ބައްޔަކުން ޝިފާ ދެއްވެވުން އެދި ދުޢާކުރަމުން ދަނިކޮށް ޝިފާ ނުލިބި މަރުވެއްޖެނަމަ އެކަން އެއީ ލައްވަވާ ރަޙަމަތަކަށްވަނީ ކޮންގޮތަކުންތޯ ބައެއް މީހުން ސުވާލުކުރެއެވެ. އެހެންވެ ފުރަތަމަ މިބުނެދެނީ އެމީހުންނަށް ދޭން އޮތް ޖަވާބެވެ.
ފުރަތަމަ ބަލައިލަންވީ އެމީހަކު ކުރާ ދުޢާ ޢިޖާބަކުރައްވަވައި އެކަން ދުނިޔޭގައި ހިންމަވައި ނުދެއްވަވާއިރުވެސް މާޔޫސްނުވެ ދުޢާކުރުންމަތީގައި ތިބޭ މީހުންނަށެވެ. އެމީހުންނަކީ އީމާންކަމުގެ އެންމެ މަތިވެރިދަރަޖައިގައި ތިބޭ މީހުންނެވެ. އެމީހުން އެތިބެނީ އެމީހުންގެ ދުޢާ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. އަދި އެދުޢާ ދުނިޔޭގައި ޢިޖާބަ ނުކުރައްވަވައިގެން އެއްވެސް ވަރަކަށް ކަންބޮޑުނުވެއެވެ.
އަހުރެންނަށް ފެންނަހުރި ކަންކަމަށް ބަލައި ބުނަމެވެ. މިފަދަ ވަރުގަދައަށް އީމާންކަންމަތީގައި ހުރި މީހަކު ޝިފާއަށް އެދި ދުޢާކުރަމުންދަނިކޮށް ޝިފާނުލިބި ބަލީގައި މަރުވުންވާނީ އެމީހަކަށް ލެއްވެވި އެންމެ ބޮޑު ރަޙްމަތަށެވެ.
އެކަން އެނގޭނީ މިގޮތަށް ވިސްނީމައެވެ! ބަލިން ގަދަވިނަމަ އީމާންކަން ކުޑަވެ ފާފައެއް ކުރެވުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް ދުޢާކުރުމުގައި ކުރިން ބުނިން މަގުން ޘާބިތުވެ ހުންނަ މީހަކަށް ޝިފާ ނުލިބި ބަލިޙާލުގައި އޮވެ މަރުވެއްޖެނަމަ އޭނާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވޭނީ އީމާންކަން އެންމެ ވަރުގަދަ މީހެއްގެ ގޮތުގައެވެ. އެއިރުން އެމީހަކަށް ލައްވަވާނެ ބޮޑު ރަޙްމަތާއިމެދު ވިސްނާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް!:
ހޮސްޕިޓަލުގައި އޮތް ބަލި މީހަކަށް ޒިޔާރަތްކުރުމުން ބުނީ އޭނާ މިހާރު ދީނާއިމެދު ނުވެސް ވިސްނާކަމަށެވެ. ސަބަބެއް ކަމަށްބުނީ ޝިފާ ދެއްވެވުން އެދި ދުޢާކުރުމުން ޢިޖާބަކުރެއްވެވުން މާބޮޑަށް ލަސްވުމުން އުންމީދުވެސް ކަނޑައިލީ ކަމަށެވެ.
އަހުރެން ސުވާލުކުޜީމެވެ. "ތިއަގޮތަށް ކަންކަން ކުރުމުން ޝިފާ ލިބި ބަލި ފަސޭހަ ވެއްޖެ ހެއްޔެވެ؟" ނޫންކަމަށް ބުނުމުން ސުވާލުކުރީމެވެ. "ކުރިއަށްވުރެ މިހާރު ލުއިވީހެއްޔެވެ؟" ޖަވާބުގައި ނޫންކަމަށް ބުނުމުން ސުވާލުކުރީމެވެ. "އެހެންވީއިރު ޝިފާލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ފިޔަވައި ކޮންފަރާތަކުން ހެއްޔެވެ؟" ޖަވާބުގައި ބުނީ "ﷲ ތަޢާލާގެ ޙަޟްރަތުން ނޫން ފަރާތަކުން ޝިފާ ނުލިބޭނެ ކަމަށެވެ."
ނިކަން ވިސްނައިލަބަލާށެވެ! މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް އެނގޭނެ ކަންކަމެވެ. ނަމަވެސް ވިސްނަން ނުޖެހޭ މިންވަރަށް ވިސްނަން ފެށުމުން މޮޔަވާހަކަތައް ދެއްކެނީއެވެ! ހަމަ ޤައިމުވެސް އޭނާ މަރުވެގެންދިއައީ ﷲ ތަޢާލާއަށް ވަޚީލްކުރުންމަތީގައި ކަމަށްވާނަމަ އޭނާއަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑާލައިގެން އޮއްވައި މަރުވެއްޖެނަމަ ދެން ވާނެ ގޮތްވެސް އެނގޭނެއެވެ.
ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ކުރި ދުޢާ ހަމަ ވަގުތުން ޢިޖާބަކުރެއްވެވުމަށެވެ. ކިރިޔާވެސް ލަސްވެލައިފިނަމަ އިންތިހާއަށް ކަންބޮޑުވާނެއެވެ. މިކަން މިފަދައިން ހިނގަމުން އަންނައިރު އެންމެ ގިނަބައަކަށް ނުކުރެވޭ ކަމަކީ ތިމާ އެދުމަކާއި ނުލައި ﷲ ތަޢާލާ މިންވަރު ކުރެއްވެވި ނިޢްމަތްތައް ފާހަގަކޮށް ޝުކުރުވެރިވުމެވެ. ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވުމަށް އެދޭނަމަ ފުރަތަމަ އެކަންކަން ފާހަގަކޮށް ގިނަގިނައިން ޝުކުރުވެރިވާށެވެ! ހަމަކަށަވަރުން ﷲ ތަޢާލާއީ ޝުކުރުވެރިވާ އަޅުންގެ ހިތްތައް އުފަލުން ފުރޭހައި ގިނައިން ނިޢްމަތްތައް މިންވަރުކުރައްވަވާ ރަސްކަލާނގެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން