ކައިވެނިކުރާތަނުން ހަމަ ޙަޤީޤަތުގައިވެސް މައްސަލަތައް ޖެހުން މާގިނަވަނީތަ؟ ނޫނީ ވިސްނޭ ގޮތުގެ މައްސަލައެއްތަ؟ ޙައްލުކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކައިވެނިކުރާތަނުން ހަމަ ޙަޤީޤަތުގައިވެސް މައްސަލަތައް ޖެހުން މާގިނަވަނީތަ؟ ނޫނީ ވިސްނޭ ގޮތުގެ މައްސަލައެއްތަ؟ ޙައްލުކޮށްލަމާ!

ވަރަށް ލޯބިން އެކުގައި އުޅެފައިވެސް ކައިވެނިކުރާތަނުން މައްސަލަތައް ޖެހެން ފަށައި ގިނަވެގެންދާކަމަށް ވިސްނި ގިނަ ބައަކު ކަންބޮޑުވެއެވެ. ސުވާލުތައްވެސް ކުރެއެވެ.  

އަހުރެންގެ ވިސްނުމުގައި މިސުވާލަކީވެސް އެއިގެ ޒާތަށް ބަލައިފިނަމަ ވިސްނާލަންޖެހޭ ސުވާލެކެވެ. ގިނަ ފަހަރު މިއީ ކަންކަން މެދުވެރިވާ ސަބަބަށް ވިސްނާ ނުލައި ކުރެވޭ ސުވާލެކެވެ. އެހެންވެ އެކަން އަހުރެންނަށް ވިސްނޭ ގޮތަށް ބުނެލާނަމެވެ.   

ކޮންމެ ދެމީހަކު ނަމަވެސް ކައިވެނިކުރުމުގެ ކުރިން ލޯބިވެގެން އެކުގައި އުޅޭއިރުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ބައްދަލުނުކޮށް ހަމައެކަނި ފޯނުން ވާހަކަދައްކައި އުޅުނަސް މައްސަލަތައް ޖެހޭނެއެވެ. ބައްދަލުކުރާނަމަ ޖެހޭ މައްސަލަތައް ގިނަވެސްވާނެއެވެ.  

މައްސަލަތައް ޖެހުނު ނަމަވެސް އެކަކުވެސް އެއިރު އެކަންކަން އެއީ ބޮޑު ކަމަކަށް ނުހަދައި އަޅާނުލައި ތިބެނީއެވެ. އެހެން ތިބެ ކައިވެނިކުރުމަށްފަހު ވާގޮތަކީ ޖެހޭ ކުދިކުދި ކަންކަންވެސް އެއީ ބޮޑު މައްސަލައެއް ކަމަށް ދެކެވެނީއެވެ.

އެކަން އެގޮތަށް ވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކައިވެނިކުރުމަށްފަހު ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިގެންވާނެކަމަށް ޤަބޫލުނުކުރެވޭ ކަމެވެ. އެއީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟ އެއްވެސް މައްސަލައެއް ނުޖެހި ދުނިޔޭގައި އުޅެވުމަކީ ދުނިޔޭގައި އުޅުމުގެ ޤާނޫނާއިވެސް ޚިލާފްކަމެކެވެ.  

ވީމާ ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. ޚިޔާލުތަފާތުވާ ކަންކަން ކުރިމަތިވާނެއެވެ. އެފަދަ ކަމެއް މެދުވެރިވުމުން އެއީ އެހައި ބޮޑު ކަމަކަށް ނުހަދާށެވެ. ދެމީހުންގެ މެދުގައި ލޯތްބާއި އެކުވެރިކަމާއިއެކު މަޝްވަރާކޮށްލާށެވެ! އެއިރުން ޙައްލު ފެންނާނެއެވެ. ޖެހުނު ކަންތައް އެއީ މައްސަލައަކަށް ނުވެ އެކަން ނެތިގެން ހިނގައިދާނެއެވެ.  

އެއިގެ ބަދަލުގައި ކޮންމެ ކަމަކީ މައްސަލައަކަށް ހަދަން ބޭނުންވާ މީހަކަށް އަބަދުވެސް އުޅެން ޖެހޭނީ މައްސަލަތަކުން ސަލާމަތްނުވެވިގެންނެވެ. އެއިރުން ދެމަފިރިން ދެބަސްވުން ނޫންކަމެއް ނުއޮންނާނެއެވެ.  

ކައިވެންޏަށްފަހު ކުރިމަތިވާ ކަންކަން ޙައްލުކުރަން މިފަދަ ގޮތަކަށް ވިސްނައި ޢަމަލުކުރަން މަސައްކަތްކުރާނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ގިނަވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

 

މިއަދު އޮންލައިން