އެކުގަ އުޅޭ އެންމެން ގުޅިގެން ކުރަން ފަށަން އެންމެ ފައިދާހުރި ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
އެކުގަ އުޅޭ އެންމެން ގުޅިގެން ކުރަން ފަށަން އެންމެ ފައިދާހުރި ޢަމަލު-

ގިނަ މީހުންނަކީ އެކުވެރިން ކުރާ ކަންކަންކުރަން ބޭނުންވާ ބައެކެވެ. އެކުވެރިން ކަސްރަތުކުރާނަމަ ކަސްރަތުކުރަން ބޭނުންވެއެވެ. ރީތި ފޭރާން ލުމުގައި އެކުވެރިންނާއި ވާދަކުރަންވެސް ބޭނުންވެއެވެ. ދަތުރަކުދާނަމަ އެކުގައިދާން ބޭނުންވެއެވެ. ކެއުން ނުވަތަ ކޮފީތަކަށް ދާން ބޭނުންވެއެވެ. ސުވާލަކީ މިފަދަ ރޫޙެއް އަޅުކަންކުރުމާއިމެދު ނުއުފައްދަނީ ކީއްވެގެންހެއްޔެވެ؟ ރީތިފޭރާން ލުމުގައި ވާދަކުރަން ބޭނުންވުމުގެ ބަދަލުގައި އަޅުކަންކުރުމުގައި ވާދަކުރަން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟

އެހެންވެ ނަޞޭޙަތުގެ ގޮތުން ވާހަކައެއް ބުނެލާނަމެވެ.

ބުނަން މިއުޅެނީ އެކުވެރިންގެ މެދުގައި މަޝްވަރާކޮށް އެންމެން ގުޅިގެންވެސް ކުރަން އޮތް އެންމެ ހެޔޮ ޢަމަލުގެ ވާހަކައެވެ. ފަރުޟް 5 ނަމާދާއި ސުންނަތް ނަމާދުތަކަށްފަހު ކުރަން އޮތް އެ ޢަމަލަކީ ވީހާ ގިނައިން ރޯދަހިފުމެވެ! ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އަދި މަހުގެ 13، 14، 15 ދުވަހު ހުރިހާ އެކުވެރިން ރޯދަހިފަން އަވަހަށް ފަށާށެވެ! މި 11 ރޯދަ ހިފަން ފަށަން އުނދަގޫވާނަމަ ހޯމް ބުރާސްފަތިދުވަހުގެ ރޯދަ ހިފަން ފަށާށެވެ. އެކަން ބުރަނަމަ މެދުފޮއި 3 ރޯދަ ހިފަންފަށާށެވެ. މަދު ބައަކު ފެށިނަމަވެސް އެކަމުގެ ފައިދާ ވިސްނުމުން އެހެން މީހުންވެސް ބައިވެރިވާނެއެވެ.

އެކުވެރިން ކުރާކަންކަން ކުރަން ބޭނުންވުމަކީ އިންސާނީ ޠަބީޢަތެވެ. އެކުވެރިން ރޯދަހިފުމަކީ ހުރިހާ އެކުވެރިންގެ ހިތުގައި އެކަމަށް ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ. އޮތީ ހިތްވަރުކޮށްލުމެވެ. އެކުވެރިންނާއި ގުޅިގެންވެސް ކުރަންވީ ޤިޔާމަތް ދުވަހު ތިމާމެންނަށް ފައިދާކުރާނެ ކަންކަމެވެ!

ސުންނަތް ރޯދަ ހިފުން ގިނަކުރުމަކީ ޤިޔާމަތް ދުވަހު ސުވަރުގެ ވަންނަން އެންމެ ފަސޭހައެއް މަގުކަން ހިތްމައްޗަށް ގެނެސްފި މީހަކަށް ސުންނަތް ރޯދަ ހިފުމަކީ އެއްވެސް ބުރަކަމަކަށް ނުވާނެއެވެ. ހޯމް ދުވަހާއި ބުރާސްފަތި ދުވަހަށް އިންތިޒާރުކުރެވޭނެއެވެ. މަހުގެ 13،14، 15 3 ދުވަހަށްވެސްމެއެވެ.

ރަސޫލް (ﷺ) ވިދިވިދިގެން 4 ، 5 ދުވަހު ސުންނަތް ރޯދަ ހިއްޕެވިއެވެ. ފަރިއްކުޅުއްވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި ނެތް ޙާލުކޮޅުގައިވެސްމެއެވެ. ރޭގަނޑުން 6، 7 ގަޑިއިރު ދަމު ނަމާދު ކުރެއްވެވިއެވެ. އެއަށްފަހު ހެނދުނު ﷲ ތަޢާލާގެ މަގުގައި ހަނގުރާމައަށް ނުކުމެވަޑައިގެން ޖިހާދު ކުރެއްވެވިއެވެ.

ރަސޫލް (ﷺ) މިކަންކަން މިފަދައިން ކުރައްވަމުން ގެންދެވީ ކޮންފަދަ ހާލުކޮޅެއްގައި ހުންނަވައިގެންކަން އެނގޭއިރު އަހަރެމެންނަށް މިހައި ގިނަ ގުނަ ނިޢްމަތްތައް ދެއްވެވުމުން މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ސުންނަތް ރޯދައެއް ހިފޭހެއްޔެވެ؟ އެންމެ ކުޑަމިނުން ދަމުނަމާދެއް ކޮށްލެވޭ ހެއްޔެވެ؟ މުސްލިމުންގެ ތެރެއިން ފޯރުންތެރިކަން ލިބި އުފަލުގައި އުޅޭ މީހުންގެ ތެރެއިން މަދު މީހަކަށް ނޫނީ ސުންނަތް ރޯދައެއް އޮތްކަން ވެސް އެނގޭބާވައެވެ!

ސުންނަތް ރޯދަ ޤަވާއިދުން ހިފާ މީހަކަށް މަހަކު 11 ރޯދަވެސް ހިފަން ޖެހިދާނެއެވެ. އެއީ 4 ހޯމަ އާއި 4 ބުރާސްފަތި 8 ދުވަހުގެ އިތުރުން މަހުގެ 13، 14، 15 ތިން ދުވަހު ރޯދަ ހިފައިފިނަމައެވެ. މަހުގެ 13،14، 15 ތިން ދުވަހުން ކުރެ ދުވަހެއް ހޯމަ، ނުވަތަ ބުރާސްފަތި ދުވަހަކާއި ފައްތަރުވެއްޖެނަމަ ހިފަން ޖެހޭ ރޯދަ މަދުވެދާނެއެވެ.

ސުންނަތް ރޯދަ ހިފުން ބުރަކަމަކަށްވަނީ އެކަމުން ޤިޔާމަތް ދުވަހު ލިބެން އޮތް ބޮޑު ނިޢްމަތް ހިތްމައްޗަށް ނުގެނެވޭތީއެވެ. ނަމަވެސް ލިބެން އޮތް މަތިވެރި ނިޢްމަތް ހިތަށް ގެނައުމުން އެއީ އެއްވެސް ބުރަކަމަކަށްނުވާނެއެވެ. ސުވަރުގޭގައި ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ވެއެވެ. "އައްރައްޔާން" އެވެ ކިޔުނު ދޮރުކޮޅެވެ. އެ ދޮރުކޮޅުން ވަނުމަށް އެދޭ މީހާއަށް އޮތީ ރަމަޟާން މަހުގެ ރޯދަ ހިފުމުގެ އިތުރުން ސުންނަތް ރޯދަހިފުން ގިނަކުރުމެވެ.!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން