އަހުރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައި ޢަމަލުކޮށްފިނަމަ ފާފަކުރެވުނަސް އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ. ނަމަވެސް މާނަ އޮޅުވާލައި ވީހާ ގިނަ ފާފަކުރަން ނުވިސްނާށެވެ. އަހުރެން މިބުނީ ކީކޭހެއްޔެވެ؟ އަހުރެން މިބުނީ "ފާފަ ކުރެވުނަސް" އެވެ. އެއީ ފާފަކުރުމާއި މުޅިން ތަފާތު ކަމެކެވެ.
ތިމާއަށް ކުށެއް ކުރެވިއްޖެކަން ވިސްނުމުން ބައެއް މީހުން އަމިއްލަ ނަފްސް ދެކެ ރުޅި އައުދެއެވެ. ނަމަވެސް ކުށެއް ކުރެވުމަކީ އަމިއްލަ ނަފްސް ދެކެ އެއްވެސް ވަރަކަށް ރުޅި އަންނަން ޖެހެންވީ ސަބަބެއް ނޫނެވެ. ތިމާއަށް ކުށެއް ކުރެވިއްޖެ ކަމަށް އަމިއްލައަށް ޤަބޫލުކުރެވިއްޖެ ނަމަ އެއިގެ މާނައަކީ އަވަހަށް މިސްރާބު ބަދަލުކުރަންވީކަމެވެ. އެކަމުން ޙާޞިލުކުރަން ޖެހޭ ފިލާވަޅުތައް ދަސްކުރުމަށް އަވަސްވެގަންނާށެވެ!
މިހެން ބުނުމުން ބައެއް މީހުން ޙައިރާންވެސްވެދާނެއެވެ. ނަމަވެސް ހަޤީޤަތަކީ މިއީއެވެ. ބައެއް މީހުންނަށް ސުވަރުގެ ވަދެވޭ ސަބަބަކީ އެމީހުންނަށް ފާފަކުރެވުން ކަމުގައިވެސް ވެދާނެއެވެ. ވިސްނާލަން ޖެހެނީ އެމީހާއަށް ސުވަރުގެ އެވަދެވެނީ އޭނާއަށް ކުރެވުނު ފާފައަށް ޘަވާބު ލިބިގެން ނޫންކަމާއި އޭނާއަށް ސުވަރުގެ އެ ވަދެވެނީ ފާފަ ކުރެވުމުން ބިރުވެތިވެވި، ފާފަކުރުން ހުއްޓާލެވި، ތައުބާވެވި ފަހަތުން ކުރަމުން އައި ހެޔޮ ޢަމަލުތަކުގެ ސަބަބުންނެވެ. ޙަޤީޤީ ބުއްދިވެރިންނަކީ ހަމައެއީއެވެ.
ތިމާއަށް ކުށެއް ކުރެވިއްޖެކަން އެނގުނުކަން އެއީ ވަރަށް ބޮޑު ރަނގަޅެކެވެ. ނުބައިކަން ބޮޑީ ކުށެއް ކުރެވުމުން އެކަން ޤަބޫލު ނުކުރެވުމެވެ. ވީމާ ތިމާއަށް އެ ކުށް ކުރެވުން އެއީ ތިބާގެ އަމަލުތައް އިޞްލާޙްކުރުމަށް ދެއްވެވި ފުރުޞަތެއް ކަމަށް ބަލައި ފުރުޞަތުގެ ބޭނުން ހިފާށެވެ! ހެޔޮލަފާ މީހަކަށް ވުމަށް އިތުރަށް ގަދައަޅައި މަސައްކަތްކޮށް އިޞްލާޙްވެގެން ހުރި މުޅިން އައު މީހެއްގެ ގޮތުގައި މީސްތަކުންނަށް ދައްކާށެވެ! އަދި އެ ގޮތުގައި ކުރިއަށްދާށެވެ!
މިދެއްކި ވާހަކައިގެ ފޯމިޔުލާވެސް ބުނެދޭނަމެވެ. ފާފައެއް ކުރެވުމުން ލިޔުއްވަވާނީ އެންމެ ފާފައެކެވެ. ވިއްދައިގެން ތައުބާވެ ހެޔޮ ޢަމަލެއް ކުރުމުން މަދުވެގެން އެމީހަކަށް 10 ޘަވާބު ލިޔުއްވަވާނެތެވެ. ހުޝިޔާރު މީހުންކަމަށް މިބުނަނީ ފާފައެއް ކުރެވުނަސް ހަމަ ވަޤުތުން ތައުބާވެ ވިއްދައިގެން 10 ޘަވާބު ހޯދާ މީހުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން