ދުނިޔޭގަ މުސްލިމުން ނޫން މީހުންނަށް ކުރިމަތިވާ ކަންކަން މުސްލިމުންނަށް ކުރިމަތިވިޔަސް މުސްލިމުންނަށް އެކަންވާނީ ލައްވަވާ ރަޙްމަތަކަށް! އިން ޝަ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދުނިޔޭގަ މުސްލިމުން ނޫން މީހުންނަށް ކުރިމަތިވާ ކަންކަން މުސްލިމުންނަށް ކުރިމަތިވިޔަސް މުސްލިމުންނަށް އެކަންވާނީ ލައްވަވާ ރަޙްމަތަކަށް! އިން ޝަ ﷲ

ﷲ ތަޢާލާގެ މިންވަރުފުޅާއިމެދު މުސްލިމުން އަބަދުވެސް ތިބެންވާނީ އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ. ސަބަބަކީ މުސްލިމަކަށް ދެރަގޮތެއް އިރާދަ ނުކުރައްވަވާނެތީއެވެ. ދުނިޔޭގަ އެއީ ދެރައެއްކަމަށް ވިޔަސް އާޚިރަތުގައި އެއީ ލެއްވެވި ރަޙްމަތަކަށްވާނެތީއެވެ. 

ދީނުގެ ކަންކަމަށް ރަނގަޅަށް ނުވިސްނާ ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މުސްލިމަކަށްވުމަކީ ނުވަތަ ރަނގަޅު ތަޤްވާވެރިއަކަށްވުމަކީ ދުނިޔޭގެ ދިރިއުޅުމުގައި އެއްވެސް ބުރައެއް، ތަކްލީފެއް އަދި ހިތްދަތި ޙާލަތެއް ކުރިމަތިނުވާނެ މީހެއް ކަމަށެވެ. އެކަންކަން ކުރިމަތިވާނީ ކާފިރުންނަށް ނުވަތަ ތަޤްވާވެރިކަން ކުޑަ ބައަކަށް ކަމަށެވެ. 

މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ކާފިރުންނަށް ކުރިމަތިވާ ކަންކަން ހަމަ މުސްލިމުންނަށްވެސް ކުރިމަތިކުރައްވަވާނެތެވެ. ނަމަވެސް އެމީހަކީ މުސްލިމަކު ކަމުގައިވާނަމަ އެމީހަކަށް އޮތީ އުފާވެރިކަމެވެ. 

މިޘާލަކަށް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދިރިއުޅެމުން އަންނަ މުސްލިމަކު ބަލިވީއެވެ. ބަލިވީއެވެ. ޝިފާ ނުލިބި މަރުވެސްވީއެވެ. އޭނާއަށް އޮތީ އުފާވެރިކަމެވެ. މަރުވީންސުރެ އެމީހަކަށް ދާނީ ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ލިބެމުންނެވެ. އޭނާގެ ފުރާނަވާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. އިން ޝާ ﷲ 

ކާފިރަކު ނުވަތަ ދީނަށް ޢަމަލުނުކުރާ މުސްލިމަކު މަރުވީއެވެ. އޭނާއަށްވާނީ މިހެންކަމަށް ބުނުމުގެ ޙައްޤު އަހުރެންނަކަށް ލިބިގެނެއް ނުވެއެވެ. އޭނާއަށް ކަންކަން ވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެއްވެސް މީހަކަށް ނުއެނގޭނެއެވެ. 

ނަމަވެސް އެނގެން އޮތް މިންވަރެއް އެބައޮތެވެ! އެއީ ﷲ ތަޢާލާއަށް އީމާންނުވެ ޝިރުކުރުންމަތީގައި މަރުވެއްޖެ މީހަކަށް ފާފަނުފުއްސަވާނެކަމެވެ. އެމީހަކު ކުރި ފާފަތަކަށް ތައުބާނުވެ ހުރިނަމަ އެމީހަކަށް ޙައްޤު ޖަޒާ ދެއްވަވާނެ ކަމެވެ. ޢަޛާބުލިބުން ހައްޤު މީހުންނަށް ކައްވަޅުގައިވެސް ޢަޛާބު ދެއްވަވާނެކަމެވެ. 

ދެން އޮތީ ޤިޔާމަތް ދުވަހެވެ. އެދުވަހުގައިވެސް މީސްތަކުން ބެހިގެންދަނީ 2 ބައަކަށެވެ. 3 ވަނަ ބައެއް ނެތެވެ. ކިޔަމަންތެރި އަޅުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކެވެ. ކިޔަމަންތެރި ނުވި އަޅުންނަށް ނަރަކައެވެ. ދުނިޔޭގައި ރަނގަޅަށް އުޅެންވީ މި ސަބަބަށްޓަކައެވެ. މަރުވުމުން ދެން ދެއްވަވާނެ ނިޢުމަތްތަކަށްޓަކައެވެ. ދުނިޔޭގައި ކަންކަން ކުރިމަތިނުކުރައްވަވާނެތީއެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން