ސަމާލުކަން އިތުރުކުރަން އެބަޖެހޭ! އެންމެގާތް އެކުވެރިޔާގެ ކުރިމަތީގަ އިނދެ ޙަސަދަވެރިންގެ ނުބައި ވާހަކަ ދައްކާއިރު އެކުވެރިޔާއަށް ޙަސަދަލައިގެން ތިބޭ މީހުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ސަމާލުކަން އިތުރުކުރަން އެބަޖެހޭ! އެންމެގާތް އެކުވެރިޔާގެ ކުރިމަތީގަ އިނދެ ޙަސަދަވެރިންގެ ނުބައި ވާހަކަ ދައްކާއިރު އެކުވެރިޔާއަށް ޙަސަދަލައިގެން ތިބޭ މީހުން ގިނަވެއްޖެ!

އަޅުގަނޑު މަސައްކަތްކުރާ އޮފީހުގައި 8 އަންހެން މުވައްޒިފުން މަސައްކަތްކުރެއެވެ. އަބަދުހެން ދައްކާނީ ކޮންމެވެސް މީހެއްގެ ވާހަކައެވެ. މިވެނި މީހަކު މިވެނިކަމެއް ކޮށްފިވާހަކައެވެ، އެއިން އެއްވެސް ވާހަކައެއްގައި ދުވަހަކުވެސް ބައިވެރިއެއް ނުވަމެވެ. އެއްވެސް އެކުވެރިއެއްގެ ކަމަކާއި ދުވަހަކުވެސް ނުބެހެމެވެ. އަޅުގަނޑު ބަލަނީ ކުރަންޖެހޭ މަސައްކަތް އަވަހަށް ނިންމާފައި އަވަހަށް ގެއަށް ދެވޭތޯއެވެ. އެކަން ވެރިންވެސް ފާހަގަކުރެއެވެ.  

އެއްދުވަހަކު ބޮސްގެ ދަރިފުޅު ޙަވާލުކުރި މަސައްކަތެއް ކުރަން އިންދާ އޭނާ އައިސް އަޅުގަނޑުގެ ފުރަގަހުގައި ހުއްޓިހުރެ ކޮމްޕުން ބަލައިގެން ބައެއް ބައިތައް އިތުރުކުރުވިއެވެ. އޭނާ ކުރީ ކޮންކަމެއްކަން ނުއެނގޭއިރުވެސް އެކަމަށްވެސް ކުއްޖަކު އަޅައިގަނެ ހަސަދަލައިގްނެ ވާހަކަ ދެއްކިއަޑު އޮތީ އިވިފައެވެ. އެކަމަކު އެކަން އެނގުނު ކަމަކަށްވެސް ނުހަދަމެވެ.  

ޖެހިގެން އައިދުވަހު އޭނާއާއި ދެމީހުން އެކުގައި ސައިކޮޓަރީގައި ތިބެންޖެހުނު ވަޤުތެއްގައި ދެއްކީ މިވެނި އެވެނި ކުދިން އޭނާއަށް ޙަސަދަލައިގެން އުޅޭވާހަކައެވެ. އެވަޤުތު އޭނާ އަހުރެންނާއިބެހޭގޮތުން ދެއްކިވާހަކައާއިމެދު ސުވާލުކުރަން ހިތަށް އެރިއެވެ. ނަމަވެސް ހިތަށްއެރީ ރަނގަޅުވާނީ ބޭކާރުވާހަކަ ނުދެއްކުން ކަމަށެވެ. އެހެންވެ ބޯޖަހަން އިނީއެވެ. އެއްވެސް ޖަވާބެއް ނުދެމެވެ.  

މިއީ މިއަދުޏޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި ވާހަކަކޮޅެކެވެ.  

މިހުރީ ދިމާވާ ކަންކަމެވެ. ދެމީހަކު ބައްދަލުވެއްޖެނަމަ ދައްކާވަހައިގެ ތެރޭގައި ޙަސަދަވެރިން ގިނަވެއްޖެ ކަމުގެ ވާހަކަ ދައްކައެވެ. އެއީ އެންމެ ނުބައިކަންބޮޑު މީހުންކަމަށްވެސް ބުނެއެވެ. ޙަސަދަވެރިންގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަވެސް ދައްކައެވެ. ހިތާމައަކީ މިހާމަކުރި  ހާދިށާ ފަދައިން މިފަދަ ވާހަކަތައް ދައްކާއިރުވެސް ގިނަބައަކު ތިބެނީ ކުރިމަތީގައި އިން އެކުވެރިޔާއަށް ޙަސަދަލައިގެން ކަމެވެ. ވީމާ މިވާހަކަ ގިނަގިނައިން ނުދައްކައި ތިބެވޭކަށް ނެތެވެ.  

ކޮންމެ މީހަކަށްވެސް ޖެހޭ އެންމެ ނުބައިކަންބޮޑު ބައްޔަކީ ހިތުގައި އުފެދޭ ޙަސަދަވެރިކަން ކަމަށް ބުނެފިނަމަ ގިނަ ބައަކަށް ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެވެ. ޙަސަދަވެރިކަމަކީ ޖެހޭނެ، ތިމާއަށް އެންމެ ބޮޑަށް ގެއްލުން ދޭނެ ބަލިކަން ބުނެދޭން އެއްވެސް އުނދަގޫކަމެއް ނެތެވެ.  

އިބްލީހުގެ ހިތުގައި އާދަމްގެފާނަށް ޙަސަދަވެރިކަން އުފެދުނީ ﷲ ތަޢާލާ މަލާއިކަތް ބޭކަލުންނާއި ކުރެއްވެވި މުޢާމަލާތުތަކުންނެވެ. އާދަމްގެފާނު އުފައްދަވައި ފުރާނައަޅުއްވަވާނީ ﷲ ތަޢާލާގެ ރޫޙުފުޅުންކަމާއި ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތިވެރި ދަރަޖަ ދެއްވަވާނީ އިންސާނުންނަށްކަން އެނގުމުންނެވެ. އިބްލީހުގެ ޝަކުވާއަކަށްވީ އޭނާއަށް އެންމެ މަތީ ދަރަޖަ ނުދެއްވަވައި އިންސާނުންނަށް ދެއްވެވުމެވެ. އޭނާއަށްވުރެ އާދަމްގެފާނު މަތިވެރިކުރެއްވެވުމެވެ.  

މިއަދު އަހުރެމެންނަށްވެސް ވެގެން މިއުޅެނީ ހަމަ އެފަދަ ގޮތެކެވެ. ތިމާގެ ބައިވެރިޔާއަށްވުރެ އަނެކާގެ ބައިވެރިޔާ ރީތިވުން، ތިމާއަށްވުރެ އަނެކާ ތަނަވަސްވުން، މަޤާމުގެ ގޮތުން މަތިވުން، ޢިލްމު ލިބުމުގައި އަނެކާ ކުރިއަރައި ދިއުން، މީސްތަކުންގެ ރުހުމާއި ލޯބި އަނެކާއަށް ލިބޭ މިންވަރު ބޮޑުވުން ފަދަ ﷲ ތަޢާލާ އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ޙަސަދަވެރިވެވެނީއެވެ.  

މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ހަމަ އިބްލީސް ކުރި ކަންތަކެވެ. ދެވެނީ އިބްލީސް މަގުފުރެދިގެން ދިއަ މަގުންނެވެ. އަދި ކީއްހެއްޔެވެ؟ އިބްލީސް ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވާން މެދުވެރިވި ސަބަބަކީ އޭނާގެ ހިތުގައި ޙަސަދަވެރިކަން ބާއްވައިގެން ހުރިހުރުމެވެ.  

އަހުރެމެންނަށްވެސް މިއަދު ކަންކަން މިކުރެވެނީ ހަމައެގޮތަށެވެ. އަނެކާއަށް ދެއްވެވި ނިޢުމަތްތަކަށް ހަސަވެރިވެ އެކަން ހިތުގައި ސިއްރުކޮށްގެން ތިބެނީއެވެ. އެހެންވީމާ މިކުރެވެނީ ހަމަ އެއްކަމެކެވެ. ޙަސަދަވެރިވުމެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާ އިބްލީސަށް ނުދެއްވެވި ފުރުޞަތުތައް އަހުރެމެންނަށް ވަނީ ދެއްވަވައިފައެވެ. އެއީ ތައުބާވުމުގެ ފުރުޞަތާއި ސަޖިދަކުރުމުގެ ފުރުޞަތެވެ. އެއީ އިންސާނުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ. ވީމާ ހިތުގައި ހަމަ އެއްވެސް މީހަކަށް ޙަސަދަވެރިކަން ނުބާއްވާށެވެ. ހިތްސާފުކުރާށެވެ! ތައުބާވާށެވެ! ސަޖިދަކުރުން ގިނަކުރާށެވެ!

 

- މަޢުލުމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން