ދީނުގެ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހުންވެސް އެމީހުންގެ ދަރިންނަކީ ދީންވެރި ބައަކަށް ހަދަން ގަދައަޅައި މަސައްކަތްކުރެއެވެ. އެކަމަށް ފަރުވާކުޑަކުރަނީ މަދުބައެކެވެ. މައްސަލައަކަށްވަނީ ދަރިންނަކީ ކީރިތި ޤުރްއާނުގެ އަހުލުވެރިންކަމަށް ހަދައި ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ކުރަން އޮތް ފުރަތަމަ ކަންތަކަށް ފަރުވާކުޑަކުރެވޭ ކަމެވެ.
ކިތަންމެ އަގުބޮޑު އުޅަނދެއް ނަމަވެސް ދުއްވާނެ ރަނގަޅު މާލިމީއަކު ނެތިއްޖެނަމަ އޮންނާނީ ފަރަށް އަރާފައެވެ. ދަތުރު ކުރިއަށް ނުގެންދެވިފައެވެ. ވީމާ އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ރަނގަޅު މާލިމީއަކު ހޯދުމަށެވެ. އަމިއްލަ ދިރިއުޅުމަށް ބަލައިފިނަމަ ތިމާޢަކީ ކެޕްޓަން ކަމަށްވީނަމަވެސް ރަނގަޅު މާލިމީއަކަށް ބޭނުންވާނެއެވެ. ދިރިއުޅުން ކާމިޔާބުވެ އުފާވެރިކަން ލިބޭނީ އެއިރުންނެވެ. ޚާއްޞަކޮށް ދަރިންނަކީ ޤުރްއާނުގެ އަހުލުވެރިނަ ކަމުގައި ހެދުމަށާއި ރަނގަޅު ތަރުބިއްޔަތެއް ދަރިންނަށް ދިނުމަށް މައިމިހާގެ ދައުރަކީ އެންމެ މުހިންމު ދައުރެވެ.
އަހުރެންގެ ދަރިއަކު ރިވެތިކޮށް ޤުރްއާން ކިޔަވާނަމަ ހަޤީޤަތް ނުއެނގޭ މީހުން ބުނާނީ އެއީ އަހުރެންގެ މަސައްކަތުން ކަމަށެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އެއީ އަހުރެންގެ އަނބިމީހާގެ މަސައްކަތެވެ. އަހުރެންގެވެސް ދައުރެއް ނެތްކަމަށް ބުނަނީއެއް ނޫނެވެ.
ގިނަ ބައްޕައިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ދަރިންނަސް ޤުރްއާން ކިޔަވައިދިނުން ފަދަ ކަންކަން ކުރާނެ ވަޤުތު އޮންނަނީ ނުލިބިފައެވެ. ވީމާ އެކަން އޮންނަނީ ބައްޕައިންނަށް ނުކުރެވިފައެވެ.
އަނބިން އިޚްތިޔާރުކުރުމުގައި ބަލާ 4 ކަމެއް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެތަނުން އެންމެ މުހިންމީ އަނބިމީހާގެ ދީންކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ނަމަވެސް މިއަދު އެކަމަށް އެބަ ބެލޭހެއްޔެވެ؟ ބޭރުފުށުގެ ސިފައަށް ބަލާފައި ކަމުގޮސްގެން ކައިވެނިކުރަނީ ނޫންހެއްޔެވެ؟
ވީމާ ކައިވެނހިކުރާއިރު އެންމެ ބޮޑަށް ވިސްނަންވީ ލިބޭ ދަރިންނަށް ވީހައި ރަނގަޅު ގޮތް ވުމަށެވެ. ވީމާ އެދަރިންނަށްޓަކައި ކުރަން އޮތް ކަމަކީ ދީންވެރި، ތަޤްވާވެރި، ދަރިން ތަރުބިއްޔަތުކުރާނެ މަންމައަކު ހޯދައިދިނުމެވެ. ނަމަވެސް މިއަދު އަހުރެމެން މިވިސްނަނީ އެކަމަކަށް ނޫނެވެ. އަމިއްލަ ހިތްހަމަޖެހުމަށެވެ. ނަތީޖާއަކީ ދަރިންނަށް ހިތާމަކުރަންޖެހުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން