އަހުރެން މަސައްކަތްކުރަނީ އަމިއްލައަށް މުރުވުމުގެ ވާހަކަ ނުދައްކާށެވެ! އެހެނަސް ނުދައްކައި ހުރެވޭކަށްވެސް ނެތެވެ. އެއީ މަދު ބައަކު ނަމަވެސް ޝައިޠޯނާގެ ބަސް ޤަބޫލުކޮށް އަމިއްލަ ންފުސަށާއި ފުރާނައަށް ގެއްލުންދޭތީއެވެ.
"އެއް ރޭ މީހަކު ފޯނުކޮށްފައި ބުންޏެވެ. " އަހަރެންނަށް ޒިނޭ ކުރެވިއްޖެއެވެ. އަހަރެންނަށް ދެން ހިތްހަމަޖެހުމެއް ނެތެވެ! އަހަރެން މިއުޅެނީ ދަންޖެހި މަރުވާށެވެ!"
އަހުރެން އޭނާއަށް ވިސްނައިދިނީ މިފަދައިންނެވެ!
ޒިނޭ ކުރުމަކީ ވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ނަމަވެސް ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ނަމަވެސް އަމިއްލައަށް މަރުވުމެއް ނެތެވެ. އެމީހަކު ތައުބާވުމުން ނުފުއްސަވާނެ ފާފައެއް ނެތެވެ. ވީމާ ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ނަމަވެސް އޮތީ އެކަމުގެ ހިތާމައިގައި އަމިއްލައަށް މަރުވުމެއް ނޫނެވެ. ތައުބާވުމަށް އަވަސްވެގަތުމެވެ. ﷲ ތަޢާލާއީ ތައުބާވުމުން ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. ތިބާވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ތިބާއަކީވެސް ފާފައެއް ނުކުރެވޭ މީހަކު ފަދަ ޠޯހިރު މީހެކެވެ.
މިފަދަ ވިސްނުން މިއަންނަނީ ޝައިޠޯނާ ޖަހާ ދެމަޅީގައިވެސް ޖެހި ތާށިވާތީއެވެ. ފުރަތަމަ މަޅިއަކީ ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވަވާނެކަން ވިސްނައިދީ ފާފަ ކުރުވުމެވެ. ދެވަނަ މަޅިއަކީ ފާފަކުރުމުން އޭނާއަށް ދެން ސަލާމަތްކަމެއް ނެތްކަން ވިސްނައިދީ މާޔޫސްކުރުވައިގެން އަމިއްލައަށް މަރުވުން ފަދަ އެކަމަކުން ސަލާމަތް ނުވެވިދާނެ ފާފަތައް ކުރުވަން މަސައްކަތްކުރުމެވެ.
ޝައިޠޯނާގެ ބަހަށް ހެއްލެވި އަމިއްލައަށް މަރުވުމަކީ ތައުބާވުމުގެ ފުރުޞަތު ނުލިބި މީހާ ދުނިޔެއިން ވަކިވާންޖެހިދާނެ ފާފައަކަށްވާތީ އެކަން ހިމެނެނީ ސަލާމަތް ނުވެވިދާނެ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންނެވެ. ވީމާ އަހަރެމެންނަށް އޮތީ ޝައިޠޯނާ ޖައްސުވާ މިނުބައި މަޅީގައި ނުޖެހި ސަލާމަތްވުމެވެ.
--ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން