ވިސްނާނުލާހުރެ ގިނަ ފާފަތަކެއް ކުރެވުމުން މިސްކިތަށް އަރަން ލަދުގަތް ޒުވާނަކަށް ލެއްވެވި ރަޙްމަތުގެ ބޮޑުކަމުން މިސްކިތާ އަވަލީ ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ވިސްނާނުލާހުރެ ގިނަ ފާފަތަކެއް ކުރެވުމުން މިސްކިތަށް އަރަން ލަދުގަތް ޒުވާނަކަށް ލެއްވެވި ރަޙްމަތުގެ ބޮޑުކަމުން މިސްކިތާ އަވަލީ ޒުވާނެއްގެ ވާހަކަ-

އަޅުގަނޑު އެކުވެރިންގެ ތެރޭގައި ހިމެނޭ އެކަކީ ވަރަށް ގިނަ ފާފަތައް ކުރި ޒުވާނެކެވެ. ފާފަކުރާ މިޒަމާނުގެ ޒުވާނުން ކޮށް އުޅޭ ހުރިހާ ފާފަތަކެއް އޭނާ ކުރިއެވެ. ނަމަވެސް އެކުވެރިންގެ މަސައްކަތުން މިއަދު އޭނާވަނީ އިޞްލާޙްވެ ތައުބާވެފައެވެ.  

އެކަމަކު އޭނާ ނަމާދުކުރަނީ ގޭގައެވެ. މިސްކިތަށް އަރަން ލަދުގަންނަނީއެވެ. އެހެންވެ ހުކުރު ދުވަހުވެސް ކުރަނީ ގޭގައި ހުކުރު ނަމާދެވެ. ވީމާ އެޒުވާނާއަށް ވިސްނައިދޭން ކުރެވޭނީ ކޮން ކަމެއްތޯ؟  

އެކުވެރިއަކު އިޞްލާޙްކުރަން އެކުވެރިން ތިއަކުރިމަސައްކަތަށާއި ހޯދުނު ބޮޑު ކާމިޔާބީއަށް މަރުޙަބާ ކިޔަމެވެ. އޭނާއަށް ވިސްނައިދޭށެވެ! ތައުބާވުމަސްފަހު އޮތީ ވީހާ ގިަނ ހެޔޮ ޢަމަލުތައް ކުރުން ކަމެވެ. ފިރިހެނުންނަށް ނަމާދުކުރަން އޮތީ ގޭގައި ނޫންކަމާއި މިސްކިތުގެ ޖަމާޢަތުގައި ކަމެވެ. މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރީމާ ދެއްވަވާ ޘަވާބު 27 ގުނައަށް އިތުރުވާނެ ކަމެވެ.  

ދެން ތިއަކުދިން ނަމާދު ވަޤުތު ޖެހުމުގެ ކުރިން އޭނާއާއި ބައްދަލުކޮށް އޮޅުވައިލުމެއްގެ ތެރެއިން ނަމަވެސް މިސްކިތް ކައިރިއަށް ގެންގޮސް ބަންގިގޮވަން ފެށުމުން އަތުގައި ހިފައިގެން ގެން ގޮސް ވުޟޫކޮށްގެން މިސްކިތަށް އަރާށެވެ! އެންމެ ފަހަރަކު ނަމަވެސް އެރުވިއްޖެނަމަ ލަދާއި ބިރު ކެނޑިގެންދާނެއެވެ. ޖަމާޢަތުގައި ނަމާދުކުރުމުން ލިބޭ ހިތްހަމަޖެހުން އިޙްޞާޞްކުރެވުމުން އެކަމަށް ޝައޤުވެރިވާނެއެވެ. އިން ޝާ ﷲ  

ތިރީގައިވާ ޒުވާނާގެ ވާހަކަވެސް ކިޔައިދޭށެވެ!  

ނަމާދު ވަޤުތުތަކުގައި މިސްކިތް ކައިރިން ފެންނަ ޒުވާނެކެވެ. އޭނާ ހިނގާފައިދަނީ މިސްކިތަށް ބަލަންހުރެގެންނެވެ. މޫނުމަތިން މާޔޫސްކަމެއްވެސް ފެނެއެވެ. އެހެންވެ އެއްދުވަހު އޭނާ ހުއްޓުވައި ވާހަކަދެއްކީމެވެ. ސުވާލުކުރީމެވެ. ކޮންމެ ވަޤުތަކުވެސް މިސްކިތަށް ނާރައި މިސްކިތަށް ބަލަން ހުރެގެން ތިއަދަނީ ކީއްވެގެން ހެއްޔެވެ؟  

އެސުވާލުކުރުމުން އޭނާއަށް ރޮވުނެވެ. ބުންޏެވެ. "އަހުރެންނަކީ ވަރަށް ގިނަ ފާފަތައް ކުރެވިފައި ހުރި މީހަކީމެވެ. އެހެންވެ މިހުންނަނީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވަންވެސް ލަދުންނެވެ. މިސްކިތަށް އަރަން ނުކެރިފައި ހުރެގެން މިސްކިތަށް ބަލަމުން މިހިނގަނީ އެހެންވެގެންނެވެ." 

އަހުރެން ބުނީމެވެ. "ފުރަތަމަކަމަކަށް ވުޟޫކޮށްގެން އަންނާށެވެ!" ވުޟޫކުރުމުން 2 ރަކްޢަތް ނަމާދެއް ކުރަން ބުނީމެވެ. ނަމާދުކުރުމުން ތައުބާވެ ފާފަފަފުއްސަވައިދެއްވެވުން އެދި ދުޢާކުރަން ބުނީމެވެ. އެކަންކަން ކުރުމުން ވިސްނައިދިނީމެވެ. "ދަރިފުޅާއެވެ! އެއްވެސް ފާފައެއް ނުކުރެވޭ މީހަކު ނުހުންނާނެއެވެ. ސުވަރުގެ ތައްޔާރުކުރައްވަވާފައި ވަނީ އެއްވެސް ފާފައެއް ނުކުރާ އަޅުންނަކަށް ނޫނެވެ. ފާފަކުރެވުމުން ތައުބާވާ އަޅުންނަށެވެ. ދަރިފުޅު ތިއަ ތައުބާވީއެވެ. ވީމާ ދެން އޮތީ މީޒާނާއިމެދު ވިސްނުމެވެ. މީޒާނުގައި ޢަމަލުތައް ކިރައިލެވޭހިނދު ކިރަންޖެހޭނެ ފާފައެއް ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. އެކަން ﷲ ތަޢާލާ ދެމެވޮޑިގެންވެއެވެ. އަހުރެމެންނަށް ކުރަންޖެހޭ ކަމަކީ މީޒާނުގައި ޢަމަލުތައް ކިރައިލެވޭހިނދު ހެޔޮކަމުގެ ކޮޅަށް ބަރުކުރަން މަސައްކަތްކުރުމެވެ. ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. އެއިރުން ކުރެވިފައިވީ ހުރިހާ ފާފަތަކަކުން ސަލާމަތްވެވި ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ"  

މިއީ އެއިގެ 3 އަހަރު ފަހެވެ. މިސްކިތުގެ އަހުލުވެރިއަކަށްވެ، ފަރުޟު ނަމާދުތައް ކުރުމުގެ އިތުރުން މިއަދު މިސްކިތް ބެލެހެއްޓުމުގެ މަސައްކަތުގައިވެސް އެންމެ އިސް ދައުރެއް އަދާކުރަނީ އެޒުވާނާއެވެ. ފަތިސް ނަމާދަށް މިސްކިތް ހުޅުވަނީވެސް އެ ޒުވާނާއެވެ. ދިރިއުޅެން ވަޒީފާ އަދާކުރަމުންވެސް މިސްކިތުގެ ކަންކަމަށް ސަމާލުކަން ދެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ލޮބުވެތި ޒުވާނުންނޭވެ! ފާފައެއް ނުވަތަ ފާފަތަކެއް ކުރެވިފައިވީނަމަވެސް މާޔޫސްނުވާށެވެ! އަހުރެމެން ﷲ ތަޢާލާގެ ޙަޟްރަތުގައި ކުރާ ދުޢާތަކުގެ ތެރެއިން ވަޤުތުން ޢިޖާބަކުރައްވަވާކަން ޔަޤީން ދުޢާއަކީ ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ކުރާ ދުޢާއެވެ. 

ކިތަންމެ ގިނަ ޢަދަދަކަށް ފާފަތައް ކުރެވިފައިވީނަމަވެސް، މުޅި ކައުނު ފުރޭހައި ގިނައިން ފާފަތައް ކުރެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ! މިބަޔާންކުރި ޒުވާނާ ފަދަ މީހަކަށް ބަދަލުވާން މަސައްކަތްކުރާށެވެ! އިން ޝާ ﷲ އެއިރުން ދުނިޔެއާއި އާޚިރަތް ލިބުނީއެވެ. އުޑުތަކުގައި އެމީހަކު މަޝްހޫރުވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން