މީސްތަކުންނޭވެ! ﷲ ތަޢާލާއީ ދީލަތިވަންތަ ރަސްކަލާނގެއެވެ. އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ވީމާ ކިތަންމެ ގިނައިން ފާފަކުރާ މީހުން ކުރާ ދުޢާވެސް އިރާދަކުރައްވަވައިފިނަމަ ޢިޖާބަކުރައްވަވައެވެ. ތެދުމަގު ދައްކަވައެވެ. ހެޔޮ ގޮތްތައްވެސް މިންވަރުކުރައްވަވައެވެ.
މިބުނި ބަހުގެ މާނައަކީ އަހަރެމެން އެކަލާނގެއަށް ކިޔަމަންތެރި ނުވެ ދުޢާކުރުމުން ޢިޖާބަ ކުރައްވަވާނެކަމަށް ޤަބޫލުކުރުމެއް ނޫނެވެ. ފުރަތމަ ކަމަކަށްވެސް ކުރަން އޮތްކަމަކީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދުންކަން ވަޙީބަސްފުޅުން އެނގެން އެބައޮތެވެ.
ދުޢާ ޢިޖާބަކުރައްވަވަން އެދޭ މީހާ ފުރަތަމަ ކަމަކަށް ތިމާ ކުރާ ޢަމަލުތައް ސީދާކުރާށެވެ! ފުރިހަމަ ތައުބާއަކުން ތައުބާވާށެވެ! އަދި އެ ތައުބާމަތީގައި ދެމިހުންނާށެވެ! އިން ޝާ ﷲ އެމީހާގެ ދުޢާތައް ޢިޖާބަކުރައްވަވާނެތެވެ!
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެމީހާ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމެވެ. ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެއްޖެނަމަ ކަންބޮޑުވެވުމަކީ އިންސާނުންގެ ކިބައިވާ އެންމެ ބޮޑު އެއް އުނިސިފައެވެ. އެހެންކަމުން ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭ މީހާ ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ.
އެއީ އެމީހާގެ އަމަލުތައް ސީދާކުރުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. ވީމާ ފުރަތަމަކަމެއްގެ ގޮތުން ތިމާކުރާ ޢަމަލުތަކަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ޢަމަލުތައްކަމުގައިވާންޖެހޭނެއެވެ. އަދި ހުއްދަކުރައްވަވާފައިވާ ގޮތަށް ކުރާ ޢަމަލުތަކަކަށްވެސް ވާންޖެހޭނެއެވެ.
ހަމަ އެއާއިއެކު ދުޢާކުރުމަށްފަހު ކުރާ އަމަލުތަކަކީވެސް ﷲ ތަޢާލާ ހުއްދަކުރެއްވެވި ޢަމަލުތައް ކަމުގައިވާންޖެހޭނެއެވެ. އެކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ހުރިހާ ކަމެއްވެސް ކުރަން މަސައްކަތްކުރަމުންގެންދާ މީހަކަށްވާންޖެހޭނެއެވެ. ޚާއްޞަކޮށް ފަރުނަމާދާއި އެހެންވެސް ފަރުޟުތަކަށް ރައްކައުތެރިވާންޖެހޭނެއެވެ.
ބައެއްމީހުންނަށް ޢަމަލުކުރެވެނީ މިގޮތަކަށް ނޫނެވެ. ކަމަކަށް ބޭނުންވުމުން މިސްކިތަށް އަރައި ނަމާދެއްކޮށްލުމަށްފަހު ދުޢާކުރަނީއެވެ. ދުޢާކޮށް ނިމިގެން ފައިބައިގެންދަނީއެވެ. ފައިބައިގެން ދިއުމަށްފަހު ހުންނަނީ ކުރި ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެފައެވެ. ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެ އެކަމުގެ އިންތިޒާރީގައި ހުންނައިރުވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ސަމާލުކަމެއް ނުދެވެއެވެ. ނަމަވެސް ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާތީ ކަންބޮޑުވެއެވެ.
އެކަންބޮޑުވުން ފިލައިގެންދިއުމަށް އެދޭމީހާ މިބުނިމަގުން ޢަމަލުކުރާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން