ކަންފަތަށް އަޑުއިވުނަސް ބީރު މީހުން ގިނަވަމުން އައުމަކީވެސް ދުނިޔެ ނިމޭކަމުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ކަންފަތަށް އަޑުއިވުނަސް ބީރު މީހުން ގިނަވަމުން އައުމަކީވެސް ދުނިޔެ ނިމޭކަމުގެ ޢަލާމާތެއް!

ފަތިސްނަމާދަށް ނުހޭލެވޭ މީހުންނާއި އަދި ދުވާލުގެ ނަމާދުތައް ނުކުރާ މީހުން ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ! މިކިޔައިދެނީ ކަލޭމެންފަދަ މީހުން ގިނަވުމަކީ ފައުޅުކަންބޮޑު ގޮތެއްގައި ފެންނާނެ ފަހުޒަމާނުގެ ޢަލާމާތެއް ކަމެވެ.

ދުނިޔެ ނިމިގެންދާނީ އާދައާއި ޚިލާފް ވަރަށް ގިނަ ކަންތައްތަކެއް ހިނގައިފައެވެ. އެއިގެ ތެރެއިން އެއްކަމަކީ ކަންފަތަށް އަޑުއިވުނު ނަމަވެސް ބީރުމީހުން ގިނަވުމެވެ. މިހާރުވެސް އެންމެ ގިނައީ އަޑު އިވޭ ބީރުންނެވެ. އަދި ގިނަ ބައަކު އެންމެ ކަންބޮޑުނުވާކަމަކީވެސް ތިމާއަކީ އެފަދަ ބީރު މީހަކުކަމުގައިވުމެވެ.

ފަހު ޒަމާނުގައި ކަންފަތަށް އަޑު އިވުނު ނަމަވެސް "ނިދާފައި އޮތުމަށްވުރެ ނަމާދަށް އައުމުގެ ހެޔޮކަން މާބޮޑު" ކަމަށް ގޮވައިލެވޭ އަޑު ނުއިވޭނެ މީހުން ވަރަށް ގިނަވާނެ ކަމަށް ބުނެވެއެވެ.

ކަންފަތަށް އަޑު އިވުނު ނަމަވެސްތޯ ސުވާލުކުރުމުން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ "ހަމަ އެ ތާޅަފިލިން ގޮވައިލެވޭ އެހެން ހުރިހާ ގޮވައިލުންތަކުގެ އަޑު އިވުނު ނަމަވެސް "ނިދާފައި އޮތުމަށްވުރެ ނަމާދަށް އައުމުގެ ހެޔޮކަން މާބޮޑު" ކަމަށް ގޮވައިލެވޭ އަޑު ނުއިވޭނެ ކަމަށެވެ. އެއީ އެހެން ގޮވައިލެވެނީ ހަމައެކަނި ފަތިސްނަމާދުގެ ބަންގީގައިކަމަށްވުމުން ކަމަށެވެ.

ހަމަ އެއް ތާޅަފިއްޔަކުން އެއް ބާރުމިނެއްގައި ނުކުންނަ އަޑުތަކަކުން ވަކި އަޑެއް ނުއިވުން މިއީ ކިހިނަކުން ހިނގާނެ ކަމެއް ކަމާއިމެދުބައެއް މީހުން ސުވާލުކުރެއެވެ. އެކަން އެވާގޮތަކީ އެގޮތަށް ގޮވައިލެވޭނީ ފަތިހު ކަމަށްވުމެވެ. ޢާންމުގޮތެއްގައި 4.15އިން 4.45 އާއި ދެމެދުގެ ވަގުތެއްގައެވެ. އެވަގުތަކީ ފަހު ޒަމާނުގެ ގިނަ ބައަކު އެންމެ ވަރުގަދައަށް ނިދާފައި ތިބޭނެ ވަގުތެވެ. ގަދަނިދީގައި ގުގުރި ދަމަން ތިބޭނެ ވަގުތެވެ. ވީމާ ފަހުޒަމާނުގެ ގިނަ މީހުން ދުނިޔޭގެ ހަޔާތް ނިންމައިލާނީ ވެސް ފަތިސް ނަމާދުގެ ބަންގީގެ އަޑު ނުއަހައެވެ. އަދި އަޑު އިވުނު ނަމަވެސް އެކިޔާ އެއްޗަކަށް ސަމާލުކަން ދޭނީ ވަރަށް މަދުމީހެކެވެ.

މީސްތަކުންނޭވެ! މިފަދަ ގޮތްތައް މެދުވެރިވަމުން މިދަނީ މުސްލިމުންގެ ނަމުގައި ތިބި ނަމަވެސް ގިނަ ބައަކީ މުސްލިމުން ކަމުގައި ނުވާތީއެވެ. މުނާފިޤުންނަށް ކުރަން އެންމެ އުނދަގޫވާނެ ނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދުކަން ޞަޙީޙް ޙަދީޘްފުޅުން އެއޮތީ އެނގޭށެވެ. ވީމާ ފަތިސް ނަމާދަށް ނުތެދުވެ ބަންގީގެ އަޑު ނުއަހައި ނިދަން އެތިބޭ މީހުންނަކީ މުނާފިޤުން ކަމުގައި ވެދާނެ ކަމުގެ ބިރު އިންތިހާއަށް އެބައޮތެވެ. "ފަތިސް ނަމާދާއި ޢިޝާ ނަމާދަށް" މިސްކިތަށް ދިއުމުން ލިބޭނެ ފައިދާ އެނގޭ ނަމަ ފިރުކެމުން ވެސް ދާނެ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން އެދެ ނަމާދު ކުރުމުން ލިބޭނެ މަތިވެރި ސަވާބު ވެސް އެ އޮތީ ފެންނާށެވެ!

މިހައި ގިނަ ޘަވާބު ލިބެން އޮތް އިރުވެސް ހޯދަން ބޭނުން ނުވުމަކީ ވަރަށް ބޮޑު މައްސަލައެއް ނޫން ހެއްޔެވެ؟ މުނާފިޤުންގެ ތެރޭގައި ހިމެނިދާނެ ކަމުގެ ބިރު އޮތުމުން އެކަމަށްވެސް ކަންބޮޑު ނުވުމަކީ މައްސަލައެއް ނޫން ހެއްޔެވެ؟ މީސްތަކުންނޭވެ! ފަތިސް ނަމާދަކީ ﷲ ތަޢާލާ ކުރިމަތިކުރައްވަވާފައިވާ އެންމެ ބޮޑު އިމްތިޙާނެވެ. ދުނިޔޭގައި ކުރިމަތިވާނެ އިމްތިޙާނުތަކުގެ ތެރެއިން އެންމެ މުހިންމުކަން ބޮޑު އިމްތީޙާނެވެ. ވީމާ "ނިދާފައި އޮތުމަށްވުރެ ނަމާދަށް އައުމުގެ ހެޔޮކަން މާބޮޑު" ކަމަށް ގޮވައިލެވޭ އަޑު ނުއިވޭ މީހުންގެ ތެރޭގައި ނުހިމެނޭށެވެ! އެ އަޑު އިވި އިޖާބަދޭ މީހަކަށްވާށެވެ!

ﷲ ތަޢާލާގެ ގޮވައިލެއްވެވުމުގެ އަޑު އެމީހެއްގެ ކަންފަތަށް ނުއިވޭ މީހަކު ކަމުގައިވެއްޖެނަމަ އެމީހަކާއިމެދު ދެން ކަންތައްތައް ވެގެންދާނެ ގޮތާއިމެދު ފުންކޮށް ވިސްނައިލާށެވެ! އެފަދަ މީހުން އެމީހުން ބޭނުންވާ ކަންކަމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކިހިނަކުންހެއްޔެވެ؟

ކުރިން މިދެއްކީ ނިދާފައި އޮންނާތީފަތިސްނަމާދުގެ ބަންގީގެ އަޑު ނުއިވޭ މީހުންގެ ވާހަކައެވެ. ހަމަ އެފަދަ އެހެންބައަކުވެސް އުޅެއެވެ. ހޭލައި ހުއްޓައި ގޮވައިލެވޭ ބަންގީގެ އަޑުވެސް އިވުނުކަމަށްނުވާ މީހުންނެވެ. މިސްކިތް ކައިރިންދާއިރު ގޮވާ ބަންގީގެ އަޑުވެސް އެމީހުންނަކަށް ނުއިވެއެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ފަތިސްނަމާދަށް ނުހޭލާއި، ނަމާދުނުކުރާ މީހުން އެރޭ އިބިލީސް އެމީހުންގެ ކަންފަތަށް ލީ ކުޑަކަމުދާ ތަކެތި ކަންފަތުގައި ބަހައްޓައިގެން އުޅޭތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން