ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެ ދުޢާއެއްވެއެވެ! އެދުޢާއަކީ ދަރިންނަށްޓަކައި މައިންބަފައިން ކުރާ ދުޢާއެވެ. ދަރިންނަށް ހެޔޮ ރަޙްމަތް ލައްވަވައި ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުން އެދިގެން ކުރާ ދުޢާއެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! ތިމާއަށްޓަކައި ހެޔޮދުއާ ކޮށްދިނުމަށް އެދޭށެވެ. އަދި ނުއެދުނަސް މައިންބަފައިން ތިމާއަށްޓަކައި ހެޔޮދުޢާކުރާނެ ގޮތަށް ޢަމަލުތައް ބަހައްޓާށެވެ! ﷲ ތަޢާލާ ތިބާގެ ޢަމަލުތަކަށް ބައްލަވައިވޮޑިގެންވެއެވެ. އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. ތިބާއަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
ހަމަ އެއާއިއެކު މައިންބަފައިން ނިޔާވެއްޖެނަމަ އެމީހުންނަށްޓަކައި ހެޔޮދުއާކުރުން ގިނަކުރާށެވެ! އެއީ އެކަމުގެ ސަބަބުން މައިންބަފައިންގެ އިތުރުން ދުޢާކުރާ ދަރިފުޅަށްވެސް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެ ކަމެކެވެ.
ހިތާމަކުރަންޖެހޭ ފުރަތަމަ ކަމަކީ މައިންބަފައިންގެ ހެޔޮދުޢާ ޙައްޤުވާފަދަ ގޮތަށް މައިންބަފައިންނާއިމެދު ޢަމަލުތައް ނުބެހެއްޓޭ ކަމެވެ. ދެވަނަ ކަމަކީ މައިންބަފައިން މަރުވުމުން އެންމެ ކުޑަމިނުން އެމީހުންނަށްޓަކައި ހެޔޮދުޢާކުރަންވެސް ހަނދާންނެތޭ ކަމެވެ. މިއީ ތިމާއަށް ހެޔޮ ރަޙްމަތް ލެއްވެވުމަށް ހުރަސްތައް ކުރިމަތިވާ ކަންކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން