ދަރިންނަށް ދެވޭނެ އެންމެ ހެޔޮ ނަޞޭޙަތަކީ މައިންބަފައިންގެ އަޚްލާޤް ރަނގަޅުކޮށް ދީނަށް ޢަމަލުކުރުމުގަ ނަމޫނާ ދެއްކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ދަރިންނަށް ދެވޭނެ އެންމެ ހެޔޮ ނަޞޭޙަތަކީ މައިންބަފައިންގެ އަޚްލާޤް ރަނގަޅުކޮށް ދީނަށް ޢަމަލުކުރުމުގަ ނަމޫނާ ދެއްކުން!

ކޮންމެ މީހަކީވެސް އެމީހެއްގެ ފެންވަރުން ދީން މަތިވެރިކުރަން މަސައްކަތްކުރަންޖެހޭ މީހެކެވެ. ދީނަށް ނަޞްރުދޭން މަސައްކަތްކުރަންޖެހޭ މީހެކެވެ. ދީނަށް ގޮވާލައި ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރަން ޖެހޭ މީހެކެވެ.  

އެންމެންނަކީ މަގުތަކަށް ނުކުމެ އެކަން ކުރެވޭ ފެންވަރުގެ މީހުންނެއް ނޫނެވެ. އެހެންކަމަށްވާނަމަ އަމިއްލަ ޢާއިލާ ތެރެއިންނާއި އެކުވެރިންގެ ތެރެއިންވެސް އެމަސައްކަތްކުރަންޖެހޭނެއެވެ. ދަރިންނަކީ ދީނަށް ޢަމަލުކުރާ ބައަކު ކަމުގައި ހެދުމަކީ މައިންބަފައިންގެ މައްޗަށް އޮތް އެންމެ މަސްއޫލިއްޔަތެވެ.  

ސުވާލަކީ އެކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިހެއްޔެވެ؟  

އަހުރެންގެ ޖަވާބަކީ އެކަންކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ބުނެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ މުޢާމަލާތުކުރަންޖެހޭ ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ތަފާތު މިޒާޖެއްގެ މީހެކެވެ. ދަރިންވެސް ހަމަ އެފަދައެވެ. އެމީހަކާއި ނުވަތަ އެކުއްޖަކާއި މުޢާމަލާތުކުރަންޖެހޭނީ އެމީހެއްގެ ޠަބީޢަތާއި މިޒާޖާއި ގުޅޭނެ ގޮތަކަށް ކަމަށްވާތީއެވެ.   

ފުރަތަމަ ކަމަކަށް ތިމާއަކީ ދީނަށް ޢަމަލުކޮށް ނަމޫނާ ދައްކާ މީހަކަށްވުމަށް އޮންނަ ބަހަށް އަހުރެންވެސް ތާއީދުކުރަމެވެ. ސަބަބަކީ ނަމާދުނުކުރާ މީހަކު، މިސްކިތުގެ ޖަމާޢަތުން ނުފެންނަ މީހަކު، އެހެން މީހުންގެ ގާތުގައި ނަމާދުކުރަން ބުނުމަކުން އެއްވެސް މީހަކު އޭނާގެ ބަހަކަށް ސަމާލުކަމެއް ނުދޭނެއެވެ. 

ހަމައެފަދައިން ކޮންމެ ރެއަކު މަސްތުވެގެން ދަރިންގެ ކުރިމައްޗަށް އަންނަ ބައްޕައަކު އޭނާގެ ދަރިންގެ ގާތުގައި މަސްތުވުމުގެ ހުރި ނުބައިކަމުގެ ވާހަކަ ދައްކައި މަސްތުނުވަން ބުނީމާ އެވާހަކަ ދަރިން އަޑުއަހާނެހެއްޔެވެ؟ އަދި ކޮންމެ ރެއަކު "އެކުވެރިންނާއެކު" ބޭރަށްދާ މަންމައަކު އެކަންކުރުމުގެ ހުރި ނުބައި ކަމުގެ ވާހަކަ ދެއްކީމާވެސް އަޑުއަހާނެ ހެއްޔެވެ؟  

ޚުލާޞާއަކީ ދަރިންނަށް ކަމުގައިވީނަމަވެސް އެހެން މީހަކަށް ކަމުގައިވީނަމަވެސް ނަޞޭޙަތުގެ ގޮތުން ބަސްބުނަންވާނީ ތިމާ އިޞްލާޙްވެގެން ހުރެއެވެ. ހެޔޮ ޢަމަލުކުރަން ބުނަންވާނީ ތިމާ އެ ޢަމަލު ކުރަމުންނެވެ. ދަރިންނަށް ދެވޭނެ އެންމެ ހެޔޮ ނަޞީޙަތަކީ މައިންބަފައިންގެ އަޚްލާޤް ރަނގަޅުކޮށް ދީނަށް ޢަމަލުކުރުމުގައި ދަރިންނަށް ނަމޫނާ ދެއްކުމެވެ. ދުލުން ބުނާ އެތައްހާސް ބަހަކަށްވުރެ އެކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން