ނަމާދުކުރަމުން ފާފަތައްކުރަނީ ކީއްވެ؟ ފާފައިގެކޮޅަށް މީޒާން ބަރުނުވާނެކަން ޔަޤީންވަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ނަމާދުކުރަމުން ފާފަތައްކުރަނީ ކީއްވެ؟ ފާފައިގެކޮޅަށް މީޒާން ބަރުނުވާނެކަން ޔަޤީންވަނީތަ؟

ބައެއް މީހުން އުޅޭގޮތުން ހީވަނީ އެމީހުން ކުރާ ނަމާދުން ލިބޭނެ ޘަވާބާއި ކުރާ ފާފަތަކަށް ދެއްވަވާނެ ޢަޛާބުގެ ބުރަދަން އެމީހުންނަށް އެނގޭހެންނެވެ. އެހެންވެ އަޅައި ކަނޑަނީހެންނެވެ. ބަަލ ފުރަތަމަ ކަމަކަށް ތިބާ ކުރި ނަމާދު ޤަބޫލުފުޅު ކުރެއްވެވިކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟  

އަހުރެމެންގެ ތެރެއިން ބައެއް މީހުން ފަރުޟު 5 ނަމާދުކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރަން ފަހެއް ނުޖެހެއެވެ. ބަނގުރާ ބުއިމާއި ފާޙިޝް ޢަމަލުތައް ކުރުމާއި ދޮގުހެދުމާއި ދެބައުޑުވުމާއި މީސްތަކުންނަށް މަކަރު ހެދުން ފަދަ އެތައް ކަމެއް އެބަކުރެއެވެ.  

މިއީ އިޞްލާޙްކުރަންޖެހޭނެ ކަންކަމެވެ. ފާފަކުރަމުން ގެންދާނަމަ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާނެއެވެ. ވީމާ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް އެކިވަރުގެ މުޞީބާތްތައް ކުރިމަތިވާނެއެވެ. 

ކޮންމެ މުސްލިމެއްގެ މައްޗަށް ނަމާދުކުރުން ވަނީ ފަރުޟު ކުރައްވަވާފައެވެ. ނަމާދުކުރާކަން އެއީ އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިވާކަން އަންގައިދޭ ކަމެކެވެ. އަދި ސުވަރުގެ ދާން ބޭނުންވާކަންވެސް އަންގައިދޭ ކަމެކެވެ. ވީމާ އެމީހަކީ ހެޔޮ މަގަށް ޢަމަލުކުރަން މަސައްކަތްކުރާ މީހަކު ކަމަށް ބުނެވިދާނެއެވެ.  

ދެން އޮތީ މީހާގެ ޢަމަލުތައް އިޞްލާޙްކުރުމެވެ. މީހާގެ ޢަމަލުތައް އިޞްލާޙް ނުކުރާނަމަ އެމީހާ ކުރާ ހެޔޮޢަމަލުތަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިޘާލަކަށް ނަމާދުކުރިނަމަވެސް އޭނާ ކުރި ޢަމަލުތައް މީޒާނުގައި ކިރަން ނުޖެހިއެއް ނުދާނެއެވެ. ވީމާ ތިލަފަތުގައި ފާފައިގެ ކޮޅަށް ބަރުވިއަނުދޭން މަސައްކަތްކުރަންޖެހޭނެއެވެ.  

ކޮންމެފަދަ ނުބައި ޢަމަލެއް ކުރެވޭކަމުގައިވީނަމަވެސް ނަމާދުކުރަން ޖެހޭނެއެވެ. ހަމައެއާއިއެކު ކުރެވޭ ނުބައި ޢަމަލުތައް ކުރުން ހުއްޓާލަން މަސައްކަތްކުރަންވެސް ޖެހޭނެއެވެ. ނަމާދުކުރާ މީހާއަށް އެކަމަށް މަގުފަހިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ. ނަމަވެސް އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ.  

ކުރެވޭ ފާފަތަކަށް ބިރުވެތިވާށެވެ! ތައުބާވުން ގިނަކުރާށެވެ! އެއިރުން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން