އަނބިމީހާގެ ތަނަވަސްކަމުގެ ބޭނުން ކުރަމުން ބޭވަފާތެރިވުމުގެ ފުރުޞަތު މިހާރުގެ ސްމާޓް އަނބިންނެއް ނުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އަނބިމީހާގެ ތަނަވަސްކަމުގެ ބޭނުން ކުރަމުން ބޭވަފާތެރިވުމުގެ ފުރުޞަތު މިހާރުގެ ސްމާޓް އަނބިންނެއް ނުދޭނެ!

ދާދިފަހުން ފިރިއަކަށް ދިމާވި ކަމަކީ ރޭގަނޑު ބޭރަށް ގޮސް ގެއަކަށް ވަދެ އޮވެފައި ނުކުތް އިރު ސައިކަލް ނެތީއެވެ. ވަގަށް ނެގީކަމަށް ބަލައި ފުލުހުންނަށް ގުޅުމުން ސީސީޓީވީގެ ފުޓޭޖް ބެލިއިރު ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް އަނބިމީހާ ސައިކަލް ގެންދިއައީއެވެ. ސައިކަލް ގެންދިއަ ސަބަބަކަށްވީ ސައިކަލަކީ އަނބިމީހާގެ ފައިށާގައި ގަނެފައި ހުރި ސައިކަލަކަށްވުމެވެ. އަދި އެގޭގެ އަންހެނަކާ ހިތާވެ، އެގެއަށް ވަންނަ ކަމަށް ފިރިމީހާ އެއްބަސްނުވުމެވެ. ސުވާލުކުރާއިރަށް ދޮގުހެދުމެވެ.

ހަމަ މިފަދަ ކަމެއްގައި ފިރިމީހާ ދިއަ ކާރު އަނބިމީހާ ގެންދިއަވާހަކަ ކުރިން ކިޔައިދިނީމެވެ. މިކަންކަމުން އެނގެނީ އަނބިން ނިންދަވަން ބައިތިއްބާފައި ނުކުމެ ބޭނުންހައި ގޮތަކަށް އުޅެން މިހާރުގެ ސްމާޓް އަނބިން ފުރުޞަތު ނުދޭނެ ކަމެވެ.

އަނބިމީހާ ކިޔަމަނުގައި ބައިންދަން ބޭނުންނަމަ ފިރިމީހާ އަށްވެސް އޮތީ ކިޔަމަނުގައި ހުރުމެވެ. ބަހަނާ ދައްކައިގެން މިހާރަކު ސަލާމަތެއް ނުވެވޭނެއެވެ. ކައިވެނި ދެމެހެއްޓޭނީ ދެމަފިރިންވެސް އަނެކާގެ ޙައްޤުތަކަށް އިޙްތިރާމްކޮށްގެންނެވެ. ތިމާ އަނެކާއަށް ނުކުރާ އިޙްތިރާމެއް ތިމާއަށް ލިބިދާނެ ކަމަށް ނުވިސްނާށެވެ.

ޝަރުޠު ހަމަވާނަމަ ދެއަންތބަށް ކައިވެނިކުރުމުގެ ޙައްޤު ފިރިހެނުންނަށް ލިބިގެންވެއެވެ. ވީމާ އަނބިމީހާއަށް މަކަރުނުހަދައި ދެވަނަ ކައިވެނިކުރުމަކަށް ފިރިހެނުންނަކަށް އެއްވެސް ހުރަހެއް ނެތެވެ.

މަކަރު ހެދުމަކީ އިސްލާމް ދީނުގައި ފާފައެކެވެ. އެއްވެސް ފާފައަކީ ފިރިހެނަކު ނުވަތަ އަންހެނަކު ކުރުމުން ޢަޛާބް ނުދެއްވަވާނެ ފާފައެއް ނޫނެވެ. ވީމާ ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްތޭނީ ހަމަ ދެ މީހުން ވެސް ތެދުވެރިވެގެންނެވެ. ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިނަމަ ﷲ ތަޢާލާ އެކައިވެނީގައި ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ

އަނެނުންނަކީ ތަޢްލީމެއް ނެތް ބައެއްގެ ގޮތުގައި ތިބި ޒަމާން މާޒީ ޢާއި އެކުވެ ހިނގައްޖެއެވެ. އެކަނބަލުން މިހާރު ތިބެނީ ހަމަ ފިރިހެނުންނާއި އެއްފެންވަރަށް ކިޔަވައި ހޭލުންތެރިވެގެންނެވެ. ވީމާ އިރެއްގައި ފިރިން ދައްކާ ހުރިހާ ވާހަކަތަކެއް ޤަބޫލުކުރިނަމަވެސް މިހާރަކު އެކަން އެހެނެއް ނުވާނެއެވެ.

މިކަމަށް ފިރިން ވަރަށް ރަނގަޅަށް ވިސްނަންޖެހޭނެ އެވެ. އަނބިމީހީ ކުރިމަތީގައި ފޭލްވާ ކޮންމެ ފަހަރަކު ބަހަނާއެއް ދައްކާލައިގެން ފުއްދައިލުމުގެ ވިސްނުން މިހާރު ޖެހޭނީ ދޫކޮށްލާށެވެ! ޙަޤީޤަތަށް ބަލައިފިނަމަ ކުރީ ޒަމާނުގައިވެސް ދޮގު ބަހަނާތައް ދައްކައިގެން އޮތީ ކާމިޔާބު ނުކުރެވިފައެވެ. އެޒަމާނުގައި ވެފައި އޮތް ގޮތަކީ ވަރިކޮށްފިނަމަ ދެން ކުރިމަތިވެދާނެ މައްސަލަތަކަށް ބަލައި އަނބިން ކެތްތެރިވީއެވެ. އެއްވެސް ޙާލެއްގައި އެއީ ކަންކަން ނުވިސްނިގެނެއް ނޫނެވެ.

މިޒަމާނަކީ ދަރިން ގާތު ވާހަކައެއް ބުނި ނަމަވެސް އެކަމާއި ވިއްދައިގެން ފަހަތުން އެތައް ބައިވަރު ސުވާލުތައްކުރާ ޒަމާނެވެ. ވީއިރު އެދަރިންގެ މައިންގެ ތޫނުފިލިކަން މާވަރުގަދަވާނެ ނޫންހެއްޔެވެ؟ އަދި މިޒަމާނަކީ ވަރިކުރި ނަމަވެސް ގޮތްހުސްވާ ޒަމާނެއް ނޫނެވެ. ވަރިވުމަކީ ލަދުވެތިކަމަކަށްވީ އަދި ވަރިވެއްޖެ ނަމަ މުޖުތަމައުން ބާކީވީ ޒަމާން މާޒީ އާއި އެކުވެ ހިނގައްޖެއެވެ. މިޒަމާނުގައި ވަރިވުން ވެފައި އޮންނަނީ ސްމާޓް ކަމަށެވެ. ކެރޭ އަންހެނުން ކުރާ ކަމަށެވެ.

ވީމާ މިފަދަ ޒަމާނެއްގައި އެކުގައި ދިރިއުޅެވޭނީ އެކަކު އަނެކަކަށް ފުރިހަމައަށް އިޙްތިރާމްކޮށް ޙައްޤު ޤަދަރުދީގެންނެވެ. އަނބިމީހާ ނިދުމުން ފިރިމީހާ ގެއިން ބޭރަށް ހިނގައްޖެނަމަ ފަހަތުން ދާން ބިރުގަތް ޒަމާންވެސް މާޒީ އާއިއެކުވެ ހިނގައްޖެއެވެ. މިޒަމާނުގައި އަނހެނުންވެސް ހަމަ ފިރިހެނުން ފަދައިން ފާރަލާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން