އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު 2 އަންހެންދަރިން ވަރަށް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްފަހު ވަޒީފާ ލިބުމުން 2 ދަރިން ދޫކޮށްލައިފިއެވެ. މިހާރު އެދެކުދިން ރޭގަނޑު ހިލޭ ފިރިހެނުންނާއިއެކު އުދުހެނީއެވެ. މަންމަ އިންނަނީ ހަމަ ހެވިދިލިފައެވެ. ވިސްނައިދޭން މަސައްކަތް ކުރުމުން ބުނަނީ ބަލަހައްޓަންޖެހޭ ޢުމުރުގައި އޮންނާނީ ބަލަހައްޓާފައި ކަމަށާއި މިހާރު އެތިބީ ބޮޑެތިވެފައި ކަމަށެވެ.
އަޅުގަނޑުގެ ސުވާލަކީ އަންހެން ދަރިން ބަލަހައްޓަންޖެހޭނީ ވަޒީފާލިބި މައިންބަފައިންނަށް ފައިސާ ގެނެސްދޭންފަށަންދެންތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަންހެންދަރިން ބަލަހައްޓަން އޮތީ ގެއަށް ފައިސާ ވައްދަން ފަށަންދެން ނޫންކަމަށާއި ކައިވެނިކުރަންދެން ކަމަށެވެ. މައިންބަފައިންގެ ބލެނިވެރިކަމުން ނެއްޓޭނީ ފިރިއަކާއި ޙަވާލުކުރެވުމުންނެވެ. ވީމާ ﷲ ތަޢާލާގެ ޙަޟްރަތުގައި އަންހެން ދަރިން ބެލެހެއްޓިކަމަށްވާނީ ޢިއްފަތްތެރިކަމާއިއެކު ފިރިމީހާއާއި ޙަވާލުކުރެވުމުންނެވެ.
ޢިއްފަތްތެރިކަމާއިއެކު ލޯބިވެރިޔާއާއި ޙަވާލުކުރުމުން ރަނގަޅު ގޮތުގައި ދަރިފުޅު ތަރުބިއްޔަތުކުރަން ކުރިން ކުރި ހުރިހާ ބުރަ މަސައްކަތްތަކެއް ފޭލްވެގެން ދިއައީއެވެ! އެއިގެ އިތުރުން ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެދެމީހުން ފާފަކުރާނަމަ އެކަމުންވެސް މައިންބަފައިންނަށް ބައެއް އެޅޭނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ!
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަންހެންދަރިން ލިބުމުން ބަލައި ބޮޑުކުރަމުން ގޮސް އެކުދިން އެންމެ ރަނގަޅަށް ބަލަހައްޓަންޖެހޭނެ އުމުރުގައި ބައެއް މައިންބަފައިން އެބަ އެކުދިން ދޫކޮށްލައެވެ. މިބުނަނީ އުޅޭނެ ގޮތަކަށް އުޅުމާއި ކުރާނެ ކަމެއް ކުރުމުގެ މިނިވަންކަން އެބަދެއެވެ. ބޭނުންވާހައިތަނަކަށް އެބަ ފޮނުވައެވެ. އެތަނެއްގައި އުޅޭ ނުއުޅޭ ގޮތެއް ނުބަލައެވެ.
މިއީ މިއަދުގެ ބައެއް މައިންބަފައިން ދަރިންނަށް ހެޔޮއެދިގެންކަމަށްބުނެ ކުރާ ބައެއް ކަންކަމުގެ ވާހަކައެވެ. ވީމާ އިތުރުބަހެއް ބުނުމުގެ ކުރިނ މި 2 ޙަދީޘްފުޅަށް ވިސްނައިލާށެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.
(مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ وَضَمَّ أَصَابِعَهُ )
މާނައަކީ: "ދެއަންހެންކުދިން ބާލިޣުވުމަށް ދާންދެން ޚަރަދުކޮށް ބަލަހައްޓައިފިމީހާ ގިޔާމަތް ދުވަހުން ވާހުށީ ތިމަންކަލޭގެފާނާއި މިހާ ހިސާބުގައެވެ. މިހެން ޙަދީޘް ކުރައްވާ އެކަލޭގެފާނުގެ އިނގިލިފުޅުތައް ލަންބަވައިލެއްވިއެވެ".
ޢުގްބާ ބިން ޢާމިރު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ.
(مَنْ كَانَ لَهُ ثَلاثُ بَنَاتٍ ، فَصَبَرَ عَلَيْهِنَّ ، وَأَطْعَمَهُنَّ وَسَقَاهُنَّ وَكَسَاهُنَّ مِنْ جِدَتِهِ كُنَّ لَهُ حِجَابًا مِنْ النَّارِ يَوْمَ الْقِيَامَةِ )
މާނައަކީ: "ތިން އަންހެންދަރިންލިބި، އެކުދިންގެ ތަރްބިއްޔަތުގެ ކަންތަކުގައި ކެތްތެރިވެ، އެކުދިންނަށް ކާންދީ، އަންނައުނު ހޯދައިދީ ހަދައިފިމީހާ ދަންނާށެވެ. އޭނާގެ އެޢަމަލު ގިޔާމަތް ދުވަހުން ނަރަކައިގެ ހުރަހަކަށް ވާހުއްޓެވެ".
މިދެ ޙަދީޘްފުޅުގެ މާނައަށް ބެލިނަމަވެސް ހަމައެކަނި ޚަރަދުކުރުމާއި ނިދާނެތަނެއް ދެއްކުމަކުން ނުފުދެއެވެ. އަދި ކިޔަވައިދިނުމަކުންވެސް ނުފުދެއެވެ. ބަލަހައްޓަން އެބަޖެހެއެވެ. ތަރުބިއްޔަތުކުރަން އެބަޖެހެއެވެ. ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ބަލަހައްޓައި އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތުކުރަން އެބަޖެހެއެވެ.
ޙަދީޘްފުޅުގައިވާ ރަޙްމަތް ޤިޔާމަތް ދުވަހުން ލިބިގެންދާނީ އެއިރުންނެވެ. އެއްވެސް ޝައްކެއް ނެތެވެ. ޙަދީޘްފުޅޫން އެނގިގެން މިދަނީ މިބަޔާންކުރިމަގުން އަންހެން ދަރިން ބަލަހައްޓައި އަދި ޚަރަދުކުރުމުން އެމީހަކު ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވެވޭނެ ކަމެވެ. ނަރަކައިން ސަލާމަތްވެވޭނެ ކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން