ތިމާ އެމީހެއްގެ ޙާލުބަލަންޖެހޭ މީހަކު ބަލިވެއޮންނައިރު ދެކެލަންވެސް ނުގޮސްފައި މަރުވީމާ ކަންބޮޑުވުން ފައުޅުކުރުމަކީ ދެއްކުންތެރިންގެ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ތިމާ އެމީހެއްގެ ޙާލުބަލަންޖެހޭ މީހަކު ބަލިވެއޮންނައިރު ދެކެލަންވެސް ނުގޮސްފައި މަރުވީމާ ކަންބޮޑުވުން ފައުޅުކުރުމަކީ ދެއްކުންތެރިންގެ ސިފައެއް!

އެއީ ބޮޑު ޢާއިލާއަކަށް ނިޞްބަތްވާ މީހެކެވެ. އެކުވެރިންވެސް ގިނަ މީހެކެވެ. ބަލިވުމުން ފުރަތަމަކޮޅު ގިނަބައަކު ޒިޔާރަތްކުރިއެވެ. 2،3 މަސްވީއިރު ވަދެލައި އުޅުނީ ހައަކަ މީހުންނެވެ. 5 ވަނަ މަހު ނިޔާވުމުން މީހުންތައް ޖަމާވެ ގޯތިތެރެ އޮތީ ފުރިފައެވެ. ކުރިން ޚަބަރުބަލައިލަން ގުޅައިލާނެ މީހަކު ނުވިއިރު މަރުވުމުން އަނބިމީހާގެ ފޯނަށް ގުޅާވަރުން ފޯނުން އަތްދޫކޮށްލެވޭވަރެއް ނުވިއެވެ.

މިހުރީ ވަރަށް ގިނައިން ފެންނަ ކަންކަމެވެ. އެހެންވެ މިކަމުގެ މައްޗަށް ބަހެއް ބުނެލާނަމެވެ.

މިހާރަކަށް އައިސް މީހަކު ބޮޑު ބައްޔެއްގައި ގިނަ ދުވަސްވާނަމަ، ޚާއްޞަކޮށް އެބަލިން މީހާ ގަދަ ނުވާނެ ކަމަށް ބެލެވޭނަމަ އެމީހަކަށް ޒިޔާރަތް ކުރުން އެބަ މަދުކުރެއެވެ. އަމުދުން ޒިޔާރަތް ނުކޮށްވެސް އެބަ ތިބެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

އެގޮތަށް އެކަން ނުކުރާށެވެ! އެފަދަ ހާލުގައި މީހަކު އޮތްނަމަ އެމީހަކަށް ޒިޔާރަތްކުރުން ގިނަކުރާށެވެ! ފަރުވާކުޑަކޮށްލައިގެން ހުއްޓައި އެމީހަކު މަރުވުމުން ބައްދަލު ނުކުރެވުނީތީ ހިތާމަކުރަން ޖެހޭ މީހެއް ކަމުގައި ނުވާށެވެ!

އެކުވެރިޔާ ނުވަތަ ޢާއިލީ ގުޅުން އޮތް ތމާގެ މީހާ ބަލިވެ އެނދުގައި އޮތްއިރު އަޅައިވެސް ނުލައި ހުރެފައި އޭނާ މަރްވުމުން ރޮއި ކަރުނައަޅައި ހެޔޮ ދުޢާގެ މެސެޖުތައް ޢާއިލާއަށް ފޮނުފައި ސޯޝަލް މީޑިއާގައިވެސް ޢާންމުކުރުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެއިރުން އެކުރެވެނީ އިތުރު ފާފައެކެވެ. ދެއްކުންތެރިއަކަށްވެވެނީއެވެ!

ބައެއް މީހުން ދުނިޔެ ދޫކޮށް އެދަނީ ބަލިވެ އެނދެއްގައި އެތައް މަސްތަކެއް ނުވަތަ އަހަރުތަކެއް ހޭދަކުރުމަށްފަހުއެވެ. އެއިރު ޒިޔާރަތްކޮށް ޙާލު ބަލައެއް ނުހަދައެވެ. އަދި ގުޅާލައިގެން ކަންކަން ބަލައިވެސް ނުހަދައެވެ. ދެން މަރުވުމުން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟

މިކަން މިގޮތަށް ވިސްނައިލާށެވެ! ބަލިވެ އޮންނަ މީހާއަށް އަބަދު ތިބާގެ ޥާހަކަ ނުދެއްކިދާނެއެވެ. ނަމަވެސް އޭނާ އެޙާލުގައި އޮންނައިރު ތިބާ ދެކެން ބޭނުން ނުވާނެހެއްޔެވެ؟ މިހާލަތު ބޮޑަށް ހިތަށް ގެނެސް ވަޒަންކުރެވޭނީ ތިމާ އެއެނދުގައި އޮށޯވެލުމަށްފަހު ވިސްނައިލުމުންނެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ބަލިމީހުންނަށް ޒިޔާރަތްކުރަން ޖެހޭނީވެސް އެހީއެއް ހިފައިގެން ކަމަށެވެ. އަދި ނިކަމެތި ޙާލުގައި އުޅޭ މީހުންނާއި ބައްދަލުކުރަން ޖެހޭނީވެސް އެހީއެއް ދޭން ކަމަށެވެ. ނަމަވެސް މިއީ މިކަން އޮތް ގޮތެއް ނޫނެވެ.

އެމީހެއްގެ ކިބައިގައި ޤާބިލުކަން ނެތްނަމަ އެހީ ނުދެވިދާނެއެވެ. އެކަން ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. އެމީހަކަށް ކެރިކުޅަދާނަވެގެން ނުވާ އެއްވެސް ކަމެއް ނުކުރެވުމަކުން އެމީހެއްގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ. ފާފަވެރިވާނީ ކެރިކުޅަދާނަކަން ހުރެ ކަންކަން ނުކުރުމުންނެވެ.

ބަލިމީހުންނާއި އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ބައްދަލުކޮށް އެމީހުން ޙާލު ބަލައި ހިތްވަރު ދިނުމަކީވެސް ﷲ ތަޢާލާ އެކަމަށް ލޯބިވެވޮޑިގަންނަވާ އަދި އެކަންކަން ކުރުމުން ގިނަގުނަ ސަވާބު ދެއްވަވާނެ ކަންކަމެވެ. ބަލިޙާލުގައި ތިބޭ މީހުންނަށް ބޭނުންވާނީ ހަމައެކަނި ކާނެ ބޯނެ ތަކެއްޗާއި ބޭހެއް ނޫނެވެ.

ބަލިމީހުންނަށް ޒިޔާރަތްކޮށް ނުވަތަ ފޯނުން ގުޅައި ހިތްވަރު ދިނުމަކީ އެންމެ މުހިންމު ކަންތަކެވެ. މިސާލަކަށް ކެންސަރު ބަލި ފަދަ ބޮޑު ބައްޔެއްގައި އޮންނަ މީހަކާއި ބައްދަލުކޮށް އެމީހާއަށް ހިތްވަރު ދިނުމަކީ ވެސް އެމީހާގެ ބައްޔަށް ފަރުވާ ލިބޭ ކަމަކަށްވެގެންދެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން