މިއީ ކޮންމެ މުސްލިމަކު ދަސްކޮށް ޢަމަލުކުރަންޖެހޭ ޙަދީޘްފުޅެއް!

ކިޔުމަށް ހޭދަވާނީ 7މ 22ސ
މިއީ ކޮންމެ މުސްލިމަކު ދަސްކޮށް ޢަމަލުކުރަންޖެހޭ ޙަދީޘްފުޅެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

عَنْ أَبِي مَالِكٍ، الحَارِثِ بْنِ عَاصِمٍ الأَشْعَرِيِّ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: «الطُّهُورُ شَطْرُ الإِيمَانِ. وَالحَمْدُ لِلَّهِ تَمْلَأُ المِيزَانَ. وَسُبْحَانَ اللَّهِ وَالحَمْدُ لِلَّهِ تَمْلَآنِ - أَوْ تَمْلَأُ - مَا بَيْنَ السَّمَاءِ وَالأَرْضِ. وَالصَّلَاةُ نُورٌ، وَالصَّدَقَةُ بُرْهَانٌ، وَالصَّبْرُ ضِيَاءٌ. وَالقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ. كُلُّ النَّاسِ يَغْدُو، فَبَائِعٌ نَفْسَهُ، فَمُعْتِقُهَا، أَوْ مُوبِقُهَا» 

އަބޫ މާލިކު އަލްޙާރިޘް ބިން ޢާޞިމް އަލްއަޝްޢަރީ رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ: 

”ތާހިރުވުމަކީ އީމާންކަމުގެ ބައެކެވެ. އަދި الْحَمْدُ لِلَّهِ (ހަމްދު ވަނީ ﷲ އަށެވެ. މި ކަލިމަ) މީޒާން ފުރާލައެވެ. އަދި سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ (ﷲ ހުސްތާހިރުވެގެންވެއެވެ. އަދި ހަމްދު ވަނީ ﷲ އަށެވެ. މި ދެ ކަލިމަ - ނުވަތަ އެއް ކަލިމަ-) އުޑާއި ބިމާ ދެމެދުގައި ވާހައި އެއްޗެއް ފުރާލައެވެ. އަދި ނަމާދަކީ ނޫރެކެވެ. އަދި ސަދަގާތަކީ ބުރުހާނެކެވެ. އަދި ކެތްތެރިކަމަކީ އަލިކަމެކެވެ. އަދި ގުރްއާނަކީ ތިބާއާ އެއްކޮޅަށް، ނުވަތަ ތިބާއާ ދެކޮޅަށްވާ ހުއްޖަތެކެވެ. ކޮންމެ މީހަކު ވެސް ހެނދުނުހެނދުނާ ނުކުމެ، ފަހެ އެ މީހެއްގެ ނަފްސު ވިއްކާލައެވެ. ދެން (އޭގެ ތެރެއިން ވަނީ) އެ ނަފްސު މިންޖުކުރާ މީހެކެވެ. ނުވަތަ އެ ނަފްސު ހަލާކުކުރާ މީހެކެވެ.“ 

މިއީ މަތިވެރި ޙަދީޘެކެވެ. އަދި އިސްލާމްދީނުގެ އަސާސްތަކުގެ ތެރެއިން އަސާސެކެވެ. މި ޙަދީޘުގައި ނަބިއްޔާ މުސްލިމުންނަށް މުހިންމު ދުނިޔެއާއި އާޚިރަތުގެ ކަންތައްތައް ބަޔާންކޮށްދެއްވާފައިވެއެވެ. މި ޙަދީޘުގައި ނަބިއްޔާ އަންގަވާފައިވަނީ "ޠަހޫރު" -އެބަހީ ވުޟޫކުރުން، އަދި ޠަހާރަތުގެ އަސްލަކީ: ސާފުތާހިރުވުމާއި ނަޖިސްކަމުން ދުރުވުން- "އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ." އެބަހީ: ދެބައިކުޅަ އެއްބައެވެ. މީގެ މުރާދަކީ ވުޟޫކުރުމުގެ އަޖުރު އީމާންކަމުގެ އަޖުރުގެ ދެބައިކުޅަ އެއްބަޔަށް ފޯރާކަމެވެ. 

ޠަހޫރަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމުގައި ވުމުގެ މުރާދާ މެދު ޚިލާފު އުފެދިފައިވެއެވެ. އޭގެ ތެރެއިން ބުނެވިފައިވަނީ: މީގެ މުރާދަކީ އަޢުމާލުތަކާއި ބަސްތަކުގެ ތެރެއިން އީމާންކަމުގެ ސިފަތައް ހުރިހާ ކަމަކުންވެސް ހިތް ޠާހިރުކޮށް ސާފުކުރާކަމެވެ. އަދި ފެނުން ޠާހިރުވުމަކީ ހަށިގަނޑު ސާފުކޮށް ޠާހިރުކުރުމަށް ޚާއްޞަވެގެންވާ ކަމެކެވެ. އެހެންކަމުން އީމާންކަމުގެ ސިފަތަކަކީ ދެބައެކެވެ: އޭގެ އެއްބަޔަކީ ބޭރުފުށް ޠާހިރުކުރުމެވެ. އަނެއް ބަޔަކީ އެތެރެފުށް ޠާހިރުކުރުމެވެ. އެހެންކަމުން މިގޮތުން ބަލާއިރު އެއީ ދެބައެވެ. ނުވަތަނުވަތަ މިތާނގައި އީމާންކަމުގެ މުރާދަކީ ނަމާދެވެ. تعالى ގެ ބަސްފުޅުގައިވާ ފަދައިން: وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ މާނައީ: "އަދި ތިޔަބައިމީހުންގެ إيمان ކަން ގެއްލެނި ކުރައްވާކަށެއް اللَّه ވޮޑިގެނެއް ނުވެއެވެ." 

"الحمد لله އަކީ މީޒާން ފުރާލާ ޛިކުރެކެވެ." އެބަހީ: އެ ޛިކުރު ކިރެވޭނެއެވެ. އަދި އަޖުރާއި ޘަވާބުން މީޒާން ފުރާލާނެއެވެ. އެއީ ޤިޔާމަތް ދުވަހު އަޅުތަކުންގެ ޢަމަލުތައް ކިރޭ ދުވަހުއެވެ. އަދި އެ ޢަމަލުތަކަށް عزَّ وجلَّ ޖަޒާ ދެއްވާނެއެވެ. އަދި ޤިޔާމަތް ދުވަހު ޢަމަލުތައް ކިރޭ މީޒާނަކީ ޙަޤީޤީ މީޒާނެކެވެ. އެއީ މަޚްލޫޤުންގެ މީޒާންތަކާ އެއްގޮތް އެއްޗެއް ނޫނެވެ. 

އަދި އެއީ އީމާންވާން ވާޖިބުވެގެންވާ ޣައިބުގެ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. "سبحان الله" ގެ މާނައަކީ: تعالى އަށް ކޮންމެ އުނިކަމަކުން ފުރިހަމައަށް ހުސްޠާހިރުކުރުމެވެ. އަދި އެކަލާނގެ މަތިވެރިކަމާ އެކަށީގެންވާ ފުރިހަމަ ކަމާލުން އެކަލާނގެ ސިފަކުރުމެވެ. "الحمد لله" ގެ މާނައަކީ: ޝުކުރާއި ޘަނާގެ މާނަތަކަށް އެކަނި ޙައްޤުވެގެންވަނީ ތަޢާލާ ކަމަށް ޤަބޫލްކުރުމެވެ. މި ދެ ޖުމްލަ "ފުރާލައެވެ." އެބަހީ: މި ދެ ޛިކުރުގެ އަޖުރު "އުޑުތަކާއި ބިމާ ދެމެދުގައިވާ ތަންތަން ފުރާލައެވެ." އެއީ މި ދެ ޖުމްލައިގައި "سبحان الله" މި ބަސްފުޅުގައި  تعالى ހުސްޠާހިރުކުރުމާއި، "الحمد لله" މި ބަސްފުޅުގައި އަށް ކަންތައްތައް ޙަވާލުކުރުމާއި އެކަލާނގެއަށް މުޙްތާޖުވުން އެކުލެވިގެންވާތީއެވެ. އެހެންކަމުން އެއީ: ލޯބިވުމާއި މަތިވެރިކުރުމާއެކު ޙަމްދުލިބިވޮޑިގެންވާ ފަރާތް ފުރިހަމަކަމުން ސިފަކުރުމެވެ. 

"ނަމާދަކީ ނޫރެކެވެ." ބުނެވިފައިވަނީ: މީގެ މާނައަކީ ނަމާދުގެ އަޖުރުގެ ތެރެއިން عزَّ وجلَّ ޤިޔާމަތް ދުވަހު އެކަން ކުރި މީހާއަށް ނޫރެއް ލައްވާނެ ކަމެވެ. އަދި ދުނިޔޭގައިވެސް އޭނާގެ މޫނުމަތީގައި އުޖާލާކަމެއް ހުންނާނެއެވެ. ނަމާދު ނުކުރާ މީހާއާ ޚިލާފަށެވެ. އަދި ބުނެވިފައިވަނީ: ނަމާދަކީ މަޢުޞިޔަތްތަކުން މަނާކުރާ އެއްޗެކެވެ. އަދި ހަޑިމުޑުދާރު ކަންތަކާއި ނުބައި ކަންތަކުން ނަހީކުރާ އެއްޗެކެވެ. އަދި ރަނގަޅު ގޮތަށް މް މަގުދައްކައިދޭ އެއްޗެކެވެ. ނޫރުން އަލިކަން ލިބޭ ފަދައިންނެވެ. އަދި ބުނެވިފައިވަނީ: މި ހުރިހާ ކަމެކެވެ. އެހެންކަމުން އެއީ އަޅާގެ ހިތުގައި، އޭނާގެ މޫނުމަތީގައި، އޭނާގެ ކަށްވަޅުގައި، އަދި އޭނާ މަޙްޝަރަށް ނެރެވޭއިރު ނޫރެކެވެ.

"ޞަދަޤާތަކީ ބުރުހާނެކެވެ." އެބަހީ: އެއީ މުއުމިނުންގެ އީމާންކަމާއި އެބައިމީހުން މުނާފިޤުންނާ ތަފާތުވާކަމުގެ ދަލީލެކެވެ. އެހެނީ މުނާފިޤުމީހާ އެކަމަށް އީމާންނުވާތީ އެކަމުން މަނާވެގަނެއެވެ. އެހެންކަމުން ޞަދަޤާތްދޭ މީހާގެ ޞަދަޤާތުން އޭނާގެ އީމާންކަމުގެ ތެދުކަން ދަލީލުކޮށްދެއެވެ. އަދި ބުނެވިފައިވަނީ: ބުރުހާންތަކަށް ރުޖޫޢަވާ ފަދައިން ރުޖޫޢަވާ ބުރުހާނެއް ކަމުގައި ވާނެއެވެ. އެއީ އަޅާ ޤިޔާމަތް ދުވަހު އޭނާގެ މުދާ ހޭދަކުރި ގޮތާ މެދު ސުވާލުކުރެވޭ ހިނދު، އޭނާގެ ޞަދަޤާތްތައް މި ސުވާލުގެ ޖަވާބުގައި ބުރުހާންތަކެއް ކަމުގައި ވާނެތީއެވެ. އެހިނދު އޭނާ ބުނާނެއެވެ: އަހުރެން އެއިން ޞަދަޤާތްދިނީމެވެ. 

الدرر السنية - الموسوعة الحديثية - شروح الأحاديث

މިއަދު އޮންލައިން