟުކުރެއްވެވި މުދަލު ޒަކާތް ފުރިހަމައަށް ދެއްކުމަށްފަހު އިތުރަށް ﷲ ތަޢާލާގެ މަގުގައި ހޭދަކުރާމީހުންނެވެ.
ޒަކާތުގެ ފައިސާއަކީ އެމީހެއްގެ އަތުގައި ހުރިނަމަވެސް އެމީހާގެ އެއްޗެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ޙައްޤެކެވެ. ވީމާ ޒަކާ ދެއްކުމަކީ އެމީހާގެ ދީލަތިކަމުން ކުރާ ކަމެއް ނޫނެވެ. އެއީ ފަރުޟުކުރައްވަވާފައިވާތީ ކުރާ ކަމެކެވެ.
ރަސޫލް (ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މުއްސަނދިންނަށްވުރެ 500 އަހަރުކުރިން ފަޤީރުން ސުވަރުގެ ވައްދަވާނެ ކަމަށެވެ. އެއީ އެމީހުންނަށް ތަނަވަސްކަން ނުދެއްވަވާތީ އޭނާއަށް ދެއްވެވި މިންވަރު ހޭދަކުރި ގޮތުގެ ޙިސާބު ދައްކަން ނުޖެހޭތީއެވެ.
އަދި ކީއްހެއްޔެވެ؟ ތަނަވަސްކަން ދެއްވެވި މީހުންގެ ތެރެއިންވެސް ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްދީ އުޅުނު މީހުން އެހެން މީހުންނަށްވުރެ ކުރިން ސުވަރުގެ ވައްދަވާނެތެވެ. އެއީ އެމީހުން ޞަދަޤާތުގެ ބަރަކާތުންނެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރީތީއެވެ.
ވީމާ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވަވައިފިނަމަ ހަމައެކަނި ޒަކާތް ދެއްކުމަކުން ނުފުދޭނެއެވެ. ފައިދާކުރާނީ ދީލަތިވެ ޞަދަޤާތްކުރި މިންވަރަކުންނެވެ. އަވަހަށް ސުވަރުގެ ވަންނަން ބޭނުންނަމަ އަދި އަދި ސުވަރުގޭގެ މަތީ ދަރަޖަ ބޭނުންނަމަ ދީލަތިކަން އިތުރުކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން