އެއްވެސް ޝައްކެއް ނެތެވެ. ތަނަވަސްކަން ހުރިނަމަ އެމީހަކަށް ހެޔޮއެދޭކަން ދައްކައިގެން އުޅޭނެ މީހުން ވަރަށް ގިނަވާނެއެވެ. އެއިގެ ތެރެއިން ގިނަ މީހުންނަކީ ހެޔޮއެދޭކަން ދައްކައިގެން ތިބާގެ ދިޔަ ފެލައިގެން ބޯންބޭނުންވާނެއެވެ. އެދިޔަ ބޮއިގެން އެމީހުން ފަލަވާން ބޭނުންވާނެ މީހުންނެވެ. މިވާހަކަ މިބުނީ ވަރަށް ގިނަ މާނައިގައެވެ.
އެމީހުން ތިބާއަށް ލިބިދާނެ ދެރައަކަށް ނުބަލާނެއެވެ. އަދި ދެރައެއް ލިބިއްޖެނަމަ ލޮލަށްވެސް ނުފެންނާނެއެވެ. ހޯދަންބޭނުންވެގެން ގުޅިޔަސް ފޯނުވެސް ނުނަގާނެއެވެ. ކުރިން ތިބާގެ ވަށައިގެން އަބަދު އެނބުރުނު ނަމަވެސް މިހާރު ތިބާއާއި ބައްދަލުކޮށްލާނެ ވަޤުތެއް އޮތް ކަމަކަށްވެސް ނުހަދާނެއެވެ. އެމީހުން އެވަނީ ތިބާ ދިރިހުއްޓައި ތިބާ ވަޅުލައި ނިންމައިފައެވެ.
މިކަން ބޮޑުވެ ފެތުރެމުން ގޮސް ތަނަވަސްކަން ނެތް މީހުންގެ ފަހަތުންވެސް އެބައެނބުރެއެވެ. އެއީ އެމީހަކަށް ލަނޑެއް ދެވޭތޯއެވެ. ކޮންމެވެސް ދެރައެއް ދެވޭތޯއެވެ. އެފަދަ ގޮތެއް މެދުވެރިވުމުން އުފާކޮށް ހިތްހަމަޖެހުން ލިބިގަތުމަށެވެ.
އިންސާނުންގެ ޙާލަތު މިހިސާބަށް ދިއުމުން ބުނަން އޮތީ ކީކޭހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވަނީ އަޚްވަންތަކަން ދެމެހެއްޓުމަށެވެ. އެކަކު އަނެކަކަށް ހެޔޮއެދި އެހީތެރިވުމަށެވެ. އަދި އުންމަތުގެ އެންމެންނަކީ އަޚުން ކަމުގައެވެ.
އަހުރެން މިބުނަނީ އެކުވެރިން ނުގެންގުޅުމަކަށް ނޫނެވެ. ނަމަވެސް ވިސްނައި ފަރުވާތެރިވުމަށެވެ. ގިނަބައެއްގެ ކިބައިން ފެންނަމުންދާ މިފަދަ ސިފަތައް ތިބާގެ އެކުވެރިންގެ ކިބައިގައިވެސް ހުންނާނެކަން ޤަބޫލުކޮށްގެން އެކުވެރިން ގެންގުޅުމަށެވެ. ކޮންމެ ކަމެއްގައިވެސް ބުއްދީގެ ބޭނުން ހިފުމަށެވެ.
--ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން