ނަމާދުކުރުމުން ހަމައެކަނި ޙާޞިލްކުރެވޭ ކަމަކީ ނަމާދުކުރިކަމުގެ ޘަވާބު ލިބުމެއް ނޫނެވެ. މީހާއަށް ތެދުމަގު ފެނިގެންދެއެވެ. ކުރެވޭ ނުރަނގަޅު ކަންކަން ކުރުން ހުއްޓާލައި ރަނގަޅު ޢަމަލުތައް ކުރަން ބާރުއަޅާ ކަމަކަށްވެސް ވެގެންދެއެވެ.
މިހެން ބުނުމުން ބައެއް މީހުން ބުނެފާނެއެވެ. ނަމާދުކުރާ މީހުން، ނަމާދުން ފައިބައިގެން ގެއަށް ގޮސް އެމީހުންގެ އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ނުބައިކޮށް ކަންކަން ކުރެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
ޖަވާބުގައި އަހުރެން ފުރަތަމަވެސް ބުނާނީ އޭނާ ކުރި އަޅުކަމުގެ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހުރެންނަކަށް ނުއެނގެއެވެ. އެހެނަސް އޭނާ ނަމާދު ކުރީ ފުރިހަމަ ގޮތުގައި، ﷲ ތަޢާލާއަށް ބިރުވެތިވެ، ކިޔަމަންތެރިވެގެންކަމުގައިވާނަމަ އެގޮތަށް ކަންކަން ކުރާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
އެހެން މިބުނަނީ ނަމާދުކުރަންވާ ގޮތަށް ނަމާދުކުރާ މީހާއަށް ރަނގަޅު ގޮތްތައް، ރަނގަޅު މަގު ދައްކަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ވީމާ އަހުރެން ބުރަވާނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށެވެ.
އެހެނަސް މީހަކަށް ފަހަރެއްގައި ނުބައިކޮށް ކަމެއް ކުރެވިދާނެއެވެ. އެއީ އަދި މުޅިން ތަފާތުކަމެކެވެ. ނަމާދުކުރަންވާ ގޮތަށް ނަމާދުކުރާ މީހެއްގެ ކިބައިގައި ތިއަބުނާފަދަ ނުރަނގަޅު އާދަތަކެއް ހަރުލާފައި ހުންނަނަމަ އެއީ މުޅިން ތަފާތު ކަމެކެވެ.
މިބުނާ ބަހުގެ ތެދުކަން ޢަޖުމަ ބަލައިލަން ބޭނުންނަމަވެސް ނިކަން ﷲ ތަޢާލާއަށް ބިރުވެތިވެ، ކިޔަމަންތެރިކަމާއިއެކު ނަމާދުކުރަން ފަށައިބަލާށެވެ. އެމީހަކަށް އަންނަ ބޮޑެތި ބަދަލުތައް ދާދި އަވަހަށް ފެންނަން ފަށާނެއެވެ. އިން ޝާ ﷲ
އަހުރެންގެ ނަޞޭޙަތް ޤަބޫލުކުރާށެވެ! ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދެން އޮތް ވަޙީބަސްފުޅަށް ޢަމަލުކުރާށެވެ! އެމީހެއްގެ ކިބައިގައި ހުންނަ ނުރަނގަޅު އާދަކާއި ސިފަތަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން