ލިބޭ ރިޒުޤް އިތުރުވެ ދިރިއުޅުމާ ގޭގެ ކަންތައްތައް ބޮޑުތަނުން ކުރިއަރައިގެންދާނެ ޢަމަލު! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ލިބޭ ރިޒުޤް އިތުރުވެ ދިރިއުޅުމާ ގޭގެ ކަންތައްތައް ބޮޑުތަނުން ކުރިއަރައިގެންދާނެ ޢަމަލު! އިން ޝާ ﷲ

ގިނަބައަކަށް އޮންނަ އެންމެ ބޮޑު ބަލިފައަކީ ކަންކަން ކުރިމަތިވުމުން އެކަމުގައި ތިމާގެ އިހްމާލްވުން ނުވަތަ އެކަމުގައި ތިމާ ފޭލްވެފައިވާ މިންވަރު ދެނެގަތުމެވެ. އެހެންވެ އަބަދުހެން ދެއްކެނީ ކޮންމެވެސް އެެހން މީހެއްގެ ވާހަކައެވެ. އިނގިލި ދިއްކުރެވެނީ އެހެން މީހަކަށެވެ. އެެހން މީހެއްގެ ގެއަށެވެ. އެހެން މީހެއްގެ ދިރިއުޅުމަށެވެ. 

މިހާރުގެ ޢާންމު ޙާލަތަށް ބަލައިލަމާ ހިނގާށެވެ! 

ގިނަ ބައަކަށް އަބަދުހެން މިދެއްކެނީ ކޮންމެވެސް މުޞީބާތެއް ކުރިމަތިވެގެން އުޅޭ ކަމުގެ ވާހަކަތަކެވެ. ގެއަށް ރިޒްޤް ވަނުން މަދުވުމާއި، ގެއިން ކޮންމެވެސް މީހަކު ނުވަތަ ބައަކު ބަލިވެ އުޅުމާއި ދެބަސްވެ އަރައިރުންވުމާއި އެފަދަ ކޮންމެވެސް ކަންތައްތަކެއް ގެއަށް ވަދެގެން އުޅޭ ކަމުގެ ވާހަކަތަކެވެ. 

ދެމީހަކު އެއްވެއްޖެނަމަ ދައްކަނީ ކޮންމެވެސް މުންކަރާތްތަކެއް މަނާނުކުރާ ވާހަކަތަކެވެ. ކޮންމެވެސް މީހެއްގެ ގޭގައި މުންކަރާތްތައް ހިންގާ ވާހަކަތަކެވެ. މިފަދަ ވާހަކަތައް ދައްކާއިރު އަމިއްލަ ގެދޮރުގައި މުންކަރާތައް ހިންގުން ނަހީކުރަނީ މަދު މީހެކެވެ. އެމީހެއްގެ ބެލެހެއްޓުމުގެދަށުގައި ތިބި މީހުން މުންކަރާތްތަކުން ދުރުކުރަން މަސައްކަތްކުރެވެނީ މަދު މީހަކަށެވެ. 

އެއްވެސް މީހަކު މުންކަރާތްތައް މަނާނުކުރާނަމަ އެއީ ކަންބޮޑުވާންޖެހޭނެ ކަމެކެވެ. ނަމަވެސް އެހެން މީހަކު އެކަން ނުކުރާތީ ކަންބޮޑުވުމުގެ ކުރިން ފުރަތަމަ އޮތީ ތިމާ މުންކަރާތްތަކުން ދުރުހެލިވުމެވެ. ތިމާ އެފަދަ ކަންކަން ނަހީކުރަންޖެހޭ މީހުންނަށް އަމުރުކުރުމެވެ. އަމިއްލަ ގެދޮރު މުންކަރާތްތަކުން ސަލާމަތްކުރުމެވެ. ނޫންނަމަ ހަމަ ތިމާއަށްވެސް އަދި ތިމާގެ ގެދޮރަށްވެސް ﷲ ތަޢާލާގެ ކޯފާ ލައްވަވައިފާނެކަމަށް ބިރުވެތިވުމެވެ. 

ފުރަތަމަ ކަމަކަށް ތިމާ އިޞްލާޙްވެ، އަމިއްލަ ޢާއިލާގެ މީހުން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. ބަލަން ނުވާ މަންޒަރުތައް ދައްކާ ޓީވީ ޗެނެލްތައް ބެލުން މަނާކުރާށެވެ! ނަމާދުކުރާކަން ޔަޤީންކުރާށެވެ! ޤުރްއާން ކިޔަވައި ޛިކުރުކުރާކަންވެސް ޔަޤީންކުރާށެވެ! މި ޙަދީޘްފުޅަށް ބިރުވެތިވެވުނުކަމަށްވާނީ އެއިރުންނެވެ. 

އެއިރުން ލިބޭ ރިޒުޤް އިތުރުވެ ދިރިއުޅުމާ ގޭގެ ކަންތައްތައް ބޮޑުތަނުން ކުރިއަރައިގެންދާނެއެވެ! އިން ޝާ ﷲ 

ރަސޫލް ޙަދީޘް ކުރައްވާފައިވެއެވެ. 

( وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوْفِ،وَلَتَنْهَوُنَّ عَنِ الْمُنْكَرِ، أَوْ لَيُوْشِكَنَّ اللّٰهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ،ثُمَّ تَدْعُوْنَهُ فَلَا  يُسْتَجَابُ لَكُمْ.

-رَوَاهُ التِّرْمِذِيٌّ وَقَالَ:حَدِيْثٌ حَسَنٌ. 

މާނައީ: "ތިމަން ކަލޭގެފާނުގެ ފުރާނަފުޅު އެކަލާނގެ އަތްޕުޅުގައިވާ މާތް ރަސްކަލާނގެ ޛާތުފުޅު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިއަބައިމީހުން ހެޔޮ ކަންތަކަށް އަމުރުކުރާ ހުށިކަމެވެ. އަދި މުންކަރާތް ނަހީކުރާ ހުށިކަމެވެ. އެހެންނޫން ނަމަ، ހަމަކަށަވަރުން، الله ގެ ޙަޟްރަތުން ތިއަބައިމީހުންގެ މައްޗަށް ކޯފާއެއް ބާވައި ނުލައްވައި ނުދާހުއްޓެވެ. އެއަށްފަހު ތިއަބައިމީހުން އެކަލާނގެ ޙަޟުރަތަށް ދުޢާ  ދެންނެވުމުން ފަހެ، އެހައިރުން ތިއަބައިމީހުންގެ ދުޢާ އިޖާބައެއް ނުކުރެއްވޭ ހުއްޓެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން