މީސްތަކުން އުޅުމަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެން ބުނީމާ ބައެއް މީހުންނަށް ވިސްނެނީ މިއުޅެނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމެއްކޮސްދޭންޖެހިގެން ކަމަށެވެ. ތިމާ ކުރާ ހެޔޮ ޢަމަލުތަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންވާ ކަމަށެވެ.
އެހެންވެ ބައެއް މީހުންނަށް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ކަމެއްގެ ވާހަކަ ބުނެލާނަމެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ތިމާ ހެޔޮ ޢަމަލުކޮށް ﷲ ތަޢާލާ އަންގަވާފައި ގޮތަށް އުޅުމަކީ ﷲ ތަޢާލާއަށްޓަކައި ތިމާ ކޮށްދޭ ކަމެއްކަމަށެވެ. އެހެނަސް މިއީ ވަރަށް ބޮޑު އޮޅުމެކެވެ. ތިބާ ކުރާ އެއްވެސް ހެޔޮ ޢަމަލަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ.
އަދި ތިބާ ކިތަންމެ ގިނަ ފާފަތަކެއް ކުރިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އުނިވާ އެއްވެސް ކަމެއްވެސް ނެތެވެ. ޛައްރެއްގެ މިންވަރުވެސް ﷲ ތަޢާލާއަށް އުނިނުވާނެތެވެ. ﷲ ތަޢާލާއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.
މިޘާލަކަށް އާދަމްގެފާނަށް މަނާކުރެއްވެވި ގަހުން ފަރިއްކުޅުއްވެވުމާއިމެދު ވިސްނާށެވެ. އެބޮޑު ފާފަކުރެއްވެވުމުން ﷲ ތަޢާލާއަށް ޛައްރެއްގެ މިންވަރުވެސް މަދުވިހެއްޔެވެ؟ ތައުބާވެވަޑައިގަތުމުން ތައުބާ ޤަބޫލުފުޅު ކުރައްވަވައި ދުނިޔޭގެ ބިމަށް ވައްޓަވައިލެއްވެވީ ނޫންހެއްޔެވެ؟
އަހުރެމެން ފާފަކޮށް ތައުބާ ނުވިނަމަ އަންގަވާފައިވަނީ ނަރަކައަށް ވައްދަވާނެ ކަމަށެވެ. ތައުބާވުން ގިނަކޮށް ހެޔޮ ޢަމަލުކުރުން ގިނަކުރަންވީ އަހުރެމެންގެ ނަފްސްތައް ނަރަކައިން ސަލާމަތްކުރުމަށެވެ. އަހުރެމެންގެ ފައިދާއަށެވެ. ދީނުގައި އުޅެން އޮތް ގޮތަށް އުޅެންވީ އެމީހަކަށް އެކަމުން ފައިދާކުރާނެތީއެވެ. ސުވަރުގެ ދެއްވަވާށނެތީއެވެ. ތިމާ ސުވަރުގެ ވައްދަވައިދެއްވެވުން އެދިގެންނެވެ.
ވީމާ ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދެމިހުންނަން މަސައްކަތްކުރަންވީ އެމީހާގެ އަމިއްލަ ފައިދާއަށެވެ. އެމީހަކު ނަރަކައިން ސަލާމަތްވުމަށެވެ. އެމީހަކު ސުވަރުގެ ވަނުމަށެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ ތިބާއަށް ތެދުމަގު ދައްކަވައި ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް ދެއްވަވައިފިނަމަ އެއީ ތިބާއަށް ﷲ ތަޢާލާ ދެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. ވީމާ އޮތީ އެކަން ޤަބޫލުކޮށް ޝުކުރުވެރިވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން