ބައެއް މީހުން ދެކޭ ގޮތުގައި ޅިޔަނުންނާއި ފަހަރިންނަކީވެސް ހަމަ އަމިއްލަ އަޚުންނާއި އުޚުތުން ފަދަ ބައެކެވެ. އެގޮތަށް ޤަބޫލުކުރުމުގައި އެއްވެސް މައްސަލައެއްވެސް ނެތެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. އެއީ އެމީހުންވެސް އެގޮތުގައި ތިބިނަމައެވެ.
މިޘާލަކަށް ބައެއް ފަހަރު ޅިޔަނުންނާއި ފަހަރިންގެ ކިބައިން ލިބޭ އެހީތެރިކަން ބޮޑުވެ އަޚުންނާއި އުޚުތުންނަށްވުރެވެސް ގާތް ގުޅުން އުފެދެންވެސް މެދުވެރިވެއެވެ. ނަމަވެސް މިހާރަކަށް އައިސް އެއީ ވަރަށް މަދުން މެދުވެރިވާ ކަމެކެވެ. ގިނައިން އޮންނަނީ މައްސަލަތައް ޖެހިފައެވެ. ދެމަފަރިންގެ ދެމެދުގައި މައްސަލަޖެހޭ ސަބަބަކަށް އެކަން ވެގެންދިއުން މިއޮތީ ޢާންމު ކަމަކަށްވެފައެވެ.
ޅިޔަން ފަަހރިންނާއި ލޭގެ ގުޅުމެއް ނުއޮންނާނެއެވެ. ވީމާ ކައިވެނި ޙަލާލުވުން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން ހިންގުން ހުއްދަވާ ސަބަބެއް ކަމަށެވެ. އެމީހުންނަށް ނުވިސްނޭ ކަމަކީ އަނބިމީހާގެ ނުވަތަ ފިރިމީހާގެ އަޚުންނާއި އުޚުތުންނާއި ލޯބީގެ ގޮތުން ގުޅުންހިންގުމުން އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ކުރާނެ އަސަރެވެ. އެކަމުގެ ސަބަބުން އުފެދޭނެ ބޮޑު ފިތުނައެވެ.
ޢާއިލީ މައްސަލަތައް ޙައްލުކުރަން އަހުރެން އެހީތެރިވެދެމެވެ. ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި އަހުރެންނަށް ކާމިޔާބުނުކުރެވުނީ އެންމެ މައްސަލައެކެވެ. އަނބިމީހާގެ އަންހެން ކޮއްކޮ އޭނާގެ ފިރިމީހާ ދަމައިގަތް މައްސަލައެކެވެ. އެކަމަށް އެކިގޮތްގޮތުން އަހުރެން މަސައްކަތްކުރާތާ މިހާރު 2 އަހަރުވަރުވެދާނެއެވެ. އެދެމީހުން ކައިވެނިކޮށް ވަރިވެސް ވެއްޖެއެވެ. ނަމަވެސް އަނބިމީހާ އަދިވެސް އޭނާގެ ކޮއްކައަށްވެސް އަދި ފިރިމީހާއަށްވެސް ނަލައިވެސް ނުލައެވެ.
ކޮއްކޮއަށް ހެދުނު ގޯސްވިސްނި ރަޙިމުގެ ގުޅުން މެދުވެރިކޮށް މާފަށް އެދުމުން ދިންޖަވާބަކީ "ރަޙިމުގެ ގުޅުން އެބައޮތެވެ. ކަމަކު ބޭނުންވެއްޖިއްޔާ މެސެޖްކޮށްލާށެވެ! ނޫނީ ފޯނުކޮށްފައި އިތުރު އެއްވެސް ވާހަކައެއް ނުދައްކައި ހަމައެކަނި ބޭނުންވާ ކަންތަކުގެ ވާހަކަ ބުނާށެވެ! ފުއްދައިދެވެން އޮތް ކަމެއްނަމަ ފުއްދައިދޭނަމެވެ."
ހަމަ މިގޮތަށް މިފަދަ މައްސަލަތަކުގައި އަމިއްލަ އަޚުންނާއި ގުޅުންކަނޑާލައިގެން ތިބި ފިރިހެނުންވެސް އެބަތިއްބެވެ.
ޅިޔަން ފަހަރިންގެ ސަބަބުން ގޭތެރޭގައި އުފެދޭ ފިތުނަތަކަށް އެހެން ފަހަރަކުން ވާހަކަދައްކާނަމެވެ. އަހުރެންގެ ބޭނުމަކީ މިކަންކަމަށް ހޭލުންތެރިވެ މިފަދަ މައްސަލަތައް ނުޖެހޭނެ ގޮތަށް ދިރިއުޅުމެވެ. ޙަދީޘްފުޅުޣައި ޅިޔަން ފަހަރިންނާއިމެދު މަރުކަމަށް ބަސްފުޅުވިދާޅުވެފައިވަނީ ސަމާލުކަން ނުދީފިނަމަ ލިބިދާނެ ގެއްލުމަކުންނެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. ކިތަންމެ ބޮޑަށް އިތުބާރުކުރެވުނަސް، ކިތަންމެ ރަނގަޅު ގުޅުމެއް އޮތަސް ޅިޔަނުންނަކީ މަޙުރަމުން ކަމަށް ބަލައިގެން ނުވާނެއެވެ. މަޙުރަމުންގެ ދަރަޖަ ލިބޭނީ ދީނުގައި ބަޔާންވެގެންވާ މީހުންނަށް އެކަންޏެވެ.
Narrated `Uqba bin 'Amir:
Allah's Messenger (ﷺ) said, "Beware of entering upon the ladies." A man from the Ansar said, "Allah's Apostle! What about Al-Hamu the in-laws of the wife (the brothers of her husband or his nephews etc.)?" The Prophet (ﷺ) replied: The in-laws of the wife are death itself.
|
Reference |
: Sahih al-Bukhari 5232 |
--އިސްލާމީ ތިލަފަތުގެ ދަރުސަކުން