މައިންބަފައިންނަށް ހެޔޮކޮށް ނުހިތުމަކީ އާޚިރަތް އެމީހަކަށް ގެއްލިދާނެ ސަބަބެއް! ﷲ ތަޢާލާ ޢަފޫ ނުކުރައްވަވާނެ މީހަކަށްވުމަށްވުރެ ބޮޑު ދެރައެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މައިންބަފައިންނަށް ހެޔޮކޮށް ނުހިތުމަކީ އާޚިރަތް އެމީހަކަށް ގެއްލިދާނެ ސަބަބެއް! ﷲ ތަޢާލާ ޢަފޫ ނުކުރައްވަވާނެ މީހަކަށްވުމަށްވުރެ ބޮޑު ދެރައެއް ނުލިބޭނެ!

މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ވާހަކަ ގިނަގިނައިން ހަނދާންކޮށްދޭން މިޖެހެނީ ދިރިއުޅުމަށް އަންނަމުންދާ ބޮޑެތިބަދަލުތަކުގެ ސަބަބުންނާއި އަދި އެނޫންވެސް ސަބަބުތަކާއިހުރެ މައިންބަފައިންނަށް އިހްމާލުވެވޭ މީހުން ގިނަވާތީއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

މައިންބަފައިންނަކީ ދަރިންނަށް އެންމެ ހެޔޮއެދޭނެ މީހުންނެވެ. މައިންބަފައިންނަކީ ދަރިންނަށްޓަކައި ކޮންމެ ފަދަ ޤުރްބާނީއެއް ވުމަށްވެސް ތައްޔާރަށް ތިބޭ ބައެކެވެ. މަސައްކަތުގެ ގޮތުންވެސް އަދި ހޭދަކުރުމުގެ ގޮތުންވެސްމެއެވެ.  

އެހެނަސް މައިންބަފައިންގެ ތެރޭގައިވެސް ތަފާތު މީހުން ތިބޭނެއެވެ. އެންމެ ރަނގަޅު ގޮތް ނޫން ގޮތްގޮތަށް ދަރިންނާއިމެދު ކަންކަން ކުރެވޭ ބައަކުވެސް ތިބޭނެއެވެ. އެކަން ހުރިހާ އެންމެންވެސް ޤަބޫލުކުރަންވާނެއެވެ.  

ވީމާ މައިން ބަފައިން ތިމާއާއިމެދު ގޯސްކޮށް ކަމެއް ކޮށްފައި އޮތުމަކީ އެމީހުންނާއި ރުޅިވެރިކަން ބާއްވަން ހުއްދަވާ ސަބަބެއް ނޫނެވެ. އަހުރެމެންނަށް އޮތީ އެކަމަށް މާފުކޮށް އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. ދަރިންގެ ފަރާތުން ކޮށްދޭންޖެހޭ ކަންކަން ވީހައި ފުރިހަމައަށް ކޮށްދިނުމެވެ.  

ސަބަބަކީ ދުނިޔަވީ އެއްވެސް ސަބަބަކަށްޓަކައިވެސް ނުވަތަ އެއްވެސް ސަބަބެއް ނެތިވެސް  ރަޙިމުގެ ގުޅުން ކަނޑާ މީހުންނާއި މައިންބަފައިންނަށް އިޙްތިރާމްނުކޮށް އެމީހުންނަށް ނުބައިކޮށް ކަންކަން ކުރާ މީހުން ހިމަނުއްވަވާފައިވަނީ ﷲ ތަޢާލާ އެމީހުންނަށް މާފުނުކުރައްވަވާނެ މީހުންގެ ތެރޭގައެވެ. 

ތިމާއަށް މައިން ބަފައިންވިޔަސް އެހެން މީހަކު ވިޔަސް ނުބައިކޮށް ކަމެއް ކޮށްފައި އޮތިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ ކޮންމެ ކަމެއްވެސް މެދުވެރިވާނީ ތަޢާލާ އެކަމަކަށް އިރާދަކުރައްވަވައިފިނަމައެވެ. ވީމާ މީހަކު ކުރާ ކަމަކާއި ހެދިގެން ތިމާއަކީ ﷲ ތަޢާލާ ޢަފޫ ނުކުރައްވަވާނެ މީހަކު ކަމުގައި ވެވިއްޖެނަމަ ލިބޭނެ ދެރަ މާބޮޑުވާނެކަން ޤަބޫލުކުރާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން