ގިނަ ބައަކު ބިރުގަންނަނީ ހަމައެކަނި ފާފަކުރެވުމަށެވެ! ހެޔޮ ޢަމަލުކުރާއިރުވެސް ބިރުވެތިވާންޖެހޭކަން ހިތަށް ގެނެވެނީ ވަރަށް މަދު މީޙަކަށެވެ. އަހަރެމެން ﷲ ތަޢާލާއަށް ބިރުވެތިވާން ޖެހޭނީ ވަކި ކަންކަމެއް ކުރުމުގައެއް ނޫނެވެ. ކުރާ ކޮންމެ ކަމެއްގައެވެ. ފާފައަކަށް ވެދާނެ ފަދަ ކަމެއް ކުރެވެން އުޅެވޭނަމަ ހިތަށް ބިރުވެރިކަން ގެންނަންވީ ޤިޔާމަތް ދުވަހު ލިބިދާނެ ޢަޛާބުގެ ގަދަފަދަ ކަމަށެވެ.
ހެޔޮ އަމަލެއް ކުރާނަމަ ބިރުވެތިވާންވީ އެއަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ގޮތަށް ނުކުރެވިދާނެ ކަމާއިމެދުގައެވެ. އެއިރުން ހެޔޮ އަމަލުތައް ކުރެވެމުންދާނީ އެންމެ މަތީ ފެންވަރުގައެވެ. އެގޮތަށް ހެޔޮ އަމަލުތައް ކުރުމުން ﷲ ތަޢާލާ އެމީހެއްގެ އަމަލު ޤަބޫލުފުޅު ކުރައްވަވާނެއެވެ. އިން ޝާ ﷲ!
ތަޤްވާވެރިވުމެވެ ބުނެވޭ ބަހުގައި ދަރަޖަތަކެއްވެއެވެ. އެއިގެތެރެއިން އެންމެ މަތިވެރި މިންވަރަކީ ކޮންމެ ކަމެއް ކުރުމުގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ހުރެ ކަންކަން ކުރާ މީންވަރަށް ތަޤްވާވެރިވުމެވެ. ވީމާ ފާފަ ކުރެވޭނަމަ އެ ޙާލަތުގައިވެސް ﷲ ތަޢާލާ އަށް ބިރުވެތިވުމާއި އަދި ހެޔޮ ޢަމަލެއް ކުރާއިރުވެސް ﷲ ތަޢާލާއަށް ބިރުވެތިވެހުރެ އެއަމަލެއް ކުރުމުން ނޫނީ އެމީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
މީސްތަކުންނޭވެ! އަހަރެމެން ކޮންމެ މީހަކުވެސް ވަރަށް ގިނަ ހެޔޮ އަމަލުތައް ކުރަމުއެވެ. ސުވާލަކީ ކުރާ ހެޔޮ އަމަލުތަކުން އެއްވެސް ފައިދާއެއް ކުރޭ ހެއްޔެވެ؟ މާނައަކީ ކުރާ ކޮންމެ އަމަލެއްވެސް ކުރަންވާނީ އެމީހެއްގެ ތަޤްވާވެރިކަމަށް އެކަމަކުން ފައިދާކުރާނެ ގޮތްތަކަށް ވިސްނައިގެންނެވެ. އެގޮތަށް ހެޔޮ އަމަލުތައް ކުރެވޭނީ ހިތުގައި އޮންނަން ޖެހޭ އިޚްލާޞްތެރިކަމާއި ބިރުވެތިކަން ހިތުގައި ބާއްވައިގެން ކުރުމުންނެވެ. އެވަރަށް ތަޤްވާވެރި ވެވިގެންނެވެ!
މިގޮތަށް އަމަލުކުރަން ޖެހޭނީ ވެސް ވަކި ޙާލަތެއްގައެއް ނޫނެވެ. ވަކި ކަންކަމެއް ކުރާއިރަކު ނޫނެވެ. ދުނިޔެ ދޫކުރުމުގެ ވަގުތާއި ހަމައަށެވެ. އެއިރުން އަހަރެމެންގެ އެންމެ ފަހު ނޭވާ ވެސް ނުކުމެގެންދާނީ އެކަމުން އަހަރެމެންނަށް ފައިދާކުރާނެ ގޮތުގައެވެ. އިން ޝާ ﷲ!
މީސްތަކުންނޭވެ! އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ، އަމަލުތައް ކުރަމުން ގެންދިއުމަކީ ޔުނިވަރސިޓީއަކުން ލިބޭ ޑިގްރީއަކަށްވުރެ މާ މުހިންމު ކަމެކެވެ. ﷲ ތައާލާއަށް ފުރިހަމައަށް އީމާންވެގެން ހުރުމަކީ އަހަރެމެން ދިރިއުޅޭ ގެއަށްވުރެ ނުވަތަ އަހަރެމެންގެ ދުނިޔަވީ ހުރިހާ ކަމަކަށްވުރެ މާ މުހިންމު ކަމެކެވެ. މާނައަކީ ދުނިޔަވީ އެއްވެސް ކަމެއް ޙާޞިލުކުރުމަށްޓަކައި ﷲ ތަޢާލާގެ މަގުން އެއްކިބާ ނުވާށެވެ! އެއަށްވުރެ ބޮޑު ގެއްލުމެއް ނުވެއެވެ. އެހެނީ ދުނިޔަވީ އެއްވެސް ނިޢްމަތަކީ މަރުވުމުން ގެންދެވޭނެ އެއްޗެއް ނޫނެވެ. ގެންދެވޭނީ ހަމައެކަނި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރި ހެޔޮ އަމަލެއް އެކަނިކަމަށްވާތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން