އަޅުގަނޑުގެ އަނބިމީހާއަކީ ތެދުވެރިއެކެވެ. އަޅުގަނޑާއިއެކު ނޫނީ ގެއިން ބޭރަކަށްވެސް ނުދެއެވެ. މަދުފަހަރަކުވެސް ގޮސްލާނީ އަޅުގަނޑުގެ މަންމަ ނުވަތަ އުޚުތަކާއިއެކުގައެވެ. އަޅުގަނޑަށް ފުރިހަމައަށް ޚިދުމަތްވެސް ކުރެއެވެ. ނަމަވެސް މައްސަލައަކީ އޭނާ ކުރިން ލޯބިވި މީހަކާ މިހާރުވެސް ފޯނުން ވާހަކަދައްކާ ކަމެވެ.
މިކަމަށް ހުރަސް އަޅައިފިނަމަ މައްސަލަ ހޫނުވެދާނެތީ މިހުންނަނީ ބަހެއްވެސް ނުބުނެއެވެ. ނަމަވެސް އެކަމުން ވަރަށް އުނދަގޫވެއެވެ. އެންމެ ބޮޑު މައްސަލައަކީ ވަރިވެދާނެ ކަމުގެ ބިރުގަންނަ ކަމެވެ. މިޙާލަތުގައި ޢަމަލުކުރާނެ ރަނގަޅު ގޮތެއް ބުނެދީބަލަ!
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަސް އަނބިމީހާގެ ތެދުވެރިކަމަށް 70 އިންސައްތަ މާކްސްދޭށެވެ! ކުރާ ޚިދުމަތަށް 25 އިންސައްތަ މާކްސްދޭށެވެ. އެއިރުން ދެން ބާކީ އޮންނާނީ 5 އިންސައްތައެވެ. އެވަރު ރިސްކްގައި ބާއްވާށެވެ!
ތިއަކުރާ ކޯލް ތިއަކުރާ ސަބަބު ހޯދަން މަސައްކަތްކުރާށެވެ! ސަބަބު އެނގުނީމަ އެސަބަބު ނައްތައިލަން ޙިކުމަތްތެރިކަމާއިއެކު މަސައްކަތްކުރާށެވެ! ބޮޑަށް ވިސްނެނީ އިތުރަށް ލޯބި ބޭނުންވަނީ ކަމަށެވެ. ލޯބިދިނުން އިތުރުކުރާށެވެ! އެއިރުން ވިސްނި އަމިއްލައަށް އެކަން ހުއްޓާލުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. އިތުރަށް ތިރީގައިވާ ލިޔުންވެސް ކިޔާލައި ފިލާވަޅު ލިބިގަންނާށެވެ!
އަހުރެންނަށް ވަރަށް ބޮޑަށް އިތުބާރުކުރެވޭ އެކުވެރިއަކު ބުނެފައިވާ މިވާހަކަ ފުރަތަމަ އަޑުއަހާށެވެ!
"އަހުރެން ކައިވެނިކުރީ ކިޔަވައިގެން ހުރި އަދި ދިރިއުޅެން މަސައްކަތްކުރާ އަދި އަޚްލާޤީ ގޮތުންވެސް ގިނަ ކަންތައްތަކެއްގައި ރަނގަޅު އަންހެނަކާއިއެވެ. ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވެ މައްސަލަތައް ޖެހެން ފަށައިފިއެވެ. ކުރީގެ ލޯބިވެރިޔާއަށް ފޯނުކުރުން ފަދަ މައްސަލަތަކެވެ.
އޭނާ އެފަދަ ކަމެއް ކުރިނަމަވެސް އަހުރެން އެފަދަ އެއްވެސް ކަމެއް ނުކުރަމެވެ. އަހުރެން ބެލީ ތެދުވެރިކަމާއިއެކު ޘާބިތުވެ ހުރެވޭތޯއެވެ. ކައިވެންޏަށް 11 މަސްފުރެންވީއިރަށް، ޢާންމުގޮތެއްގައި ފިރިން މާފުނުކުރާނެ 17 ކުށަކަށް (17 ފަހަރު ކުށްކުރުމުން) މާފުކުރީމެވެ.
ކައިވެނީގެ އަހަރީ ދުވަސް ކައިރިވަމުން އައިއިރު އަހުރެންނަށް ހުންނަން ޖެހުނީ ވަރަށް ބޮޑު ނާއުންމީދުކަމެއްގައެވެ. އެއީ 2 ވަނަ އަހަރީ ދުވަހެއް އެކުގައި ފާހަގަކުރަން ލިބިދާނެކަމާއިމެދުގައި ސުވާލުއުފެދޭތީއެވެ. އެހެންވެ އަހަރީ ދުވަހާއިމެދު މާބޮޑަކަށް ނުވެސް ވިސްނަމެވެ.
ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ. ހަފްތާއަކަށް ގާތްވެފައި ވަނިކޮށް އަނބިމީހާ އަމިއްލައަށް ޕްލޭނެއް ރާވައި މެސެޖްކުރިއެވެ. އަދި ދެމީހުން އެކުގައި ބޭރު ޤައުމަކަށްދާން ރާވައި ނަގާފައިވާ ޓިކެޓެއްވެސް ފޮނުވިއެވެ.
އަނބިމީހާގެ ހުށަހެޅުން ޤަބޫލުކުރީމެވެ. ދަތުރު ދިއައިމެވެ. އަނބިމީހާ ހުރީ މުޅިން ތަފާތު އަންހެނަކަށް ބަދަލުވެފައެވެ. ބުނީ މާފުކުރި ކޮންމެ ފަހަރަކު ލޯބި އިތުރުވިކަމަށެވެ. އަދި އެވާހަކަ ފަހުން ނުދައްކާތީ މާބޮޑަށް ލޯބި އިތުރުވިކަމަށެވެ. ދެން ދުވަހަކުވެސް އަހުރެންގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ކުރިން ކުރެވުނު ކުށްތަކުގެ ތެރެއިންވެސް ހިލޭ ފިރިހެނެއްގެ ގައިގައި ބީހިލާފައިވެސް ނުވާނެ ކަމަށެވެ. އެކުށްތައް ކުރެވުނީ އެކުވެރިންގެ ސަބަބުން ކަމަށާއި މިހާރު ވަރަށް ދެރަވާކަމަށް ބުނެ މާފަށްވެސް އެދުނެވެ.
ދެން ބުނެލަން އޮތީ ކައިވެންޏަށް މިހާރު 10 އަހަރު ފުރިއްޖެއެވެ. އަނބިމީހާގެ ވަޢުދު ހިފެހެއްޓިއެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން އުފަލުގައެވެ."
މިބާވަތުގެ އެތައް ކަމެއް ކޮންމެ ދުވަހަކުވެސް ހިނގާނެއެވެ. އޮތީ ބުއްދިއާއި ޙިކުމަތުގެ ބޭނުންކުރުމެވެ. ކަމެއް ދިމާވާއިރަށް ރުޅި އިސްކުރުމާއި ވަރިކުރަން އަވަސްވެގަތުމާއި ވަރިވާން އަވަސްވެގަތުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. ހިތާމައަކީ ވިސްނަންޖެހޭ ވަރަށް ވަރަށް ނުވިސްނައި އެންމެ ފަހުން ކުރަންޖެހޭ ކަންކަން އެންމެ ކުރިން ކުރެވޭ ކަމެވެ. މިބުނަނީ ރުޅިއައިސް އެއްޗެތި ގޮވުމާއި ކައިވެނި ރޫޅައިލުމަށް އަވަސްވެގަނެވޭ ވާހަކައެވެ.
- އަލަފް