ތިބާ ބޭނުންވާ ކަންކަމުގެ ލިސްޓަށް ޢަމަލުކުރަން އެއްބަސްނުވާ މީހަކު ދެކެ ލޯބިނުވާތި! ލޯބިވެގެން އުޅެނިކޮށް ފޭލްވެއްޖެނަމަ ވަޤުތުން ވަކިވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ތިބާ ބޭނުންވާ ކަންކަމުގެ ލިސްޓަށް ޢަމަލުކުރަން އެއްބަސްނުވާ މީހަކު ދެކެ ލޯބިނުވާތި! ލޯބިވެގެން އުޅެނިކޮށް ފޭލްވެއްޖެނަމަ ވަޤުތުން ވަކިވާތި!

ފުރަތަމަ ކަމަކަށް ލޯބިވުމަކީ ކޮބައިތޯ ބަލައިލާއިރު ލޯބިވުމަކީ ހަމައެކަނި އަނެކާދެކެ ލޯބިވުން ކަމަށް ހަދައިފިނަމަ ފުރަތަމަވެސް އެއޮތީ ފޭލްވެފައެވެ. ރަޙިމުގެ ގުޅުމުގެ ބޭރުން މީހަކުދެކެ ލޯބިވާންޖެހޭނީ ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރުމަށެވެ.  

މިބުނަނީ އެއްވެސް ޙާލެއްގައި އަމިއްލަ އެދުން ބޮޑުކޮށް ތިމާބޭނުންވާ ހުރިހާ ކަމަކަށް އަނެކާގެ ކިބައިން އެދުމަކަށް ނޫނެވެ. އެކުވެރިން ދެކެ ލޯބިވާންވީ ހިތްހެޔޮކަމާ އެކުވެރިކަން ލިބުމަށެވެ. ޙަޔާތަށް ބައިވެރިއަކު ގެންނަނަމަ ދިރިއުޅުމުގައި ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރުމަށެވެ. ތިމާ އެދޭ ގޮތަށްވެސް ކަންކަން ކުރުމަށެވެ.  

މިޘާލަކަށް ލޯބިހުށަހަޅާއިރަށް އޭނާގެ އަތުން ފޯނަކަށް އެދުމެއް ނެތެވެ. ނަމަވެސް ލޯބިން ވާހަކަދައްކައި މުޢާމަލާތުކުރަން ޝަރުޠުކުރަންޖެހެއެވެ. ނުބައި ބަސްތައް ނުބުނުމަށްވެސް ޝަރުޠުކުރަން ޖެހެއެވެ. ނަމަވެސް ގިނަ ފަހަރު އެދެވެނީ ފޯނަކަށެވެ. މިބުނިމަގުން ކުރަންޖެހޭ ޝަރުޠުތަކުގެ ވާހަކަވެސް އޮންނަނީ ނުދެކެވިފައެވެ. އެހިސާބުން އެއޮތީ ފޭލްވެފައެވެ.   

ވީމާ މީހަކު ލޯބި ހުށަހަޅައިގެން ނަމަވެސް އަދި އަމިއްލައަށް މީހަކު ދެކެ ލޯބިވެގެން ނަމަވެސް މީހަކާއިއެކު ލޯބީގެ ގޮތުން ގުޅުން އުފައްދާނަމަ އޭނާގެ ކިބައިން ތިމާ އެދޭ ކަންކަމުގެ ލިސްޓް ވަރަށް ފުރިހަމައަށް ކިޔައިދޭންވާނެއެވެ. ގުޅެންވާނީ އެމީހަކު އެކަންކަމަށް އެއްބަސްވާނަމައެވެ.  

ގުޅުން އުފައްދައިފިނަމަ އަދި ގުޅުން ކުރިއަށް ގެންދާއިރު އެކަންކަމަށް ފޭލްވާ މީހުންނާއި އޮތީ ވަކިވުމެވެ. ސަބަބަކީ އެމަރުޙަލާގައި ފޭލްވި މީހެއްގެ ކިބައިން ޒަވާޖީ ޙަޔާތުގައި މާބޮޑެތި މައްސަލަތައް ކުރިމަތިވާނެތީއެވެ. އެއިރުން ލިބޭ ހިތްދަތިކަން މާބޮޑުވާނެތީއެވެ.  

ގިނަ ފަހަރަށް ކަންކަން ވާގޮތަކީ މިބުނި ލިސްޓް ކިޔައިނުދެވެނީއެވެ. ގުޅުން އުފައްދަން އަވަސްވެގެނެވެނީއެވެ. ގުޅުމުގެ ވަކި ހިސާބަކުން ލިސްޓްގައި ހުރި ކަންކަން ކިޔައިދޭން ފެށުމުން މައްސަލަތައް ކުރިމަތިވަނީއެވެ.  

އެއިރު އޮންނަނީ ދެމީހުންނަށް ވަކިވާން އުނދަގޫ ޙާލަތަކަށް ކަންކަން ގޮސްފައެވެ. މާބޮޑަށް ލޯބިވެވިފައެވެ. އެފަދަ ގޮތަކަށް އުޅެމުން ގޮސް ކައިވެނިކުރާ ހިސާބުން ބޮޑެތި މައްސަލަތައް ކުރިމަތިވެ މާބޮޑަށް ހިތްދަތިކަން ލިބެއެވެ.  

މިޒަމާނަކީ ލިޔެކިޔުމުން ވެވޭ އެއްބަސްވުންތަކަށްވެސް ޢަމަލުނުކުރުން ގިނަވަމުން އަންނަ ޒަމާނެވެ. ވަޢުދާއި އަހުދުތަކުގައި އަގެއް އޮންނަ ކަމަށް ނުބަލައި އެމީހަކު ބޭނުންވާ ގޮތަކަށް ކަންކަ ބަދަލުކުރަމުން ގެންދާ ޒަމާނެވެ. ވީމާ އަނގަބަހުން ވެވޭ އެއްބަސްވުންތަކުގައި މާބޮޑު ބުރަދަނެއް ނުވެސް އޮންނާނެއެވެ.  

ދެމީހުންގެ ގުޅުން ފަށަމުން ވެވޭ އެއްބަސްވުންތަކަށް ޢަމަލުނުކުރާނަމަ އެހިސާބުން ގުޅުން އަވަހަށް ނިންމާލަން މިބުނަނީ އެފަދަ ސަބަބުތަކަށްޓަކައެވެ.

 

 

 

މިއަދު އޮންލައިން