ފާފަކުރެވުނީތީ މާޔޫސްވުމެއް ނެތް! މާޔޫސްވާންޖެހޭނެ ހަމައެކަނި ސަބަބަކީ ތައުބާ ނުވެވި ހުރިނަމަ! ނަމާދު ނުކުރެވޭނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ފާފަކުރެވުނީތީ މާޔޫސްވުމެއް ނެތް! މާޔޫސްވާންޖެހޭނެ ހަމައެކަނި ސަބަބަކީ ތައުބާ ނުވެވި ހުރިނަމަ! ނަމާދު ނުކުރެވޭނަމަ!

ފާފައެއް ކުރެއްވުނު ޞަޙާބީއަކު އެއްސުވަހަކު އެވާހަކަ ދަންނަވަން ވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވީ މިސްކިތުގައި މަޑުކުރެއްވެވުމަށެވެ. ފަރުޟު ނަމާދުގެ ޖަމާޢަތް ނިމުމުން ޞަޙާބީ އެވާހަކަ ދެންނެވުމުން ޙަދީޘްފުޅުކުރެއްވެވީ ޖަމާޢަތުގައި ނަމާދުކުރެއްވެވުމުން މިހާރު ފާފަފުއްސަވައިދެއްވަވާފައިވާކަން ދޭހަވާފަދަ ގޮތަކަށެވެ. 

މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށްވެސް މިއަދު އެންމެ ބޮޑަށް ކަންބޮޑުވެވެނީ އެމީހުންގެ ޢަމަލުތައް ސީދާނުކުރެވޭތީއެވެ. އަދި ބައެއް ފަހަރު ފާފަކުރެވޭތީއެވެ. ފާފައެއް ކުރެވުމުން އެއީ ތިމާގެ ނިމުން ކަމަށް ޤަބޫލުކުރެވޭތީއެވެ.  

ޚަލީފާއިންގެ ޒަމާނުގައި މުސްލިމުންނަކީ ވަރަށް ތެދުވެރި ބައެކެވެ. އަދި އެމީހުން ދިއައީ ހުރިހާ ކަންކަމުގައިވެސް ޚަލީފާއިންގެ ލަފާފުޅު ހޯދަމުންނެވެ. ކުށެއް ކުރެވުނަސް އަވަސްވެ ގަންނަނީ އަވަހަށް ޚަލީފާގެ އަރިއަހަށްގޮސް ކުރެވުނު ކަންތަކުގެ ވާހަކަ ދެންނެވުމަށެވެ.  

މިގޮތުން ފާފައެއް ކުރެވިގެން ކަންބޮޑުވެގެން އަންނަ ބައެއް މީހުންގެ ގާތުގައި ޚަލީފާއިން ވިދާޅުވަނީ ވުޟޫކޮށްލައިގެން 2 ރަކްއަތް ކޮށްލުމަށެވެ. އެނަމާދުކޮށްލުމުން ވިދާޅުވަނީ ތަބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމަށެވެ. ދުޢާކުރުމުން ވިދާޅުވަނީ ކުރިންވެސް އުޅުނު ގޮތަށް އުޅެން ދިއުމަށެވެ. އެގޮތަށް އެވިދާޅުވަނީ ފާފަކުރެވޭ ޞަޙާބީންނާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމް އެގޮތަށް ޢަމަލުފުޅުކުރައްވަވާފައިވާތީއެވެ.  

މީގެ މާނައަކީ ދީނުގައި ހައްދު ކަނޑައެފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ނުދެއްވަވައި ދޫކޮށްލައްވަވާ ވާހަކައެއް ނޫނެވެ. މިބުނަނީ އެނޫން ފާފަތަކުގެ ވާހަކައެވެ. ބޮޑެތި ފާފަތަކަށް ތައުބާވުމަކީ ވަކި ކަމެކެވެ.  

އެއްވެސް މީހަކު އެހެން މީހެއްގެ ޙައްޤަކަށް އަރައިނުގަންނަ ނަމަ އަދި ބޮޑު ފާފައެއް ނުކުރާނަމަ އެމީހާއަށް ކުރެވޭ ކުދިފާފަތަކަށް ﷲ ތަޢާލާ ޢަފޫކޮށްދެއްވަވާނެތެވެ. އަދި އެމީހާއަށް ނުއެނގިވެސް އެކަން ހިނގަމުންދާނެތެވެ. އެކަން ހިނގާމަގުތައްވެސް އަހުރެމެންނަށް އެބަ އެނގެއެވެ.  

މިޘާލަކަށް އެއް ނަމާދުން އަނެއް ނަމާދާއި ދެމެދު ކުރެވޭ ފާފަތައް ފުއްސަވައި ދެއްވަވަތެވެ. ނަމާދުގެ ވަޤުތުތައް ބަޔާންކުރައްވާފައިވާ ގޮތަށް ބަލާއިރު ކޮންމެ ކަމެއްވެސް ކުރެވޭނީ އެއް ނަމާދުން އަނެއް ނަމާދާއި ދެމެދުގައެވެ.  

ވީމާ އެއްވެސް ޙާލެއްގައި މުސްލިމުންނަކީ ފާފަކުރެވޭތީ ބިރުގަންނަން ޖެހެންވީ ބައެއް ނޫނެވެ. ބިރުގަންނަން ޖެހޭނީ ތައުބާ ނުވެވި ހުރެވޭނަމައެވެ. ތައުބާވުން ލަސްކުރެވޭނަމައެވެ. އެއީ ތައުބާ ނުވެވި ހުއްޓައި މަރުވެދާނެ ކަމަށްޓަކައެވެ.  

ވީމާ އިސްލާމްދީނަކީ ބުރަ ދީނެއްކަމަށް ހީނުކުރާށެވެ. ސަލާމަތްވާން މަސައްކަތްކޮށްފިނަމަ ވަށައިގެން ފެންނާނީ ސަލާމަތްވެވޭނެ މަގުތަކެވެ. މިކަންކަމަށް ވިސްނައިފިނަމަ މުސްލިމުން އަބަދުވެސް ތިބޭނީ އުފަލުގައެވެ. ﷲ ތަޢާލާގެ ރަޙްމަތަށް ޔަޤީންކޮށްގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން