ގުނަންވީ ވަކި ޢަދަދަކަށް ޛިކުރުކުރަން މަސައްކަތްކުރާއިރު އެޢަދަދު ހަމަވޭތޯ ބަލާށެވެ! ގުނަން އެންމެ ރަނގަޅީ އިނގިލިތަކުންނެވެ. އެއްޗަކުން ގުނަންވީ ގިނަ ޢަދަދަކަށް ޛިކުރުކުރާއިރު ފަސޭހައަކަށެވެ. ގުނާނެ އެއްޗެއް އަތުގައި ނެތިގެން ޛިކުރުނުކޮށް ހުރުމެއްވެސް ނެތެވެ. ޛިކުރުކުރާވަރަކަށް މަލާއިކަތުން އެކަމުހެ ހިސާބުތައް ބަރާބަރަށް ބައްލަވާނެތެވެ. ތިބާގެ ފަތުގައި ލިޔުއްވަވާނެތެވެ. ޤިޔާމަތްދުވަހު މީޒާނުގައި ބަރާބަރަށް ކިރޭނެއެވެ. ކުރި އެންމެ ޛިކުރެއްވެސް މަދެއް ނުވާނެއެވެ. ޝަރުޠުހަމަވާ ގޮތަށް ކުރި އެންމެ ޛިކުރެއްގެ ޘަވާބުވެސް ގެއްލިގެން ނުދާނެތެވެ.
ދެން މިކިޔައިދެނީ ސަމާލުކަންދޭންވީ ކަންކަމެވެ.
ކުރާ ޛިކުރުގެ ޢަދަދު ތަސްބީޙަފަތިން ނުވަތަ ގުނާ ކައުންޓަރުތައް ބޭނުންކޮށްގެން ނުގުނާކަށް ނުބުނަމެވެ. މައްސަލައަކަށް މިވަނީ އެއްވެސް ޛިކުރެއް ނުކިޔާއިރުވެސް ގުނަގުނައިތިބޭތީއެވެ. އެހެންކަމަށްވެއްޖެނަމަ ގުނޭ ޢަދަދު ކިތަންމެ ގިނަވި ނަމަވެސް އެޢަދަދަށް ޛިކުރުކުރެވިފައެއް ނުވާނެ ނޫންހެއްޔެވެ؟ ވީމާ އެގުނިގުނުމުން ޛިކުރުކުރިކަމުގެ ފައިދާކުރާނީ ކިހިނަކުންހެއްޔެވެ؟
މިކަން ފާހަގަކޮށްލަން މިޖެހުނީ ބައްދަލުވާ ބައެއް މީހުން އަހުރެންނާއި ވާހަކަދައްކަން ހުރެގެންވެސް އިނގިލިން އެބަގުނައެވެ. ތިއަކުރަނީ ކޮންކަމެއްތޯ ސުވާލުކުރީމާ ބުނަނީ ގުނަނީ ކަމަށެވެ. ގުނާ އެއްޗެއް ނުބުނެއެވެ. އަހުރެންވެސް އިތުރަށް ސުވާލެއް ނުކުރަމެވެ.
ލޮބުވެތި އެކުވެރިންނޭވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ދުވަހަކު މަދުވެގެން 70 ފަހަރު "އަސްތަޣްފިރުﷲ" ވިދާޅުވެލައްވައި ފާފަތައް ފުއްސަވައިދެއްވެވުމަށް އެދިވަޑައިގަންނަނަވައެވެ. އެއީ އެންމެ ފާފައެއްވެސް ނުކުރައްވަވާ އިރުގައެވެ. އަދި ހުރިހާ ފާފަތަކެއް ޢަފޫކޮށް ދެއްވަވާފައިވާކަން ﷲ ތަޢާލާ އަންގަވާފައިވާއިރުވެސްމެއެވެ.
އަހުރެމެންނަށް އޮތީ ކިޔުނުހައި ގިނައަކުން ޛިކުރުތައް ކިޔުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމެވެ. ތައުބާވުން ގިނަކުރުމެވެ. މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ބުރަކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.
އެހެނަސް ބުނަން ހެއްޔެވެ؟ ކިތަންމެ މަތިވެރި ކަލިމައެއް، ޛިކުރެއް، ދުވާލަކު އެތައް ހާސް ފަހަރު ކީނަމަވެސް އެކަމަށް ދޭންޖެހޭ ސަމާލުކަން ދީގެން ނުކިޔާނަމަ ކުރާނެއެއްވެސް ފައިދާއެއް ނެތެވެ. ޛިކުރުކުރަނީއެވެ. ގުނަނީއެވެ. ވިސްނަނީ ކޮންމެވެސް އެހެންކަމަކަށެވެ. ބައްދަލުވާ މީހުންނާ ވާހަކަވެސް ދައްކަނީއެވެ. މިއީ އެއްވެސް ޙާލެއްގައި ޛިކުރުކުރަން އޮންނަ ގޮތެއް ނޫނެވެ. ޛިކުރުކުރަން އޮތީ އެކަމަށް ދޭންޖެހޭ ސަމާލުކަން ދީގެންނެވެ.
ޛިކުރުކުރަމުން ވެސް މީހަކާއި ވާހަކަ ދައްކަން ބޭނުންވެއްޖެނަމަ ވާހަކަދެއްކުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ވާހަކަދައްކާ ވަޤުތު ހަދަންޖެހޭނީ ވާހަކަދައްކާ ވަޤުތަށެވެ. ވާހަކަ ދައްކައި ނިމުނީމާ ޛިކުރުކުރަންފަށާނީއެވެ.
ޛިކުރުކުރުމުގެ މާނައާއި މަޤްޞަދަށް ބެލިނަމަވެސް އެއީ ﷲ ތަޢާލާ ހަނދުމަކުރުމެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭނަމަ ކުރެވޭނީ ކޮން ޛިކުރެއްހެއްޔެވެ؟ ވީމާ ޛިކުރުކުރާވަޤުތުތަކުގައި މި ބަޔާންކުރި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ޛިކުރުކުރިކަމުގެ ޘަވާބު ދެއްވަވާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން