އަޅުގަނޑުގެ ފިރިމީހާގެ ޢަމަލުތައް ހުންނަ ގޮތުން އެކުގައި އުޅެވޭކަށް ނެތެވެ. އަޅުގަނޑާއިމެދު ވަރަށް ފަރުވާ ކުޑައެވެ. އެންމެ ކުޑަމިނުން ހިނުތުންވެލަނީވެސް ވަރަށް މަދުފަހަރަކުއެވެ. މިފަދަ ފިރިއަކާއި އުޅެންހަދައިގެން މޮޔަވެސްވެދާނެއެވެ. ދެން ހަދަންވީ ކިހިނެއްތޯ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ފުރަތަމަ ކަމަކަށް ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ރަނގަޅަށް ވިސްނަވާލައްވައި ދެންވެސް މަގެއް ފެނިނުލައްވައިފިނަމަ އަންގަވާލަދެއްވާށެވެ!
ފިރިމީހާ ގޯސްވެ އެކުގައި އުޅެން ބޭނުން ނުވެގެން ކޮންމެ ގޮތަކުން ނަމަވެސް ފިރިމީހާގެ ކިބައިން ސަލާމަތްވާން ވިސްނާ އަނބިންވެސް ވަރަށް ގިނައެވެ. މިފަދަ އަނބިންނަށް ބުނެލަން އޮތީ ފިރިމީހާ އާއިމެދު އެގޮތަށް ތިއަ ނިންމަނީ ވިސްނަންވީ ވަރަށް ވިސްނާފައި ހެއްޔެވެ؟ ތިމާގެ އެއްވެސް ކުށެއް ނެތި ފިރިމީހާ ގޯސްވަނީ ހެއްޔެވެ؟
މިއީ މުޅިން ތަފާތު 2 ޙާލަތެކެވެ. އެއްގޮތަކީ އަނބިމީހާގެ އެއްވެސް ކުށެއް ނެތި ފިރިމީހާގެ ނުބައިކަން ބޮޑުވުމެވެ. އެޙާލަތުގައި ޢަމަލުކުރަންޖެހޭނީވެސް ތަފާތު ދެގޮތަކަށެވެ. ފރިމީހާއަކީ ހަމަ ޙަޤީޤަތުގައިވެސް އެހައި ގޯސް މީހަކަށް ވެއްޖެނަމަ ޢަމަލުކުރާނެ ގޮތް އެހެން ލިޔުމަކުން ގެނެސްދޭނަމެވެ. އިން ޝާ ﷲ
ދެވަނަ ގޮތަކީ އަނބިމީހާގެ ކުށަކާއި ލައިގެން ފިރިމީހާ ގޯސްވުމެވެ. އެކަމުގައި ތިމާގެ ކުށެއްވާ އަންހެނުންގެ މައްސަލައަށް މިގެނެސްދެނީ ވަރަށް ފައިދާހުރި ލިޔުމެކެވެ. ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ. އެވާހައިގައި ނަޞޭޙަތް އެދެނީ ތިބާގެވެސް މަންމަ ކަމަށް ބަލައިގެން އެމަންމަ ދޭ ނަޞޭޙަތަށް ޢަމަލުކޮށްބަލާށެވެ!
މަންމާ.... އަހަރެންގެ ފިރިމީހާ މަރާލަ ދީފާނަން ހެއްޔެވެ؟
މީހަކާ އިނދެގެން އުޅުނު ރީތި އަންހެން ކުއްޖަކު އޭނާގެ ކައިވެނި މަތިން ފޫހިވެ، ފިރިމީހާ މަރާލަން ބޭނުން ވިއެވެ. ސަބަބަކަށް ވީ ފިރިމީހާގެ އަޅާލުން ކުޑަކަމާއި އަނބިމީހާ އަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމެވެ. މިފަދ ޝަކުވާ ތަކަކީ އަބަދުވެސް އަނބިން ކުރަމުން އަންނަ ޝަކުވާ ތަކެވެ. ކަންކަން ދިމާވާން ޖެހެނީ ކީއްވެގެންކަން ހޯދާ ދެނެގަތުމުގެ ބަދަލުގައި އެކަކު އަނެކަކަށް އިނގިލި ދިއްކޮށް ކުއްވެރި ކުރުމަކީ ކައިވެނިތަށް ރޫޅެން ދިމާ ވާ މައިގަނޑު އެއް ސަބަބަވެ.
އެއްދުވަހު ހެނދުނު މި އަންހެން ކުއްޖާ އޭނާގެ މަންމަގެ ގެއަށް ހިނގައްޖެއެވެ. ވަރަށް ނުރުހިފައި ހުރެ މަންމަ ގާތުގައި ބުނެފިއެވެ. މަންމާ އެވެ. އަހަރެންގެ ދިރިއުޅުން ދެކެ އަހަރެން ފޫހިވެއްޖެއެވެ. ވަރުބަލި ވެއްޖެއެވެ. އިތުރަށް މި ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނުވެއެވެ. ލިބެން ޖެހޭ އެއްވެސް އަޅާލުމެތް ލޯތްބެއް ފިރިމީހާގެ ފަރާތަކުން އަހަރެންނަކަށް ނުލިބެއެވެ. އެއްވެސް ކަހަލަ ސަމާލު ކަމެއްވެސް އޭނާ ނުދެއެވެ. އަހަރެން ބޭނުންވަނީ އޭނާ މަރާލާށެވެ. އެކަމަކު އަހަރެން މި ކަން ކުރަން ވަރަށް ބިރުގަނެއެވެ. އަހަރެން ހައްޔަރުކޮށް ޖަލުގައި ބަނދުވެދާނެ ތީއެވެ. މަންމަ އަހަރެންނަށް މިކަމުގައި އެހީތެރިވެ ދީފާނަން ހެއްޔެވެ. އެއްވެސް މީހަކަށް ޝައްކު ނުވާނޭހެން އޭނާ މަރާލެވޭނެ ފަދަ ޚިޔާލެއް ދީފާނަން ހެއްޔެވެ.
އާނއެކެވެ. ކޮންމެ ކަމެއްގައި ވެސް މަންމަ މިއަދާ ހަމައަށް ވެސް ދަރިފުޅަށް އެހީތެރިކަން ދިނީމު ނޫން ހެއްޔެވެ. ތިޔަ ކަމުގައި ވެސް މަންމަ ދަރިފުޅަށް އެހީތެރި ވާނަމެވެ. ދަރިފުޅަށް ގެއްލުމެއް ނުލިބޭނެހެން ތިޔަކަން ނިންމާނެ ގޮތެއް މަންމަ ބުނެދީފާ ނަމެވެ. މަންމަ ބުނާ ގޮތަކަށް ކުރިއަށް ގެންދަން ދަރިފުޅަށް ކެރޭނެ ހެއްޔެވެ. މަންމަ މިހެން ބުނުމުން އަންހެން ކުއްޖާ ބުންޔެވެ. ތިޔަކަންތަށް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަހަރެން މިހުރީ ކުރަން ތައްޔާރަށެވެ. މަންމަ ބުންޏެވެ. އެހެން ވިއްޔާ ކަނުލާ އަޑުއަހާށެވެ. މި ބުނާ ގޮތާ ޚިލާފު ނުވެ މަންމަ މި ބުނާ ކަންކަން މި ބުނާ ގޮތަށް ކުރާށެވެ. އެއަށް ފަހު މިއަދުން ފެށިގެން 30 ދުވަސް ހަމަ ވުމުން އަންނާށެވެ. މިހެން ބުނުމަށް ފަހު އަންހެން ކުއްޖާ ކުރަން ވީ ކަންކަން މަންމަ ކިޔާއިދޭން ފަށައިފިއެވެ.
