ގިނަ ބައަކު އެމީހުންނަށް ލިބިފައިވާ ތަނަވަސްކަން ގެއްލިދާނެތީ ކަންބޮޑުވެއެވެ. ފަޤީރުވެދާނެތީ ބިރުގަނެއެވެ. އެހެންވެ ފަޤީރުވެދާނެކަމުގެ ބިރަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރެއެވެ. ކާފިރުންނާއި ގުޅުން ބަދަހިކޮށް އަޅުވެތިވެއެވެ.
މުސްލިމުންގެ ތެރޭގައި ތިބި ބައެއް މީހުންގެ ޙާލުވެސް ހުރީ މިގޮތަށެވެ. މިއަދު ގިނަ އިސްލާމީ ޤައުމުތަކުގެ ވެރިންގެ ޙާލުވެސް ހުރީ ހަމައެގޮތަށެވެ. އަހުރެން ދެކޭ ގޮތުގައި އެއީ ކޮންމެ މީހަކު ނަމަވެސް ތިމާއަކީ މުސްލިމެއްކަމަށް ބުނަން އެމީހަކު ލަދުގަންނަން ޖެހޭއެވެ.
އިޚްލާޞްތެރި މުސްލިމުންގެ ސިފަ މުޅިން ތަފާތުވާނެއެވެ. ޢަމަލުތައްވެސް ތަފާތުވާނެއެވެ. އެމީހުންގެ ކުރިމަތީގައި ތަނަވަސްކަން އެއީ އެއްވެސް އަގެއްހުރި އެއްޗަކަށް ނުވާނެއެވެ. މުހިންމުވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ހިތް ފުރާނީ ފައިސާއަކުން ނޫނެވެ. ﷲ ތަޢާލާއަށް އޮންނަ ލޯބިންނެވެ.
އެކަން ތިރީގައިވާ ލިޔުމުން ޔަޤީންކުރެއްވޭނެއެވެ. އިން ޝާ ﷲ
"އަހުރެންނަކީ މުސްލިމަކަށްވުމުގެ ކުރީގައި ސިޔާސީ ޕާޓީ، ޕީއެފްއެފްގައި އިސްދައުރެއް އަދާކުރަމުން އައި މީހަކީމެވެ. ފައިސާ ލިބެއެވެ. ދިރިއުޅެމުން އައީ ތަނަވަސްކަމާއިއެކުގައެވެ.
ނަމަވެސް އަހުރެންވެ އިސްލާމްވެ މުސްލިމަކަށްވުމުން އެޕާޓީގައި އަހުރެންނަކަށް އެއްވެސް ޖާގައެއް ނެތެވެ. ވީމާ ޕާޓީ ދޫކޮށްލީއެވެ. މިހާރު ދިރިއުޅެނީ ވަރަށް އާދައިގެ ފެންވަރުގައެވެ. ކިރިޔާ ފުދިގެންނެވެ.
އެކަން އަހުރެންނަށް އެއްވެސް މައްސަލައަކަށް ނުވިއެވެ. އަތަށްއަރާ ފައިސާގެ ޢަދަދު މަދުވިނަމަވެސް ލިބުނު ހިތްހަމެޖެހުން މާބޮޑުވެ. މިހާރު މިހުންނަނީ ހިތްފުރިގެންވާ މީހެއްގެ ގޮތުގައެވެ. އަބަދުވެސް ހިތްހަމަޖެހިގެންނެވެ. ހަމަގައިމުވެސް އަހުރެން މިހާރު ދިރިއުޅެނީ ޙަޔާތުގައި ދިރިއުޅެވުނު އެންމެ އުފަލުގައެވެ. އެންމެ ބޮޑަށް ހިތްހަމަޖެހިގެންނެވެ."
މިހުރީ އަލަށް އިސްލާމްވާ މީހުންގެ ވާހަކަތައް ހުރި ގޮތެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އަޅުގަނޑުމެންގެ ތެރެއިން މިފަދަ ބަހެއް ބުނެލަން ކެރޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ތަނަވަސް ދިރިއުޅުން ދޫކޮށްލައި ﷲ ތަޢާލާއަށް އީމާންވެހުރިކަމުގެ ނިޢުމަތުން ހިތްފުރާލަންކެރޭނީ ކިތައް މީހުންނަށް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން