އެންމެން "ބިޒީވެ" ގިނަވަޤުތު މަސައްކަތުގައި އުޅެންޖެހުމަކީ ޝައިޠޯނާ ބޭނުންވާ ގޮތް! ﷲ ގެ ރަޙްމަތް އިތުރުވާނީ ކިތަންމެ "ބިޒީޔަސް" ކުރަންޖެހޭ އަޅުކަންކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެންމެން "ބިޒީވެ" ގިނަވަޤުތު މަސައްކަތުގައި އުޅެންޖެހުމަކީ ޝައިޠޯނާ ބޭނުންވާ ގޮތް! ﷲ ގެ ރަޙްމަތް އިތުރުވާނީ ކިތަންމެ "ބިޒީޔަސް" ކުރަންޖެހޭ އަޅުކަންކުރީމަ!

ދިރިއުޅެން މިހާރުޖެހިފައިވާ ޙާލަތަށް ބަލާއިރު ޠޯހިރު ދިރިއުޅުމެއް އުޅެވެން އޮތީ ވަރަށް ގިނަ ފައިސާ ލިބިގެންނެވެ. އެންމެ ބޮޑު ަމއްސަލައަކީ ދިރިއުޅޭނެ ތަނެކެވެ. އެތަނުގެ ކުއްޔެވެ. ބަހާލައިގެން އަގުދައްކާ ގޮތަށް ފްލެޓެއް ލިބުނަސް އެތަން ގަންނަން ކުރަން ޖެހޭ ހޭދަބޮޑުވުމެވެ.  

އެއިގެ އިތުރުންވެސް ސަބަބުތައް ބައިވަރެވެ. ދިރިއުޅުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމުގެ އިތުރުން އަސާސީ ބޭނުންތައް ކަމުގައި ބެލެވޭ ކަންކަން ގިނަވެފައި އެކަންކަމަށް ކުރަންޖެހޭ ހޭދަބޮޑުވުންވެސް އެއީ ސަބަބެކެވެ. އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ބޭނުންވާކަމަށް ޤަބޫލުކުރެވޭ ކަންކަން ގިނަވުންވެސް އެއީ ސަބަބެކެވެ.  

ކަރަންޓަށް ބަލާނަމަ ކުރިން އޭސީއަކީ "ލަގްޒަރީ" އެއްޗެކެވެ. މިހާރު އަސާސީ އެއްޗެކެވެ. ފެނަށް ބަލާނަމަ ކުރިން ވަޅުފެންވެސް ބޭނުންކުރެވެއެވެ. މިހާރުގެ ފްލެޓްތަކުން ވަޅުފެން ނުވެސް ލިބެއެވެ. ކޮންމެ ކަމަކަށް ފެން ބޭނުންކުރިނަމަވެސް އެފެނަށް އަގުދައްކަން ޖެހެއެވެ. މިފަދަ އެތައް ސަބަބެކެވެ.  

އެހެންވެ ފިރިމީހާ އެކަނި ވަޒީފާ އަދާކޮށްގެން މިހާރު ދެކޮޅު ޖެއްސެން އޮތީ ފިރިމީހާއަށް ވަރަށް ބޮޑު މުސާރައެއް ލިބޭނަމައެވެ. ވަރަށް މަދު މީހަކަށް ނޫނީ އެވަރުގެ ބޮޑު މުސާރައެއް ނުލިބެއެވެ. އެހެންވެ ދެކޮޅު ޖެއްސެން މިއޮތީ ދެމަފިރިން އެކުގައި މަސައްކަތްކޮށްގެންނެވެ. ވަޒީފާއަދާކޮށް އާމްދަނީ ހޯދައިގެންނެވެ.  

އަހުރެންގެ ނަޞީޙަތަކީ ދެމަފިރިން އެކުގައި ވަޒީފާއަދާކުރިޔަސް އަދި ގިނައިރު މަސައްކަތުގައި އުޅެންޖެހުނަސް އެމީހަކު ކުރަންޖެހޭ އަޅުކަމަށް އިހްމާލްނުވާށެވެ! ގެއަށް އައިސް ހަމަޖެހިލައިގެން ކުރަން ނަމާދުތައް ނުކޮށް ނުބަހައްޓާށެވެ! މަސައްކަތް ބުރަކަމުން ނަމާދަށްފަހު 33 ފަހަރު ތަސްބީޙްކިޔައިލާނެ ވަޤުކޮޅެއްވެސް ނުލިބޭނަމަ 10 ފަހަރު ނަމަވެސް ކިޔައިނުލާ ނުތެދުވާށެވެ! އެނަމާދެއްގެ ވަޤުތުގައި އެނަމާދެއް ކުރަމުން ގެންދާށެވެ. 

ވިސްނާށެވެ! މީސްތަކުން ބިޒީވެ އަޅުކަމާއި ދުރުހެލިވުމަކީ ޝައިޠޯނާ އެދޭނެ ގޮތެވެ. އަހުރެމެންގެ ދިރިއުޅުމުގައި މާތް ﷲ ބަރަކާތް ލައްވަވައި ހެޔޮގޮތްތައް މިންވަރުކުރައްވަވާނީ އިބިލީހަށް ނުހެއްލި ﷲ ތަޢާލާގެ މަގުގައި ޘާބިތުވި ވަރަކުންނެވެ!

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

މިއަދު އޮންލައިން