ދަރިފުޅާއެވެ. ގެއަށް ދާ ގޮތަށް ފިރިމީހާ ކައިރިން މާފަށް އެދޭށެވެ. އޭނާއަށް އޯގާތެރިވެ ވަރަށް އެކީވެ އަޅާލާ އުޅޭށެވެ. އޭރުން އޭނާ މަރުވިޔަސް މީހަކު ޝައްކެއް ނުކުރާނެއެވެ. އަބަދުވެސް ވަރަށް ލޯބިން މުޚާތަބުކޮށް އޭނާއަށް އިހުތިރާމުކޮށް ހަދާށެވެ. ދެވަނަ ކަމަކީ ދަރިފުޅު އަބަދުވެސް ފެންވަރާއި ސާފުވެގެން އޭނާ ގަޔާވާނެ ފަދަ ހެދުން އަޅާ ވަރަށް ރީތިވެގެން ހުންނާށެވެ. ތިންވަނަ ކަމަކީ ފިރިމީހާ ކާހިތްވާ ފަދަ ތަކެތި ގަޑިންގަޑިއަށް ކައްކާ ކާންދޭށެވެ. ކާން ބޭނުންވަނީ ކޮންއެއްޗެއްތޯ އަހާ އޮޅުން ފިލުވާ ހަދާށެވެ. ހަތަރުވަނަ ކަމަކީ އެންމެ މުހިންމު އެއްކަންތަކެވެ. ކެއްތެރިވުމެވެ. ޝަކުވާމަދުކުރުމެވެ. އަބަދުވެސް ފިރިމީހާގެ އިންތިޒާރުގައި ހުންނާށެވެ. އޭނާގެ ކުރިމަތީގައި އަޑުގަދަކޮށް ބަސްބުނެ ނުހަދާށެވެ. މި ގޮތަށް ކަންތައް ކުރެވިއްޖެ ނަމަ އެއްވެސް މީހަކަށް ޝައްކެއް ނުވާނެއެވެ. މިހެން ބުނުމާ އެކީ މަންމަ ދަރިފުޅުގެ އަތަށް ކުޑަފުޅިއެއް ދިއްކޮށްލިއެވެ. އަދި ބުންޏެވެ. ފިރިމީހާގެ ކެއުމަށް ކޮންމެ ދުވަކުވެސް މީގެން އެތިކޮޅެއް އަޅާށެވެ. މަޑުމަޑުންގޮސް އޭނާ މަރުވެދާނެއެވެ. މިބުނި ގޮތަށް ކަންކަން ކުރުމަށް ފަހު އެއްމަސް ފަހުން މަންމަ ގާތަށް އެނބުރި އަންނާށެވެ.
ބަރާބަރު އެއްމަސް ފުރުނު ދުވަހު އަންހެން ކުއްޖާ އޭނާގެ މަންމަ ގާތަށް އެނބުރި އަތުވެއްޖެއެވެ. އަދި ރޮއިފާ ހުރެ ބުންޏެވެ. މަންމާއެވެ. އަހަރެން އެނާ މަރާލާކަށް ބޭނުމެއް ނޫނެވެ. އޭނާ ބަދަލުވެއްޖެއެވެ. އަހަރެން ދުވަހަކު އުންމީދު ވެސް ނުކުރާ ފަދަ ރަނގަޅު ފިރިއެއް ކަމުގައި އޭނަ ވެއްޖެއެވެ. މަންމަ ދިން ޒަހަރު އޭނާ އަށް ދިނުން ހުއްޓާލާނީ ކިހިނެއް ހެއްޔެވެ. އަހަރެން އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އޭނާ މަރުވުމުގެ ކުރިން ސަލާމަތް ކުރަން ބޭނުން ވެއެވެ. މަންމާ އެހީތެރިވެ ދޭށެވެ.
މަންމަ ބުންޏެވެ. ދަރިފުޅާއެވެ. ހާސްނުވާށެވެ. މަންމަ އެދުވަހު ދިނީ ޒަހަރު ފުޅިއެއް ނޫނެވެ. އެޔަކުން ފިރިމީހާ މަރެއް ނުވާނެއެވެ. އެއީ ކާތަކެތީގެ ރަހަ ރަނގަޅު ކުރާ ޕައުޑަރ ފުޅިއެކެވެ. އަސްލު ހަގީގީ ޒަހަރަކީ ދަރިފުޅެވެ. މަންމަ ބުނި ދުވަހުން ފެށިގެން ދަރިފުޅު ރަނގަޅުވެ ބަދަލުވުމުން ފިރިމީހާ ރަނގަޅުވެއްޖެ ނޫން ހެއްޔެވެ. ވަރަށް ގިނަ ފިރިންނަކީ އަނބިންނަށް ކޮންޓުރޯލު ކުރެވޭނެ ބައެކެވެ. އެކަމަކު އެއީ އެފަދަ ބައަކަށް އަނބިން ވެއްޖެ ނަމަ އެވެ.
(މަންމާ.... އަހަރެންގެ ފިރިމީހާ މަރާލަ ދީފާނަން ހެއްޔެވެ؟" މިވާހަކައަކީ މިއަދުނޫހުގެ ކިޔުންތެރިއަކު ދީނީ ވައިބަރގްރޫޕަކުން މިއަދުނޫހަށް ޙިއްޞާކުރި ވާހަކައެކެވެ. ކިޔުންތެރިޔާ ކޮށްފައިވާ ސުވާލުގެ ޖަވާބަކަށް ފައިދާކުރާނެ ކަމުގެ އުންމީދުގައި ޝާއިޢުކުރީއެވެ.)