ތުއްތު ދަރިފުޅު އުފަންވުމުން މައިންނަށް ބުނެވޭނީ "އަހުރެންގެ ހުރިހާ އެއްޗަކީ މިދަރިފުޅު" ކަމަށެވެ. ހެވިފައި ހުރެގެން ފިރިމީހާވެސް އެވަޤުތު އެކަމަށް އެއްބަސްވެސްވާނެއެވެ. ނަމަވެސް އަނބިމީހާގެ ކިބައިން ލިބެންޖެހޭ ސަމާލުކަން ކުޑަވެލާއިރަށް އޮންނަނީ އެކަން ބޮޑު މައްސަލައަކަށް ބަދަލުވެފައެވެ. ވީމާ އަހުރެން މިދޭ ނަޞީޙަތަށް ޢަމަލުކުރާށެވެ!
ދަރިން ލިބުމުން ނުވަތަ މައަކަށް ވެވުމުން އެމީހުންގެ ހުރިހާ ސަމާލުކަމެއް ދަރިންނަށް ދެވެނީ އަންހެނުން އުފައްދަވާފައިވަނީ އެގޮތަށް ކަމަށްވާތީއެވެ. ތުއްތު ދަރިފުޅު ރޯލާއަޑު އިވުނަސް ދަރިފުޅުގެ ގައިގައި ބީހިލެވުނަސް، ދަރިފުޅުގެ ވަސްދުވިނަމަވެސް މައިމިހާއަށް އަސަރުތަކެއްކުރާނެއެވެ. އެއީ އަންހެނުންގެ ހޯމޯންސްތަކާއި ސެލްތަކާއި ގުޅިފައިވާ ކަމެކެވެ.
ދެން ކަންކަން ވަނީ މުޅިން ތަފާތު ގޮތަކަށެވެ. ފިރިމީހާއަށް ދެވޭ ސަމާލުކަން ކުޑަވެގެންދަނީއެވެ. މަސައްކަތުން އެނބުރި ގެއަށް އައުދެވުނަސް ގޭގައި ބީރައްޓެއްސަކަށް ބަދަލުވެގެންދަނީއެވެ. އެކަން އެގޮތަށް މެދުވެރިވަނީ ގިނަ ފިރިހެނުންނަށް އެކަން ބަލައިނުގަނެވޭތީއެވެ. ގިނަ ފިރިހެނުންނަށް ޤަބޫލުކުރެވޭނީ ދަރިން ލިބި ދަރިން ބެލިނަމަވެސް ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަމުން އުނިވެގެން ނުވާނެ ކަމެވެ.
އެހިސާބުން އަނބިމީހާއަށް ޖެހެނީ ދަރިފުޅާއި ފިރިމީހާ އާއި ދެމެދުގައި ފިތިބާރުވާށެވެ. ހިރިލަންވީ ކޮޅެއް އޮންނަނީ ނުއެނގިފައެވެ. މިހެން އެކަން ވިޔަނުދޭށެވެ. ފިރިމީހާ ބޭނުންވާ ގޮތަށް ދޫނުދޭނަމަ މައްސަލަޖެހުން އޮންނާނީ ވަރަށް ގާތުގައެވެ. އެއިރުން ދެން ލިބިދާނެ ދެރަ މާބޮޑުވާނެއެވެ.
މިޙާލަތުން ސަލާމަތްވާން ކުރަންޖެހޭނެ ކަމަކީ ފިރިމީހާގެ މިޒާޖާ އޭނާ ބޭނުންވާ ގޮތް ދަސްކުރުމެވެ. ފިރިމީހާއަށް އަޅައިނުލާކަން އިޙްޞާޞްވިޔަނުދޭން މަސައްކަތްކުރުމެވެ. ވިސްނުންތެރިކަމާއިއެކު ޢަމަލުކުރުމުން މައްސަލަ ޙައްލުކުރެވޭނެއެވެ.
ފިރިމީހާވެސް ދަރިފުޅު ދެކެ ލޯބިވާނެއެވެ. ނަމަވެސް ގެއަށް އައިސް ވަންނަ ވަޤުތު އޭނާ އާއިމެދު ޢަމަލުކުރެވެން ބޭނުންވާ ގޮތް ތަފާތުވެގެންދަނީއެވެ. އެވަޤުތުކޮޅު އެކަން މެނޭޖްކޮށްލެވިއްޖެނަމަ ޖެހޭ މައްސަލަތައް މަދުވެގެންދާނެއެވެ. އިން ޝާ ﷲ
މިއީ އަނބިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންކަމެވެ. ދަރިފުޅު މުހިންމުވާފަދައިން ފިރިމީހާގެ މުހިންމުކަންވެސް ހަނދާން ނައްތައިނުލާށެވެ. ދަރިފުޅަށްވެސް އެންމެ ފައިދާކުރާނީ އެއިރުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން