"އަލްކައުޘަރު" ސޫރަތް ރަސޫލް (ޞޢޥ)އަށް މުހިންމުވިވަރާ އެސޫރަތުން ލިބިގަނެވެންހުރި ފައިދާތައް-:

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
"އަލްކައުޘަރު" ސޫރަތް ރަސޫލް (ޞޢޥ)އަށް މުހިންމުވިވަރާ އެސޫރަތުން ލިބިގަނެވެންހުރި ފައިދާތައް-:

ގިނަ މީހުން ސޫރަތުލްކައުޘަރު ކިޔަވައި އުޅެނީ، ދާދި ކުރު، ދޫމައްޗަށް ފަސޭހަ ސޫރަތަކަށްވުމުން ކަމަށްވެދާނެއެވެ. އެހެންކަމުން ގިނަ ބައަކު އެންމެ ގިނައިން ކިޔަވާ އެއް ސޫރަތަކީ ސޫރަތުލްކައުޘަރު ކަމަށްވާނެއެވެ. އެހެންކަމުން މިސޫރަތުގެ މަތިވެރިކަން އެނގިފައި އޮތުމަކީ އަދި މިސޫރަތުގައިވާ އެންގެވުންތަކަށް ޢަމަލުކުރުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި ކައުޘަރު އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤްރުބާން ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ." (އަލްކައުޘަރު: 1،2،3)

މިސޫރަތް ބާވައިލެއްވެވުމުން ރަސޫލް (ﷺ) އުފާފުޅު ކުރައްވަވައި ޙަދީޘްފުޅޫކުރެއްވެވީ "ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ތިމަން ރަސޫލާ (ﷺ)ގެ ކުރިފުޅުމަތީގައި ލޮބުވެތިކަން ބޮޑު ސޫރަތެއް ބާވައިލައްވަވައިފި" ކަމަށެވެ.

މިސޫރަތް ބާވައިލެއްވެވުނީ ރަސޫލް (ﷺ)ގެ ދަރިކަލުން އަވަހާރަވުމާއި ގުޅިގެން ރަސޫލް (ﷺ) އަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގެންފައިވީ ވަގުތެއްގައެވެ. އެހެންކަމުން ފުރަތަމަވެސް ބަޔާންކުރައްވަވާފައި އެވަނީ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި ކައުޘަރު އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ."

މިކަމުން އެނގޭ ކަމަކީ ހިތްދަތިވެ ކަންބޮޑުވާން ޖެހޭ ކަމެއް ކުރިމަތިވި ނަމަވެސް މާޔޫސްވާން ނުޖެހޭނެ ކަމެވެ. ވިސްނައި ފިކުރުކުރަންވީ ދެއްވަވާފައިވާ އެހެން ނިޢްމަތްތަކާއިމެދުގައި ކަމެވެ. އަދި ޤިޔާމަތް ދުވަހު ދެއްވަވާނެ ގިނަގުނަ ނިޢްމަތްތަކާއި މެދުގައެވެ. އަދި އޮތީ އެ ނިޢްމަތްތަކަށް ޝުކުރުވެރިވުން ކަމެވެ.

ކިތަންމެ ބޮޑު މާޔޫސްކަމެއް ލިބުނު ނަމަވެސް ހިތަށް ގެނުވާށެވެ! އަހަރެންގެ ކިބައިގައި އިސްލާމްކަން އެބައޮތެވެ. އަހަރެން މިހިރީ ﷲ ތަޢާލާއަށް އީމާންވެގެންނެވެ. އަހަރެން ކީރިތި ޤްރުއާން ކިޔަވަމެވެ. ނިކަން ވިސްނައިލްބަލާށެވެ! މި ބުނި ނިޢްމަތްތައް ލިބިފައި ނުވާ ކިތައް ބިލިއަން މީހުން ދުނިޔޭގައި އެބަ އުޅޭ ހެއްޔެވެ؟

ޞަހާބީއެއްގެ 4 ދަރިކަލުން ތިއްބަވަނިކޮށް އެއް ދަރިކަލުން އަވަހާރަވިއެވެ. އެހިނދު ވިދާޅުވީ "އަޅާގެ އެއް ދަރިކަލުން ގެންދަވައިފީމުއެވެ. އަދިވެސް 3 ދަރިކަލުން ތިބި ކަމަށްޓަކައި (ނުގެންދަވައި) މިއަޅާ ޝުކުރުވެރިވަމެވެ. އަލްޙަމްދުލިﷲ!" އެވެ. އިސްލާމުންގެ ގޮތަކީ މިއީއެވެ.

ކައުޘަރު އަކީ ސުވަރުގޭގެ އާރުތަކުގެ ތެރެއިން އާރެކެވެ. ސުވަރުގޭގެ ކޯރުތަކުގެ ތެރެއިން ކޯރެކެވެ. މުޅި ކޯރުވަނީ މުތެއްގެ ތެރޭގައެވެ. އެ ކޯރުގެ ފެން ސްނޯއަށްވުރެ ހުދެވެ. އައިސްއަށްވުރެ ފިނިކަން ގަދައެވެ. މާމުޔަށްވުރެ ފޮންޏެވެ. މިކޯރުގައިވާ ފެނުގެ މުހިންމުކަން ވަޒަން ކުރެވޭނެ ގޮތެއްވެސް ނެތެވެ.

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެ ކޯރުން އެންމެ ފެން ތިއްކެއް ބޯން ލިބުނު މީހަކު ދުވަހަކުވެސް ފެންބޮވައިގެން ފެނަށް ބޭނުން ނުވާނެ ކަމަށެވެ. ފެން ބޯނަމަ ބޯނީ ފެން ބޮވައިގެން ނޫން ކަމަށާއި ފެން ބޯހިތްވެއްޖެނަމަ ކަމަށެވެ. މާނައަކީ ކަރު ހިއްކައިގެން ފެނަށް ބޭނުންވެގެން ދުވަހަކުވެސް އުޅެން ނުޖެހޭނެ ކަމެވެ. އަދި ޤިޔާމަތް ދުވަހުގެ ގަދަ ހޫނުގައި މީސްތަކުންގެ ކރު ހިއްކުން ފިލުވުމަށް (ފެން ލިބޭނެ ބައަކަށް) ފެން ލިބޭނީ ވެސް އެ ކޯރުންނެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި ކައުޘަރު އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވެވި"ކަން އެންގެވުމަށްފަހު ވިދިގެން މިއަންގަވަނީ "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ!" މާނައަކީ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމުގެ ގޮތުން ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާއަށް އަޅުކަންކުރުން ކަމަށެވެ. ދެން މިއަންގަވަނީ ﷲ ތައަލާއަށް ޤްރްބާން ކުރުމަށެވެ.

މިތަނުގައި މިއަންގަވަނީ ޖަމަލެއް ޤްރުބާން ކުރެއްވެވުމަށެވެ. އެއިރު ޖަމަލަކީ އެންމެ އަގު ބޮޑު ޖަނަވާރެވެ. މިކަމުގެ މާނައަށް ވިސްނާށެވެ! ނަމާދަކީ އިންސާނާ ކުރާނެ އެންމެ މަތިވެރި އަޅުކަމެވެ. ނަމާދަކީ ﷲ ތަޢާލާ މަތިވެރިކުރުމާއި ޛިކްރުކުރުމާއި ދުޢާކުރުމާއި މިފަދަ ހުރިހާ ހެޔޮ އަމަލުތަކެއް ހިމެނިގެންވާ އަޅުކަމެވެ. ނަމާދުކުރާށެވެ. ބުނުމުން އެބުނެވެނީ މިފަދަ ހުރިހާ ހެޔޮ އަމަލުތަކެއް ކުރަން ބުނުމެވެ.

މިސޫރަތް ބާވައިލެއްވެވިއިރު ރަސޫލް ﷺ ގެ އަތްޕުޅުގައި ޖަމަލެއް ނުވެސް ނެތެވެ. ޖަމަލެއް ބައްލަވައިގަތުމުގެ ތަނަވަސްކަމެއް ވެސް ލިބިވަޑައިގެންފައެއް ނެތެވެ. އެހެންކަމުން ﷲ ތަޢާލާ އަންގަވާފައި އެވަނީ ތަނަވަސްކަން ދެއްވަވާނެ ކަމާއި ތަނަވަސްކަން ދެއްވެވުމުން އެއިން ހޭދަކުރެއްވެވުމުގެ މަތިވެރިކަމެވެ.

ރަސޫލް (ﷺ) އަށް ތަނަވަސްކަން ލިބިވަޑައިގަތުމުން 100 ޖަމަލު ޤްރުބާން ކުރެއްވެވިއެވެ. އެއިގެ ތެރެއިން 63 ޖަމަލު ޤްރުބާންކުރެއްވެވީ އަމިއްލަފުޅު އަތްޕުޅުންނެވެ.

އެ ޒަމާނުގައި ޖަމަލެއް ޤްރުބާން ކުރުމަކީ އެންމެ ބޮޑު ޞަދަޤާތެވެ. ވީމާ މީގެ މާނައަކީ ﷲ ތަޢާލާއަށްޓަކައި އެމީހަކަށް ކުރެވެން އޮތްހައި ގިނައިން ޞަދަޤާތްކުރުމެވެ. ޞަދަޤާތްކުރަމުން ގެންދިއުމެވެ.

"ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ." އެކަން ވެގެން ދިއައީ އެގޮތަށެވެ. ރަސޫލް (ﷺ) އަށް ނިކަމެތި ބަސްތައް ބުނެ އަނިޔާވެރި އަމަލުތައް ކުރި އެންމެން ނިމިގެން ދިއައީ ކޮންފަދަ ނިކަމެތި ކަމާއިއެކުގައި ހެއްޔެވެ؟ އަބޫޖަހުލު ފަދަ އެންމެންނެވެ!

ވީމާ މި ސޫރަތް ގިނަގިނައިން ކިޔަވާށެވެ! މާނަ ހިތަށް ގެންނަމުންނެވެ. ސޫރަތުގައި އަންގަވާފައިވާ ކަންކަމަށް ވިސްނަމުންނެވެ. އެމީހަކަށް ދުނިޔެއާއި އާޚިރަތްވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ!

--ޔާސިރު ޤާޟީގެ ޚުޠުބާއަކުން

މިއަދު އޮންލައިން