އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އަދި ހިތްދަތިކުރުވުމަކީ ކުރެވޭ ކުށެއް ނޫނެވެ. އެއީ ކުރާ ކުށެކެވެ. އެކަންކަން ކުރަނީ މީހާގެ އަމިއްލަ އިޚުތިޔާރުގައިކަމަށްވާތީއެވެ.
އެއީ އިތުބާރު ގެއްލިގެންދާ ކަމެކެވެ. މީސްތަކުންގެ ހިތްތައް ހަލާލުކޮށްލެވޭ ކަމެކެވެ. ޢާއިލީ ގުޅުންތައް ކެނޑި ޢާއިލީ ގުޅުންތައް ވިއްސިވިހާލިވެގެންދާ ކަމެކެވެ.
އެއިގެ އަނެއްކޮޅުވެސް އެބަ އޮތެވެ. އަނެކާއަށް ތެދުވެރިވުމާއި ހެޔޮކޮށް ހިތުންވަނީ ރަޙުމްކުރުމުގެ ތެރެއިންނެވެ. މީސްތަކުންނަށް ނުވަތަ އަނެކާއަށް ރަޙުމްކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އެއްވެސް މީހަކަށް އަނިޔާވެރިނުވެ އަދި ހިތުގައި ނުޖައްސަން މަސައްކަތްކުރަންވީ އެކަމުގެ ބަދަލުގައި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިމާއަށް ލިބިގަތުމުގެ ބޭނުމުގައެވެ.
އަހުރެންގެ މިވާހަކަކޮޅުގެ މިހިސާބުން ދެމަފިރިންގެ ޒަވާޖީ ހަޔާތާއި ގުޅުވައިލާނަމެވެ. މިޘާލަކަށް ބައިވެރިޔާއަށް ކުރެވޭ ކަމެއްގެ ސަބަބުން އޭނާދެކެ ރުޅިއައުމުގެ ފުރުޞަތު އެބައޮތެވެ. ދެރަކޮށް ނިކަމެތިކޮށްލުމުގެ ފުރުޞަތުވެސް އޮވެދާނެއެވެ. އެޙާލަތުގައިވެސް އަހުރެން ބުނާނީ އެގޮތަށް ކަންކަން ނުކުރާށެވެ! އެކަމާއި ގުޅިގެން އަނެކާއަށް ފިޔަވަޅެއް އަޅަންޖެހޭނަމަ އެފިޔަވަޅެއް އެޅިނަމަވެސް އަނިޔާވެރިވުމާ ދެރަކޮށް ނިކަމެތިކޮށްލުން ފަދަ ކަންކަން ނުކުރާށެވެ!
ހަމަ އެންމެ ބޭނުމަކުއެވެ! އޭނާއަށް ރަޙުމްކުރުމުން ﷲ ތަޢާލާ ތިމާދެކެ ލޯބިވެވޮޑިގަންނަވާނެތީ އެމަތިވެރި ނިޢުމަތަށް އެދިގެންނެވެ.
އަހުރެން ވަރަށް ޘާބިތުކަމާއިއެކު ބުނަމެވެ. އަހުރެން މިބުނިމަގުން މީސްތަކުންނަށް، ޚާއްޞަކޮށް ޙަޔާތުގެ ބައިވެރިޔާއަށް ރަޙުމްކުރާ މީހަކަށް އެއިގެ ބަދަލުގައި މާއުފާވެރިގޮތްތައް މެދުވެރިނުވާ ހަމައެކަކާއިވެސް ބައްދަލުވެފައެއް ނެތެވެ. ކުރިއަރައިދަނީ ހަމައެކަނި ޒަވާޖީ ހަޔާތެއްވެސް ނޫނެވެ. އާމްދަނީ ލިބުންވެސް އިތުރުވެގެންދެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން