ބަންދުކުރަންޖެހޭ މީހުން ގިނަވެއްޖިއްޔާ ޖަލުތައް ފުރުނަސް ދުނިޔެއަށް އުފަންވި އެންމެ ލާންޖެހުނަސް ނަރަކައެއް ނުފުރޭނެ! ސަލާމަތްވުމަކީ އެމީހެއްގެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ބަންދުކުރަންޖެހޭ މީހުން ގިނަވެއްޖިއްޔާ ޖަލުތައް ފުރުނަސް ދުނިޔެއަށް އުފަންވި އެންމެ ލާންޖެހުނަސް ނަރަކައެއް ނުފުރޭނެ! ސަލާމަތްވުމަކީ އެމީހެއްގެ ކަމެއް!

ޤިޔާމަތް ދުވަހު ނަރަކަ އެދިއެދި އޮންނާނީ ވީހާ ގިނަ ބައަކު ނަރަކައަށް ވެއްދެވުމަށެވެ. ނަރަކައަށް ވަންނަން ޙައްޤުވާ އެންމެން ނަރަކައަށް ލައްވަވައި ނިމުމުން ﷲ ތަޢާލާގެ "ފައިންޕުޅުން" ނަރަކައިގައި ޖައްސަވަންދެން އިތުރު މީހުންނަށް އެދި ނަރަކަ ގޮވަމުންގެންދާނެތެވެ. އެކަމުން އެނގެނީ ނަރަކައިގެ ޖާގަ ނުފުރޭނެކަމެވެ.   

މީސްތަކުންނޭވެ! ދޮގު ހަދައި ކަންކަން އޮޅުވާލަން ބިރުގަންނަ މީހަކު ނެތޭ ބުނާވަރަށް ތެދުވެރިން މަދުވެއްޖެއެވެ. ނަމަވެސް ވިސްނާށެވެ! ދޮގުހަދާ، މަކަރުވެރިން ދުނިޔޭގައި ކިތަންމެ ވަރަކަށް ގިނަވި ނަމަވެސް ނަރަކައިގެ ޖާގަ ޛައްރެއްގެ މިންވަރަކަށްވެސް މަދެއް ނުވާނެއެވެ. ދުނިޔޭގެ އެންމެން ނަރަކައަށް ލެއްވެވި ނަމަވެސް ނަރަކައިގެ ކަންކަން ބަލަހައްޓަވަން ޙަވާލުކުރައްވަވާފައިވާ 19 މަލާއިކަތުން އެއެންމެންގެ ކަންކަން ﷲ ތަޢާލާ އަންގަވާ ގޮތަކަށް ބަލަހައްޓަވާނެތެވެ.   

އަލްމުއްދައްޘިރު ސޫރަތުގެ 30 ވަނަ އާޔަތާއި އައްތަޙްރީމް ސޫރަތުގެ 6 ވަނަ ޢާޔަތް ކިޔައިލުމުން މިބަޔާންކުރި ބަހުގެ ޙަޤީޤަތް އެނގިގެންދާނެއެވެ. އިން ޝާ ﷲ 

އެދުވަހުން (ޤިޔާމަތް ދުވަހު) ކުށްވެރި އަޅުންތައް ކަސްތަޅު އެޅުވިފައިވާނެއެވެ. އެދުވަހުން ފޮނި ބަސްތަކަކުން ނުވަތަ ފަށުވި ޢިބާރާތްތަކަކުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރި ހިސާބުބެއްލެވުމުގެ ދަރުބާރުގައި ޢުޒުރެއް ނުދެއްކޭނެއެވެ.

އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުއްޖަތް ޤާއިމްކުރައްވާނީ ޚުދު އަހަރެމެންގެ ގުނަވަންތަކުންނެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންގެ ދޫތައް ބަންދުކުރައްވާނެއެވެ. އަދި އަހަރެމެންގެ ގުނަވަންތަކަށް ހެކިދީ ވާހަކަ ދެއްކުމަށް އަމުރުކުރައްވާނެއެވެ.   

الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ (يس: 65)  

"މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސުވައި ބަންދުކުރައްވާ ހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސްދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެއެވެ."

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން