ފުރަތަމަ ފާހަގަކޮށް މިލަނީ ދަރިންނަށް ދައްކައިގެން ނުވާނެ ކަންތަކެވެ.
ދަރިންނާއިމެދު ވިސްނާ މުސްލިމް ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަންދޭ އެއް ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ބެލެނިވެރިން ހެދުން ބަދަލުކުރުމުގައާއި އަދި އެނޫންވެސް ޙާލަތްތަކުގައި ބޮޑެތިވެފައި ތިބޭ ދަރިންނަށް ބެލެނިވެރިންގެ އަޢުރަ ނުދެއްކުމެވެ. ދެމަފިރިން ލޯބިކުރާތަން ބޮޑެތިވެފައި ތިބޭ ދަރިންނަށް ނުދެއްކުމެވެ.
ދެމަފިރިން ލޯބިކުރާތަން ކަމަށް މިބުނަނީ ދެމީހުން ބައްދަލުވުމުން "ހަގް"ކޮށްލުމާއި ބޮސްދިނުމަށްވުރެ އިތުރަށްކުރާ ކަންކަމެވެ. އެއީ ދަރިންނަށްވެސް ކުރާ ކަންކަން ކަމަށްވުމުން އެކަމުގައި މައްސަލައެއް ނެތެވެ. ނަމަވެސް ދަރިން ކުރިމަތީގައި ބޮސްދޭންވާނީ ނިތްކުރިއަށެވެ. ތުންފަތަކަށް ނޫނެވެ.
ދެން މިފާހަގަކުރަނީ ދަރިންނަށް ދައްކަންވީ ކަންތަކެވެ.
ސުވާލެއްކޮށްލާނަމެވެ. މައިންބަފައިން ނަމާދުކުރާތަނާއި ޤުރްއާންކިޔަވާތަނާއި އެހެންވެސް އަޅުކަންކުރާތަން ދަރިންނަށް ދައްކައިދީ ނަމޫނާ ދެއްކެނީ ކިތައް މައިންބަފައިންނަށް ހެއްޔެވެ؟ އިސްލާމް ދީނުގެ މަގުގައި ދަރިން ތަރުބިއްޔަތުކުރަން ބާރުއެޅެނީ ކިތައް މައިންބަފައިންނަށް ހެއްޔެވެ؟
މިކަން މިގޮތަށް ފާހަގަ މިކުރާ ސަބަބަކީ ދަރިން ބޮޑެތިވަމުން އަންނައިރު އެކުދިންނަށް ހުރިހާ ކަމަކުންވެސް ރަނގަޅު އިސްލާމީ ތަރުބިއްޔަތު ދޭންޖެހޭނެކަން ފާހަގަކުރުމެވެ. އެއްކަމަކުން ތަރުބިއްޔަތު ދިނުމުން ފައިދާކުރާނެ ކަންކަން ބުނުމަށެވެ.
ކިތަންމެ ރަނގަޅު އަޚްލާޤީ ސިފަތަކެއް ދަސްކޮށްދެވުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވުމަށާއި ނަމާދުކުރަން ތަރުބިއްޔަތު ނުކުރެވިއްޖެނަމަ ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ވީމާ ކޮންމެ ބެލެނިވެރިއަކުވެސް އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. ވަރަށް ބޮޑަށް ސަމާލުކަން ދިނުމަކުންވެސް ނުފުދޭނެއެވެ. ފުދޭނީ އެންމެ ބޮޑަށް ސަމާލުކަންދީގެންނެވެ.
ރަނގަޅަށް ވިސްނާށެވެ! އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން ދަރިންނަށް ވީހާ ރަނގަޅު ކާނާ އާއި އެހެނިހެން ތަކެތި ހޯދައިދޭން ހެޔޮލަފާ ކޮންމެ ބެލެނިވެރިއަކުވެސް މަސައްކަތްކުރާނެއެވެ. ޙަޤީޤަތަކީ ﷲ ތަޢާލާއަށް ބިރުވެތިވުމަށާއި ނަމާދުކުރަން ޝައުޤުވެރިކުރުވުމަކީ ދަރިފުޅަށް ކޮށްދެވޭ އެހެން ހުރިހާ ކަންކަމަށްވުރެވެސް މާމުހިންމުކަން ބޮޑު ކަމެކެވެ.
ވީމާ އެންމެ ޅަޢުމުރުން ފެށިގެންވެސް މިކަންކަމަށް ސަމާލުކަންދޭށެވެ! އިން ޝާ ﷲ މައިންބަފައިންނަށާއި ދަރިންނަށްވެސް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ. އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން