ﷲ ތަޢާލާ އަހުރެމެންގެ ދިރިއުޅުން މިންވަރުކުރައްވަވާފައި މިވަނީވެސް ވިސްނައިފި މީހަކަށް ޢިބްރަތަކަށްވާނެ ގޮތަކަށެވެ. ކާބޯތަކެތި ބޭނުންވާނަމަ ހައްދަނަޖެހެއެވެ. ނޫނީ ޖެހޭނީ އަގުދީފައި ގަންނާށެވެ. ސާފުބޯފެން ބޭނުންވާނަމަ އުފައްދާނެ މެޝިނަރީ ގަންނަން ޖެހެއެވެ. ނޫންނަމަ ޖެހޭނީ އަގުދީފައި ގަންނާށެވެ.
ދުނިޔަވީ ޙަޔާތުގެ ކޮންމެ ކަމަކަށް ބެލިނަމަވެސް ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރެވެނީ އަގުދީގެން ނޫންހެއްޔެވެ؟ ބޭނުންވާ އެއްޗެއް ގަންނަން ލިބެނީވެސް އަގުދިނީމާ ނޫންހެއްޔެވެ؟ އަނބިމީހާއަށް ރަން އަދާކުރަންޖެހެއެވެ. ތިބާ ދަނީ ޗުއްޓީ ހޭދަކޮށްލަން ކަމަށްވީނަމަވެސް އަގު އަދާނުކޮށް އެއްވެސް ޚިދުމަތެއް ލިބޭ ހެއްޔެވެ؟ ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި މިހެންގޮސް ހަމަ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެނީ އަގު އަދާކޮށްގެން ނޫންހެއްޔެވެ؟
އެހެންކަމަށްވާއިރު ތިމާ މަރުވުމުން ލިބެން ހުރި ނިޢްމަތްތައް ހޯދަން ކުރަންޖެހޭ މަސައްކަތް ނުކޮށް އެ ނިޢްމަތްތައް ހޯދޭނީ ކިހިނަކުންހެއްޔެވެ؟ ކައްވަޅުގެ ޢަޛާބުން ސަލާމަތްވެވުމާއި ކައްވަޅަކީ ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގޭގެ ބަގީޗާއެއްކަމުގައި ލެއްވެވުމާއި އަދި ޤިޔާމަތްދުވަހު ނަރަކައިން މިންޖުވެވި ސުވަރުގެ ލިބުމަށްވެސް އަގެއްވެއެވެ.
އެއަގަކީ ހަމައެކަނި ފައިސާއިން އަދާކުރެވޭނެ އަގެއް ނޫނެވެ. ފައިސާ ހުރިނަމަ ޞަދަޤާތްކުރުމަކީވެސް އަޅުކަމެކެވެ. އެއިގެ އިތުރުން ދެންކުރަންޖެހޭ ކަންކަން ކުރަންޖެހޭނީ އެމީހަކު އަމިއްލައަށެވެ. ނަމާދުކުރުން، ރޯދަހިފުން، ޙައްޖުވުން މިހެން ގޮސް ކޮންމެ މީހަކުވެސް އަމިއްލައަށް އަދާކުރަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިއެއްގެ ޒަވާޖީ ޙަޔާތަށް ބެލިނަމަވެސް އުފާވެރިކަން ލިބުންވަނީ އުފަލުގައި ދިރިއުޅެން މަސައްކަތްތަކެއްކޮށްގެންނެވެ. އަތްމަތި ތަނަވަސްވުމަށް އެދޭމީހާއަށްވެސް އޮތީ އެކަމަށް އެދިގެން މަސައްކަތްކުރުމެވެ. ތަޢްލީމް ޙާޞްލިކުރެވެން އޮތީވެސް އެކަމަށް މަސައްކަތްކޮށްގެންނެވެ. މިހެންގޮސް ވަކިކަމެއް ނޫނެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެން އޮތީ އެމީހަކު އެކަމަކަށް އެދިގެން މަސައްކަތްކޮށްގެންނެވެ.
އެހެންކަމަށްވާއިރު މަރުވުމުން ތިމާއަށް ބޭނުންވާ އުފާވެރިކަމާއި ސުވަރުގޭގެ ނިޢުމަތްތައް ހިލޭ ލިބެން އެދުމަކީ ދެކޮޅުޖެހޭނެ ކަމެއްހެއްޔެވެ؟ ބުއްދީގެ ބޭނުންކޮށްލައިގެން ވިސްނާލައިފި ކޮންމެ މީހަކަށްވެސް ޖަވާބު އެނގޭނެއެވެ. އެޖަވާބަކީ ސުވަރުގެ އެދިގެން އަބަދުވެސް މަސައްކަތްކުރަން ޖެހޭނެކަން އެނގޭނެއެވެ. ކުރަން އެއަށްވުރެ ފައިދާހުރި މަސައްކަތެއް ނެތްކަންވެސް އެނގޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން