ޛިކުރުތަކުގަ ހިނައިގެންނާއި ވަކިންވެސް ދުޢާކުރުން ގިނަކުރާށެވެ! ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވުމުގެ އިތުރުންވެސް ގިނަ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޛިކުރުތަކުގަ ހިނައިގެންނާއި ވަކިންވެސް ދުޢާކުރުން ގިނަކުރާށެވެ! ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވުމުގެ އިތުރުންވެސް ގިނަ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް!

ފުރަތަމަ ކަމަކީ ޛިކުރުކުރެވޭނީވެސް އަދި ދުޢާކުރެވޭނީވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހަކަށެވެ. ތިމާއަށް ﷲ ތައާލާ ދެއްވަވާ ވަޤުތުން ކުޑަކުޑަ މިންވަރެއް ﷲ ތަޢާލާއަށްޓަކައި ހޭދަކުރަން ބޭނުންވާ މީހުންނަށެވެ. އެހެންކަމުން ދުޢާކުރުން ގިނަކުރުމާއިމެދު ވިސްނައިލަމާ ހިނގާށެވެ!

ގިނަގިނައިން ﷲ ތަޢާލާއަށް ދުޢާކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. ގިނަގިނައިން ދުޢާކުރުމުން އަންގައިދެނީ ތިމާގެ ކިބައިގައި ހުރި ނިކަމެތިކަމެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުންކަން ޤަބޫލުކުރެވޭ ކަމެވެ. ގިނަގިނައިން ދުޢާކުރާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަނީވެސް އަދި ދުޢާ ނުކުރާ މީހުންނަށް ރުހިވޮޑިނުގަންނަވަނީވެސް މި ސަބަބަށްޓަކައެވެ.

ވީމާ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ މާތްކަމާއި މަތިވެރިކަން އިތުރުވެގެން ދިއުމަށް އެދޭމީހާ ގިނަގިނައިން ދުޢާކުރާށެވެ! ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުކުރުން ގިނަކުރާށެވެ!

ﷲ ތަޢާލާގެ ޙަޟްރަތުގައި އިންސާނާގެ މާތްކަމާއި މަތިވެރިކަން އިތުރުވެގެންދަނީ ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުކުރުން އިތުރުކުރިވަރަކަށެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބަ އޮތެވެ. ވީމާ ކޮންމެ ކަމެއްގައިވެސް އޮތީ ސުންނަތަށް ޢަމަލުކުރުމެވެ.

އެގޮތުން ރަސޫލް ﷺ ކުރެއްވެވި ދުޢާތައް ކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. ﷲ ތަޢާލާ ރަސޫލް އަށް އެންމެހައި ރައްކައުތެރިކަމާއި ނިޢްމަތްތައް މިންވަރުކުރައްވަވާފައިވީއިރުގައިވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. ހައިހޫނުކަމުން ސަލާމަތްކުރެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވިއެވެ. މުސްކުޅި ބަލިން ސަލާމަތްކަމަށް އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ.

މީގެ އިތުރުން ރަސޫލް ﷺ ގެ އިސްވެދިއަ ފާފަތަކާއި މުސްތަޤްބަލުގައި ކުރެއްވެވޭނެ ފާފަތަކަށް ޢަފޫކުރައްވަވާފައިވީއިރުވެސް ފާފަ ފުއްސަވައިދެއްވެވުން ކޮންމެ ދުވަހަކު ގިނަގިނައިން ދުޢާ ކުރެއްވެވިއެވެ. މިހެންގޮސް މީސްތަކުންނަށް ބޭނުންވާނެ ހުރިހާ ކަންކަމަށް އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ.

މީސްތަކުންނޭވެ! ދުނިޔޭގައި ތިމާ އެދޭ ކަންކަން ޙާޞިލުވެފައި ހުރިނަމަވެސް އެ ނިޢްމަތްތައް ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެކަން އެނގެނީ އިސްވެ ބަޔާންކުރި ފަދައިން ރަސޫލް ﷺ ދުޢާކުރައްވަވާފައިވާތީއެވެ. ރަސޫލް ﷺ ގެ ސުންނަތް ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމަކަށްވާތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން