މުސްލިމުން އެންމެ ބޮޑަށް އެނގެން ބޭނުންވާނެ އެއްކަމަކީ ތިމާއަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާކަމާއި ތިމާކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ކަމެވެ. މިއީ ގިނަ ބައެއްގެ ހޮިތުގައި އޮންނަ އެންމެ ބޮޑު ކަންބޮޑުވުންކަންވެސް ފާހަގަކުރެވެއެވެ.
ކިތަނމެ ވަރަކަށް ވިސްނިޔަސް ދުނިޔޭގައި ހުއްޓައި މިކަންކަން އެނގޭނެ ގޮތެއް ނެތެވެ. ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބިއްޖެ ކަމަށް އުންމީދުކުރެވިދާނެ ބައެއް ކަންކަން ހުރުމުން އެކަންކަން ބުނެލާނަމެވެ.
މިޘާލަކަށް ތިބާ ޙައްޖަށް ދިއައީއެވެ. ފަސޭހަކަމާއިއެކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވުނީއެވެ. އެހިސާބުން އުފެދޭނެ ސުވާލަކީ ތިމާގެ ޙައްޖު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވި ހެއްޔެވެ؟ ރަމަޟާންމަހު ރޯދަހިފަނީވެސް ވަރަށް ބުރަ މަސައްކަތުންނެވެ. ރޯދަ ހިފުމަށްފަހު އުފެދޭނެ ސުވާލަކީ ތިމާ ހިފި ރޯދަތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވި ހެއްޔެވެ؟
ވިސްނައިލާށެވެ! ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ނުވަތަ ރަމަޟާން މަހަށްފަހު ތިމާގެ ޢަމަލުތައް އިޞްލާޙްވި ހެއްޔެވެ؟ ތަޤްވާވެރިކަން އިތުރުވި ހެއްޔެވެ؟ ކުރިއަށްވުރެ ގިނައިން އަޅުކަން ކުރެވޭ ހެއްޔެވެ؟
ޖަވާބަކީ އާނއެކެވެ ކަމަށްވާނަމަ އެއީ ތިބާކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވި ކަމުގެ ހެއްކެކެވެ. ޖަވާބަކީ ނޫން ކަމަށްވާނަމަ އެއޮތީ އިތުރަށް މަސައްކަތްކުރަންޖެހިފައެވެ.
ކުރެވޭ އެހެން އަޅުކަމާއިމެދުވެސް ހަމަ މިމޭރުމުން ވިސްނާށެވެ! ފަރުޟު ނަމާދުތައް ކުރާތީ އާއި ސުންނަތް ނަމާދުތައް ކުރާތީ ތިމާގެ ޢަމަލުތަކަށް އެއްވެސް ހެޔޮ ބަދަލެއް އާދޭތޯ އަމިއްލައަށް ވިސްނައިލާށެވެ. ޖަވާބު އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އެމީހަކަށެވެ.
ހެޔޮ ބަދަލެއް ނުއަންނަނަމަ ތައުބާވުން ގިނަކުރާށެވެ. ﷲ ތަޢާލާއަށް އިކްލާޞްތެރިވެ އިހްޞާންތެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ރަހްމަތް އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން