ދުނިޔެއިން ލިބޭ މަޤާމެއް ކިތަންމެ މަތިވެރިނަމަވެސް އެކަމުން ކުރާނީ ކޮންފައިދާއެއްހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަންޖެހޭނެއިރު އެމަޤާމުގައި ހުރެ ކުރި ކަންކަމަށްވެސް ޖަވާބުދާރީވާންޖެހޭނެއެވެ. އެމަޤާމުގައި ހުރި ކަންކަމުގައިވެސް ﷲ ތަޢާލާއަށް ތެދުވެރިނުވިނަމަ ފާފަވެރިވެ ޢަޛާބްލިބޭނެއެވެ.
ފާހަގަކުރަންމިއުޅޭ ކަމަކީ ކިތަންމެ މަތީމަޤާމެއްގަ ހުރިނަމަވެސް އަނބިދަރިން ގޮވައިގެން ސުވަރުގެ ވަނުމަށް ކުރަންޖެހޭ އެއްވެސް ކަމެއްގައި އިހްމާލުނުވުމެވެ. އަނބިދަރިންގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާއިއެކު އަދާނުކުރިނަމަ އެމީހަކު އެވަނީ އޮޔާގޮސް ނިމިފައެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."
(އައްތަޙްރީމް: 6)
ވީމާ ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރަން ޖެހެއެވެ. އެކަންވާންއޮތީ ދީނުގައި އޮތް ގޮތަށް (އަނބިދަރިން) ހެދުން އަޅުވައި ނިވާކުރުވައިގެންނެވެ. އެމީހުން ފަރުޟްނަމާދުތަކަށާއި އެހެންވެސް ފަރުޟްތަކަށް ރައްކައުތެރިވާކަން ކަށަވަރުކޮށްގެންނެވެ. މިކަމާއިމެދު އެއްވެސް ޢިލްމުވެރިއަކު ޝައްކެއް ނުކުރައްވައެވެ. އެއްވެސް ޚިޔާލުތަފާތުވުމެއްވެސް ނެތެވެ.
މިއާޔަތުން އެނގިގެންދަނީ އަނބިދަރިން ނަރަކައިން ސަލާމަތްކުރުވަން މަސައްކަތްކުރުމުގެ މުހިންމުކަމާއި ނަރަކައިން ސަލާމަތްވުމަށްޓަކައި ދީނުގައިވާ ގޮތަށް އަނބިދަރިން އެޅުވުމުގެ މުހިންކަމެވެ.
މި އާޔަތުގައި "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި ތިއަބައިމީހުންގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ!" ވަޙީކުރައްވަވާފައި އޮތުމުން އެކަމަކީ ﷲ ތަޢާލާގެ އަމުރުފުޅެއްކަން މިއޮތީ ޤުރްއާނުން އެނގޭށެވެ!
ހަމައެއާއިއެކު އަމިއްލަ ނަފްސް ނަރަކައިން ސަލާމަތްކުރުމަށްޓަކައި މިސްކިތްތަކުން 5 އިރު ގޮވާ "ޙައްޔަޢަލައްޞަލާތި، ޙައްޔަޢަލަލްފަލާހް" ގެ އަޑު އިވުމުން ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށްދާންޖެހޭކަން ވެސް ފާހަގަކުރެވެއެވެ. އަދި އެހެން މީހުންނަށް ދީނުގެ ކަންކަން އޮޅުންފިލުވައިދިނުން އޮތީ ތިމާގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ ކަންކަން ކުރުމާއިއެކުގައިކަންވެސް ފާހަގަކުރެވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން