ބައެއް މީހުންގެ ގާތުގައި ތިބާ ޤުރްއާން ކިޔަވަމުތޯ ސުވާލުކޮށްފިނަމަ ޖަވާބުގައި ބުނާނީ ކިޔަވަން ބޭނުންވާ ކަމަށާއި ނަމަވެސް ބުރަކޮށް ގިނަ ވަޤުތު މަސައްކަތްކުރަންޖެހޭތީ ނުކިޔެވެނީ ކަމަށެވެ.
ބުނަންހެއްޔެވެ؟ އަޑުއަހާށެވެ! ވަޤުތު ނުވިޔަސް ޤުރްއާން ކިޔަވާށެވެ! ކިތަންމެ ކުޑަކުޑަ މިންވަރެއް ނަމަވެސް ކިޔަވާށެވެ! ޤުރްއާން ކިޔެވުމަކީ އެމީހެއްގެ ވަޤުތުގައި ބަރަކާތް ލައްވަވާނެ ކަމެކެވެ. އިން ޝާ ﷲ. އަދި މިއީ ކީރިތި ޤުރްއާނާއި ގުޅިފައިވާ ސިއްރުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
އެއްވެސް މީހަކީ އަބަދު މަސައްކަތް ކުރާނެ މީހެއް ނޫނެވެ. ތަނެއްގައި އިށީނދެލެވުމުން އިޚްލާޞް ސޫރަތް ކިޔަވައި ނުލެވެންވީ ކީއްވެގެން ހެއްޔެވެ؟ އަހުރެންނަށް ވިސްނޭ ގޮތުން 10 ވަރަކަށް ފަހަރު އިޚްލާޞް ށޫރަތް ކިޔަވަން ނަގާނީ 10 ވަރަކަށް މިނިޓް އިރެވެ.
އެންމެ ރަނގަޅެވެ. ވަޤުތު ނުވާތީ ދޭތެރެއަކުންނަމަވެސް މިބުނި މިންވަރަށްވެސް ޤުރްއާން ކިޔަވައި ނުލެވެނީއެވެ. އެކަމަކު ހަމަ އެދުވަހު ތިބާ އެކި މީހުންނާ ކިހައި އިރެއްވަންދެން ފޯނުން ވާހަކަދެއްކުމާއި އެހެންވެސް ކަންކަން ކުރިންހެއްޔެވެ؟ ވީމާ މަސައްކަތް ބުރަވެގެން ވަޤުތުނުވާތީ ނުކުރެވޭ ކަމަކަށް ތިއަހަދަނީ ޤުރްއާން ކިޔެވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ކުރަންޖެހޭ "ކޯލް" ކުރުމެވެ. އެއިރުން މިވަނީ ކިހިނަކުން ހެއްޔެވެ؟
ނިންމައިލަމުންވެސް ބުނަމެވެ. ޤުރްއާން ކިޔަވާށެވެ! ތިބާގެ ވަޤުތުގައި ބަރަކާތް ލައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: އުސްތާޛް ސާމިހް ޖާދުގެ ބަސްފުޅަކުން