ފުރިހަމަ މުސްލިމަކަށް ވެވޭނީ ހިތްސާފުކޮށްގެންނެވެ. ހިތްސާފުކުރުމަކީ އަޅުކަންކުރުމުން ޙާޞިލުކުރެވެން އޮތްކަމެއް ނޫނެވެ. ކުރާއަޅުކަން އަޅުަކަމަކަށްވާނީވެސް ހިތްސާފުކޮށްގެން ހުރެ އަޅުކަންކުރުމުން ކަމަށްވާތީއެވެ.
އެންމެ މީހަކަށް ނަމަވެސް ހިތުގައި ހަސަދަލައިގެން އުޅޭނަމަ އަބަދުވެސް ހުރެވޭނީ އެކަމުގެ ޚިޔާލުތަކުގައެވެ. އަޅުކަންކުރާއިރުވެސް އެކަންކަން ހިތަށް ވަންނާނެއެވެ. އެއީ ފުރުޞަތުގެ ބޭނުންހިފައި ޝައިޠޯނާ އެކަންކަން ހަނދާންކޮށްދޭތީއެވެ.
ދެން ބުނެލަން އޮތީ އަނެކާގެ ބައިވެރިޔާ ރީތިވެފައި ތަނަވަސްވުމުން ހިތުގައި ޙަސަދަލެވޭ މީހުންގެވާހަކައެވެ. އެއިރުންވާގޮތަކީ ތިމާގެ ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރެވެނީއެވެ. އަނެކާގެ ބައިވެރިޔާގެ ހުރި ރީތިކަން ހިތަށް އެރީމާ ލިބިފައިވާ މާބޮޑަށް ހުތުރުވެ ކަމުނުދަނީއެވެ. އަނެކާގެ ބައިވެރިޔާގެ ހުރި ތަނަވަސްކަމަށް ޙަސަދަލެވުނީމާ ވާގޮތަކީ ލިބިފައިވާ ބައިވެރިޔާ ކޮސްދޭ ކަންކަން ބަލައިނުގަނެވެނީއެވެ. އަނެކާގެ ބައިވެރިޔާ އޭނާއަށް ކަންކަން ކޮށްދޭ ފެންވަރުން ތިމާގެ ބޭނުންތައްވެސް ފުރިހަމަވާން އެދެވެނީއެވެ.
މިކަންކަމުގެ ނަތީޖާއަކަށްވަނީ އެއްވެސް ކަމަކަށްނުވާ ޒާތުގެ ކަންކަމުގައިވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި އެކުގައި ނުއުޅެވޭ ހިސާބަށް ކަންކަން ގޮސް ދެމީހުންނަށް ވަކިވާންޖެހެނީއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ހަމަ އެކަކަށްވެސް ޙަސަދަވެރިނުވާށެވެ! އެކަމުގެ ނަތީޖާއަކަށްވާނީ މިބުނިމަގުން ދުނިޔެއާއި އާޚިރަތް ގެއްލިގެންދިއުމެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ހައިސްކޫލެއްގެ ދަރިވަރުންތަކެއް ދަތުރަކު ދިއުމަށް ހަމަޖެހުމުން ޓީޗަރަކު ކުދިންނާއި ޙަވާލުކުރީ ވަރަށް ތަފާތު މަސައްކަތެކެވެ. އެންގީ ކޮންމެ ކުއްޖަކު 5 ކިލޯ އަލުވި ގެނައުމަށެވެ. އަލުވި ގެނައުމުން ކުދިންގެ ގާތުގައި ބުނީ އެކުދިން މާފުކުރަން ބޭނުން ނުވާ މީހުންގެ ނަންތައް އަލުވީގައި ލިޔުމަށެވެ.
ބައެއް ކުދިން ހުރިހާ އަލުވިތަކެއްގައި ނަން ލިޔުނެވެ. އަނެއްބައިކުދިން ލިޔުނީ ވަރަށް މަދު އަލުވީގައެވެ. ލިޔެނިމުނީމައި ޓީޗަރު ބުނީ ނަން ލިޔުނު ހުރިހާ އަލުވިތައް ކޮންމެ ކުއްޖަކުވެސް ދަތުރުގައި ގެންދިއުމަށެވެ. އަދި ދަތުރުގައި އެ އަލުވިތައް އަބަދު އުފުލަން ޖެއްސުވިއެވެ.
ގިނަ އަލުވި އުފުލަންޖެހުނު ކުދިންނަށް އިސާހިތަކު އެކަން ބޮޑު ތަކްލީފަކަށް ވިއެވެ. އަލުވިތައް ކުނިވެ ނުބައިވެސް ދުވަސްފެށުމުން އެކަމުގެ ތަކްލީފް އިތުރަށް ބޮޑުވެ ޓީޗަރަށް ޝަކުވާ ކުރުމުން ހިނިތުންވެގެންހުރެ ޓީޗަރު ބުންޏެވެ.
މިކަމުން ތިއަކުދިން ދަސްކުރަންޖެހޭ ފިލާވަޅެއް އެބައޮތެވެ. އެއީ އެއްވެސް މީހަކަށް މާފުނުކޮށް އެކަން ހިތުގައި ބާއްވައި ހަސަދަލައިގެން އުޅޭނަމަ އެއީ ތިއަކުދިންނަށް އުފުލޭ ތަކްލީފެކެވެ. ތިއަކުދިންގެ ހިތަށް އުފުލަންޖެއްސުވޭ ބޮޑު ބުރައެކެވެ. ހިތް އެކަމަކަށް ނުރުހޭނެއެވެ. ހިތް ބޭނުންވާނީ އެބުރަ ނުއުފުލުމަށެވެ. ނަމަވެސް ތިއަކުދިން ހިތަށް މަޖުބޫރުކުރުވައިގެން އެބުރަ އުފުލުވަނީއެވެ.
މާތް ﷲ ވަޙީކުރައްވަވާފައިވަނީ މީސްތަކުންނަށް މާފުކުރުމަށެވެ. އަދި މާފުކުރާ މީހުންނަށް ހެޔޮ ދަރުމަ ދެއްވަވާނެ ކަމަށެވެ. ވީމާ ހުރިހާ ކުދިންވެސް ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށް ޢަމަލުކުރާށެވެ. އެއްވެސް މީހަކަށް ހިތްބުރަ ނުކުރާށެވެ. މީސްތަކުންނަސް މާފުކޮށް ހިތް ސާފުކުރިވަރަކަށް ހިތް ޠޯހިރުވާނެއެވެ. ހިތަށް ލުއިކަން ލިބޭނެއެވެ.
އަދި ކީއްހެއްޔެވެ؟ އެއިރުން ބޭކާރު ކަންކަމަށް ވިސްނުމުން ސިކުނޑި ސަލާމަތްކުރެވޭނެއެވެ. ނުބައި ވިސްނުންތަކުން ސަލާމަތްވެވި ހެޔޮ ކަންކަމަށް ވިސްނުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. ދަސްކުރާ ފިލާވަޅުތައް ސިކުނޑީގައި ހަރުލައްވަން އެތައް ތަނަކުން ފަސޭހަވެގެންދާނެއެވެ.
މިވާހަކަކޮޅަކީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެއްކަމަށް ދެކެމެވެ. އެކަންކަމަސް ވިސްނަންވީ ހަމައެކަނި ދަރިވަރުންނެއްވެސް ނޫނެވެ. އެންމެންވެސް ވިސްނަންވީއެވެ. ޓީޗަރު އެބުނި ގޮތަށް ޢަމަލުކުރަންވީއެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އިން ޝާ ﷲ
- އަލަފް